ޑެންގީ ހުމާއި ބޭރަށް ހިނގުމާ އެކު، ނޭވާލާ ނިޒާމުގެ ބަލިތައް ވެސް ގިނަވަމުންދާތީ ސަމާލުވުމަށް އެޗްޕީއޭއިން މިއަދު އިލްތިމާސްކޮށްފި އެވެ.

އެ އިދާރާއިން ނެރުނު އިއުލާނެއްގައި ބުނީ، ރާއްޖޭގެ އެކި ހިސާބުތަކުން ޑެންގީ ހުމާއި ނޭވާލާ ނިޒާމުގެ ބަލިތައް ޖެހިގެން ރިޕޯޓުކުރާ މިންވަރު މި ދުވަސްވަރު އިތުރުވެފައިވާ ކަމަށެވެ. ތަފާސްހިސާބުތަކާ ހަވާލާދީ އެޗްޕީއޭ އިން ބުނީ، ބޭރަށް ހިންގުމާއި ހޮޑުލުން މާލެ ސަރަހައްދުގައި އިތުރުވަމުންދާ ކަމަށެވެ.

އެހެންވެ، އެކަންކަމުން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅައި ސަމާލުވުމަށް ވަނީ އެދިފަ އެވެ.

އަރިދަފުސް ރޯގާއިން ސަލާމަތްވުމަށް؛

- މީހުން އެއްވެ އުޅޭ ތަންތަނަށް ނުކުމެ އުޅޭއިރު ނޭފަތާއި އަނގަ ރަނގަޅަށް ނިވާވާ ގޮތަށް މާސްކު އެޅުން

- ބަލި މީހުންނާއި ކުޑަކުދިން ގާތަށް ނުދިއުން

- ރޯގާގެ އަލާމާތްތައް ރަނގަޅުވަންދެން ސްކޫލު/ވަޒީފާ އަދި ގިނަ މީހުން އެއްވާ ތަންތަނަށް ކޮންމެހެން ދާންޖެހޭ ހާލަތެއްގައި ނޫނީ ނުދިއުން އަދި ދާނަމަ މާސްކު އެޅުން

ޑެންގީ އިން ރައްކާތެރިވުމަށް؛

- މަދިރި އުފެދި އާލާވާ ގޮތަށް ފެން ހަރުލާފައި ހުންނަ ތަންތަން ނައްތާލުން

- މަދިރި ނުހަފާނެހެން މަދިރި ލޯޝަން ބޭނުންކުރުން

ބޭރަށް ހިންގުމާއި ހޮނޑުލުމުން ރައްކާތެރިވާން؛

- ކާބޯތަކެތި މަތިޖަހާފައި ބެހެއްޓުން

- ބޭރަށް ހިންގައި، ހޮޑުލާ ނަމަ ގިނައިން އާރުއޯއެސް ނުވަތަ ދިޔާތަކެތި ބޭނުންކުރުން

- ކާބޯތަކެތި ތައްޔާރުކުރުމާއި ކާން ހެދުމާއި ކާން ދިނުމުގެ ކުރިން ރަނގަޅަށް އަތްދޮވުން

އެޗްޕީއޭއިން ވަނީ ހިތާއި ފުއްޕާމޭ އަދި ކިޑްނީގެ ބަލިތައް ފަދަ ދިގު މުއްދަތަކަށް ފަރުވާކުރަންޖެހޭ މީހުންނާއި އުމުރުން ދުވަސްވީ މީހުން، ބަލީގައި ބޮޑުވަރުވުމުގެ ކުރިން އަވަހަށް ޑޮކްޓަރަށް ދައްކައި ފަރުވާ ހޯދުމަށް އެދިފަ އެވެ. އޭގެ އިތުރުން؛

- މޭގައި ރިއްސުން/ނޭވާ ކުރުވުން ނުވަތަ ނޭވާލާން އުނދަގޫވުން ނުވަތަ  ނޭވާލާއިރު އަޑެއް އިވޭ ނަމަ ނޫނީ މާބޮޑަށް ވަރުދެރަވުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް އިމަޖެންސީ ފަރުވާ ހޯދުން

- ސިއްހީ އެހީތެރިއެއްގެ އިރުޝާދުގެ ދަށުން ނޫނީ ކަފް ސިރަޕް އަދި އެންޓިބަޔޮޓިކް ފަދަ ބޭސް ބޭނުން ނުކުރުން

- ހޮޑުލުމުގެ ސަބަބުން ދިޔާތަކެތި ނުބޮވޭނަމަ ނުވަތަ އާދަޔާ ހިލާފަށް ވަރުދެރަވުމާއި ކުޑަކަމުދާ މިންވަރު މަދުވުން ފަދަ ކަމެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުން