މ. ކޮޅުފުށިން ނެގި ރޭންޑަމް ސާމްޕަލެއް ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން އެ ރަށް އަނެއްކާވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

ކޮޅުފުށީ ކައުންސިލްގެ ރައީސް ހުސެއިން ޝާމިލް "މިހާރު" އަށް މިރޭ ވިދާޅުވީ އެ ރަށް މޮނިޓަރިންއަށް ލާން ނިންމީ، މިދިޔަ އަންގާރަ ދުވަހު ނެގި 111 ސާމްޕަލްގެ ތެރޭން އެއް ސާމްޕަލް ޕޮޒިޓިވްވިކަން އެނގުމުން ކަމަށެވެ. އެއަށް ފަހު ކޮންޓެކްޓް ޓްރޭސިން ހެދުމަށް ފަހު 60 އަށް ވުރެ ގިނަ މީހުންގެ ސާމްޕަލް ނަގާފައިވާ ކަމަށާއި ބައެއް ގޭގެ ކަރަންޓީންކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެ ރަށުން މާލެ ދަތުރުކުރި މީހަކު މިދިޔަ މަހު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން، ރެންޑަމް ސާމްޕަލް ނެގުމަށް ފަހު ރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަން އެނގުމުން މިދިޔަ މަހުގެ 26 އިން މި މަހުގެ 11 އަަށް އެ ރަށް އޮތީ މޮނިޓަރިންގެ ހާލަތުގަ އެވެ.

"އެހާ ކުޑަ ދުވަސްކޮޅަކަށް ރަށް މޮނިޓަރިން އަށް ލާފައި އޮތުމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ލަފާދިނީ ވަކި މުއްދަތެއް ވަންދެން ދޭތެރެ ދޭތެރެއިން ރެންޑަމް ސާމްޕަލް ނަގަން. އެހެންވެ ނެގި ސާމްޕަލްތަކަކުން މީހަކު ޕޮޒިޓިވްވީ،" އޭނާ ވިދާޅުވި އެވެ.

ކޮޅުފުށި މީގެ ކުރިން މޮނިޓަރިންގެ ހާލަތަށް ލާފައި އޮތް ދުވަސްވަރު 30 އަށް ވުރެ ގިނަ މީހުން އެ ރަށުން ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުން މިހާރު ދަނީ އިތުރުވަމުންނެވެ. އިއްޔެ ޕޮޒިޓިވްވި 145 މީހުންނާ އެކު މިހާތަނަށް ރާއްޖެ އިން ވަނީ 18،612 މީހުންނަށް ބަލިޖެހިފަ އެވެ. މިހާތަނަށް 60 މީހަކު ވަނީ ކޮވިޑް ޖެހިގެން މަރުވެފަ އެވެ.

މި ބަލިން ރައްކާތެރިވާން މި މަހުގެ ފުރަތަމަ ދުވަހު ވަނީ ރާއްޖޭގައި ވެކްސިން ދޭން ފަށައިފަ އެވެ. މިހާތަނަށް 70،000 އަށް ވުރެ ގިނަ މީހުންނަށް ވެކްސިން ދީފައިވެ އެވެ.