މ. ކޮޅުފުށީގައި ހުންނަ އަތޮޅު މަދަރުސާގެ މެނޭޖްމަންޓާ ދޭތެރޭ ހިތްހަމަނުޖެހި، އެ ސްކޫލުގެ ޓީޗަރުން މިއަދު މުޒާހަރާކޮށްފި އެވެ.
މިއަދު ހެނދުނު ދަރިވަރުން ސްކޫލަށް ހާޒިރުވުމުން، ކިޔަވައިނުދީ ޓީޗަރުން މުޒާހަރާކޮށްފައި ވަނީ އެ ސްކޫލްގެ ގޯތިތެރޭގަ އެވެ.
ކޮޅުފުށީ ކައުންސިލްގެ ރައީސް އަބްދުލް އަލީމް "މިހާރު" އަށް ވިދާޅުވީ އެ ރަށު ސްކޫލްގެ ޓީޗަރުންނާއި މެނޭޖުމަންޓާ ދެމެދުގައި ޖެހިގެން އުޅޭ މައްސަލައެއްގައި، ޓީޗަރުން މިއަދު ސްކޫލްގައި މުޒާހަރާކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރުމަށް މިހާރު ކައުންސިލުން ސްކޫލާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"ކިޔަވައިނުދޭތީ ދަރިވަރުން ވެސް މިހާރު ވަނީ ގެއަށް ފޮނުވާލައިފި،" އަލީމް ވިދާޅުވި އެވެ.
އެ ރަށުން ވާހަކަދެއްކި މީހަކު ބުނީ ޓީޗަރުން މުޒާހަރާކޮށްފައި ވަނީ ދިރާސީ އާ އަހަރު ފެށުމާ އެކު ވެސް، އެ ސްކޫލްގެ މެނޭޖުމަންޓުން ދަރިވަރުންގެ ފޮތްތައް ހަމަކޮށްދިނުމަށް މަސައްކަތްނުކުރާ ކަމަށް ބުނެ އެވެ. އަދި އެ ސްކޫލުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި ވެސް މެނޭޖުމަންޓުން ފަރުވާކުޑަކުރާ ކަމުގެ ޝަކުވާ ޓީޗަރުން ކޮށްފައިވާ ކަމަށް ބުންޏެވެ.