މާސްޓާސް ޑިގްރީ ހާސިލުކުރާ ޓީޗަރުންނަށް މަގާމުގެ ކުރިއެރުން ނުދެވެނީ ކުރީގެ ސަރުކާރުން މުސާރައިގެ އޮނިގަނޑު ހަދާފައި އޮތްގޮތުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ.އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝަފީއު ވިދާޅުވީ މާސްޓާސް ހަދާ ޓީޗަރުންނަށް ސްޓެޕް ޕްރޮމޯޝަން ދިނުމުގެ ކުރިން ހަތަރު އަހަރު ދުވަސް ހޭދަކުރަން ޖެހޭ ގޮތަށް ޕޭ ފްރޭމްވޯކް އެކުލަވާލީ އެމްޑީޕީގެ ވެރިކަމުގައި ކަމަށެވެ. އެގޮތަށް މަޑުކުރަން ޖެހޭ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ސްޓެޕް ޕްރޮމޯޝަންތަކެއް އަންނަ ކަމަށާއި އެ ޕްރޮމޯޝަންތައް މި ސަރުކާރުން ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ، މިހާރު އޮތްގޮތުން މާސްޓާސް ހެދި ޓީޗަރުން އެ ޓީޗަރުންގެ ފަންތިއަށް ބަދަލުކޮށްފިނަމަ ޑިގްރީ އޮތް ޓީޗަރަކަށް ވުރެ މުސާރަ ދަށްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޓްރާންސްފާކޮށްފި ކަމަށް ވަނީ ނަމަ މުދައްރިސުން، ޑިގްރީއެއް އޮވެގެން ލިބޭ މުސާރައަށް ވުރެ، ދެން މާސްޓާގެ އެ ހަރުފަތުގައި ލިބޭ މުސާރަ ދަށްވާ ގޮތަށް ޕޭ ފްރޭމްވޯކް މި އޮތީ،" އިސްމާއީލް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެއީ ސަރުކާރުން ހައްލުކުރަން ބޭނުންވާ ކަމެކެވެ. އަދި އެއީ ވަކި ފަރާތަކަށް އިނގިލި ދިއްކޮށްގެން ތިބެން ބޭނުންވާ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕޭ ފްރޭމްވޯކްގައި ހުރި އެފަދަ މައްސަލަތައް ހައްލުކުރާނީ އިސްމާއީލް ވިދާޅުވި ގޮތުގައި ޕްރިންސިޕަލުންނާއި ޓީޗަރުންނާ އެކު ކުރާ މަަޝްވަރާތަކެއްގެ ތެރެއިންނެވެ.