މ. ކޮޅުފުށިން ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ރަށަށް އަރައިފޭބުން އެޗްޕީއޭ އިން ތިންވަނަ ފަހަރަށް މަނާކޮށްފި އެވެ.
ކޮޅުފުށީގެ އިތުރުން ށ. ފީވައް ވެސް މިއަދު ހެނދުނުން ފެށިގެން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު، އެ ހާލަތުގައި އޮތް ރަށްރަށުގެ އަދަދު މިހާރު ވަނީ 12 އަށް އިތުރުވެފަ އެވެ.
ކޮޅުފުށީގެ ރައީސް އަބްދުލް އަލީމް "މިހާރު" އަށް ވިދާޅުވީ އެ ރަށުން އިއްޔެ ނެގި 15 ރެންޑަމް ސާމްޕަލްގެ ތެރެއިން 12 ސާމްޕަލެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެ ބައްޔަށް ޕޮޒިޓިވްވެފައި ވަނީ އެ ރަށުގައި ދިރިއުޅޭ ބައެއް ކަމަށާއި ކޮންޓެކްޓް ޓްރޭސިން ކުރިއަށް ގެންދާތީ އިތުރު ތަފުސީލެއް އޭނާ ނުދެއްވަ އެވެ.
ފީވަކުގެ ރައީސް އަލީ ރަޝީދު ވިދާޅުވިގޮތުގައި އެ ރަށުން ރޭ ނެގި ތިން ރެ ންޑަމް ސާމްޕަލް ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.
އޭނާ ވިދާޅުވީ، ކޮވިޑުގެ ކޭސްތައް ފެނުނީ މާލެ އިން ފީވަކަށް ދިޔަ ބައެއްގެ ސަބަބުން ކަމަށެވެ.
ފީވަކާއި ކޮޅުފުށީގެ އިތުރުން މިހާރު މޮނިޓަރިންގައި ވަނީ އއ. ރަސްދޫ، އއ. ތޮއްޑޫ، ހދ. ކުޅުދުއްފުށި، ފުވައްމުލައް، ހއ. ދިއްދޫ، ށ. ފޯކައިދޫ، ކ. ކާށިދޫ، ގދ. ނަޑެއްލާ، ރ. ދުވާފަރު، އަދި ގއ. ކޫއްޑޫ އެވެ.
ކޮވިޑް ފެތުރޭތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިހާތަނަށް އެންމެ ގިނަ ދުވަހު މޮނިޓަރިންގައި އޮތީ ފުވައްމުލަކެވެ. މިދިޔަ މޭ މަހުގެ ހަ ވަނަ ދުވަހުން ފެށިގެން އެ ސިޓީ އޮތީ އެ ހާލަތުގަ އެވެ.