ސިންގަޕޫރުގެ މައިންޑް ޗޭމްޕްސް އިންޓަނޭޝަނަލް ޕްރީ ސްކޫލްގެ ގޮތްޕެއް ރާއްޖޭގައި ހުޅުވައި މިއަދު ކިޔަވައިދޭން ފަށައިފި އެވެ.

އެ ސްކޫލު ހުޅުވާފައި ވަނީ ރަށްދެބައިމަގުގައި ހުންނަ މއ. އަތަމާ ވިލާގަ އެވެ.

ސީދާ ޕްރީ ސްކޫލް ތައުލީމަށް ހާއްސަކޮށް އިމާރާތްކޮށް ޒަމާނީ ވަސީލަތްތަކާ އެކު ހުޅުވި އެ ޕްރީ ސްކޫލުގައި 700 ދަރިވަރުންގެ ޖާގަ ހިމެނެ އެވެ. 

އެ ސްކޫލުގެ ޕްރިންސިޕަލް ޑރ. އަމަތުﷲ ޝަކީބް (އަމަތު އާންޓީ) "މިހާރު" އަށް ވިދާޅުވީ މިއަދު ކިޔަވައިދޭން ފެށީ 67 ދަރިވަރުންނާ އެކު ކަމަށެވެ. އެ ސްކޫލަށް ވަނުމުގެ ފުރުސަތު އަދިވެސް ހުޅުވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދު ކިޔަވައިދޭން ފެށި މައިންޑްޗޭމްޕްސް ޕްރީ ސްކޫލު.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
މިއަދު ކިޔަވައިދޭން ފެށި މައިންޑްޗޭމްޕްސް ޕްރީ ސްކޫލު.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ގްރޭޑްތަކާއި އަގުތައް:

  • ޕްލޭ ގްރޫޕް (18 މަހާއި 30 މަހާ ދެމެދު ކުދިން): 4،850ރ.
  • ނާސަރީ (އެން1، 3 އަހަރު ވުމުން): 3،850ރ.
  • ނާސަރީ (އެން2، 4 އަހަރު ވުމުން): 3،850ރ.
  • ކިންޑާ (ކޭ1 ނުވަތަ އެލްކޭޖީ، 5 އަހަރު ވުމުން): 4،850ރ.
  • ކިންޑާ (ކޭ2 ނުވަތަ ޔޫކޭޖީ، 6 އަހަރު ވުމުން): 4،850ރ.

ކޮންމެ ގްރޭޑަކަށް ވެސް ތިން ގަޑިއިރު ސްކޫލުގައި ކިޔަވައިދޭއިރު، ޕްލޭ ސްކޫލް ކުދިންނާއި ނާސަރީ ކުދިން ގެންދަނީ ހެނދުނު 7:45 އިން 10:45 އަށް އަދި މެންދުރު 11:30 އިން މެންދުރު ފަހު 2:30 އަށެވެ. ކިންޑާ ދަރިވަރުން ދާނީ ހެނދުނު 7:00 އިން މެންދުރު 11:00 އަށް އަދި މެންދުރު 11:15 އިން މެންދުރުފަހު 3:15 އަށެވެ.

މިއަދު ކިޔަވައިދޭން ފެށި މައިންޑްޗޭމްޕްސް ޕްރީ ސްކޫލުގެ ކްލާސްރޫމެއް.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
މިއަދު ކިޔަވައިދޭން ފެށި މައިންޑްޗޭމްޕްސް ޕްރީ ސްކޫލުގެ ކްލާސްރޫމެއް.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ކިޔަވައިދިނުމުގެ މޮޑަލް ވަރަށް ތަފާތު

ހަތަރު ބުރިއަށް އިމާރާތް ކޮށްފައިވާ އެ އިމާރާތުގެ ގްރައުންޑް ފްލޯގައި ހުންނަނީ ހޯލެއްގެ އިތުރުން ޕްލޭގްރައުންޑެކެވެ. ފުރަތަމަ ފްލޯއިން ފެށިގެން ތިން ވަނަ ފްލޯއަށް 17 ކްލާސްރޫމު ހުރެ އެވެ. ތިން ވަނަ ފްލޯގައި ކްލާސް ރޫމުތަކުގެ އިތުރުން އޯޕަން ޕްލޭ ގްރައުންޑެއް ވެސް ހުރެ އެވެ.

ހަތަރުވަނަ ފްލޯގައި ހުންނަނީ މައިންޑްޗޭޕްސްގެ އެންމެ ހާއްސަ ތަނުގެ ގޮތުގައި ފާހަގަ ކުރެވޭ ޖިމެވެ.

އަމަތު ވިދާޅުވީ އެ ސްކޫލު ހާއްސަ ކުރެވެނީ ވަށާޖެހޭ ތައުލީމާއި ކުދިންގެ ޖިސްމާނީ ދުޅަހެޔޮކަމަށް ކަމަށެވެ.

"މާލޭގައި އާންމުކޮށް ހުންނަ ޕްރައިވެޓް ސްކޫލުތަކާ އެ ސްކޫލު ތަފާތުވާ ކަމަކީ ޖިސްމާނީ ދުޅަހެޔޮ ކަމުގެ ބައި ވަރަށް ނޯވޭ. އަޅުގަނޑުމެންގެ ސްކޫލަކީ ވަށާޖެހޭ ތައުލީމަށް ވަރަށް ބޮޑަށް ވިސްނާފައި ހަދާފައިވާ ސްކޫލެއް،" ޕްރީ ސްކޫލު ކުދިންނަށް ކިޔަވައިދިނުމުގައި ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ޓީޗަރު ވިދާޅުވި އެވެ.

މިއަދު ކިޔަވައިދޭން ފެށި މައިންޑްޗޭމްޕްސް ޕްރީ ސްކޫލުގެ ޖިމް-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
މިއަދު ކިޔަވައިދޭން ފެށި މައިންޑްޗޭމްޕްސް ޕްރީ ސްކޫލުގެ ޖިމް-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ކުދިންގެ ޖިސްމާނީ އަދި ސިއްހީ ދުޅަހެޔޮކަމަށް ވިސްނައިގެން ޑިޒައިންކޮށްފައިވާ ޖިމަކީ އެ ސްކޫލު ކަރިކިއުލަމްގެ އެންމެ މުހިއްމު އެއް ބައެވެ.

ނިއުރޯ މޫވްސް ޖިމާ ގުޅޭ ގޮތުން އަމަތު ވިދާޅުވީ އެ ތަނުން ކުދިންނަށް ވަރަށް ތަފާތު ހުނަރުތައް ދަސްކޮށްދޭނެ ކަމަށެވެ. އެގޮތުން ކުދިންގެ މޯޓޯ ސްކިލްސް، ކޯޑިނޭޝަން، އަދި ފިޓްނަސް އަށް އެހީތެރިވެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ސްކޫލްގައި ދިވެހި، އަރަބި އަދި އިނގިރޭސި ބަސް ކިޔަވައިދޭނެ އެވެ. އަދި އިސްލާމް މާއްދާ ކިޔަވައިދިނުމުގައި ދަރިވަރުން ދީނުގެ އަސާސްތަކަށް ޝައުގުވެރިވެ ދީނަށް ލޯބިޖެހޭ ގޮތަށް ކިޔަވައިދޭ ގޮތަށް ވަނީ ބައްޓަންކޮށްފަ އެވެ.

"އަޅުގަނޑުމެން ސްކޫލުގައި ހަމައެކަނި އިސްކަން ދޭނީ ކިޔުމާއި ލިޔުމަކަށް ނޫން. އަޅުގަނޑުމެން އަރަބި އެބަ ކިޔަވައިދޭން ބަހެއް ގޮތަށް. މި ސްކޫލުން ނިކުންނަ ކުދިންނަށް އެނގޭނެ އަރަބި ބަހުން ވާހަކަ ދައްކަން،" އަމަތު ވިދާޅުވި އެވެ.

މިއަދު ކިޔަވައިދޭން ފެށި މައިންޑްޗޭމްޕްސް ޕްރީ ސްކޫލުގެ އައުޓްޑޯ ޕްލޭގްރައުންޑެއް.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
މިއަދު ކިޔަވައިދޭން ފެށި މައިންޑްޗޭމްޕްސް ޕްރީ ސްކޫލުގެ އައުޓްޑޯ ޕްލޭގްރައުންޑެއް.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

މައިންޑްޗޭމްޕްސް އަކީ ސިންގަޕޫރުގެ ކަރިކިއުލަމެއް ނަމަވެސް ރާއްޖެއަށް އެ ސްކޫލު އައުމުން ވަނީ ރާއްޖެއަށް ހާއްސަކޮށް ކަރިކިއުލަމެއް ހަދައިފަ އެވެ. އެގޮތުން އެ ކަރިކިއުލަމް ރާއްޖޭގެ އެހެން ސްކޫލުތަކާއި ނޭޝަނަލް ކަރިކިއުލަމާ ވެސް ވަރަށް ބޮޑަށް ތަފާތު ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދިވެހި އިސްލާމަށް ވަރަށް ބޮޑަށް އިސްކަން ދޭނެ މި ސްކޫލުގައި. ދިވެހި އިސްލާމް އަދި ގުރުއާން މާއްދާއަކީ މި ސްކޫލަށް ވަކިން ހަދާފައިވާ ކަރިކިއުލަމެއް. މުޅި ކަރިކިއުލަމަކީ އަޅުގަނޑުމެންގެ ރާއްޖޭގެ ކޮމިއުނިޓީއަށް ފިޓް ކޮށްފައި އޮތް ކަރިކިއުލަމެއް،" އަމަތު ވިދާޅުވި އެވެ.

އެ ސްކޫލުގައި މިވަގުތު 17 ޓީޗަރުން ކިޔަވައިދެއްވަ އެވެ. އޭގެ ތެރެއިން އަރަބި ކިޔަވައިދޭ އެއް ޓީޗަރު ފިޔަވާ ހުރިހާ ޓީޗަރުންނަކީ ދިވެހިންނެވެ. އެ ހުރިހާ ޓީޗަރުންނަކީ ވެސް އެ ސްކޫލަށް ހާއްސަކޮށް ސިންގަޕޫރުން ޓްރެއިން ވެފައި ތިއްބެވި ޓީޗަރުންނެވެ.

އަމަތުﷲ ޝަކީބު (އަމަތު އާންޓީ) "މިހާރު" އަށް ކުރިން ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަނީ--- ފޮޓޯ:ފަޔާޒް މޫސާ | މިހާރު
އަމަތުﷲ ޝަކީބު (އަމަތު އާންޓީ) "މިހާރު" އަށް ކުރިން ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަނީ--- ފޮޓޯ:ފަޔާޒް މޫސާ | މިހާރު

ތައުލީމީ ދާއިރާގައި 24 އަހަރަށްވުރެ ގިނަ ދުވަހު ރާއްޖޭގައި ހިދުމަތްކުރެއްވުމަށް ފަހު، އިންކްލޫސިވިޓީގެ ދާއިރާ އިން ޕީއެޗްޑީ ހާސިލްކުރައްވައިގެން އަލުން ހިދުމަތް ފެއްޓެވީ އެ ސްކޫލު ޕްރިންސިޕަލްގެ ގޮތުގަ އެވެ.

އަމަތު ވަނީ އޮސްޓްރޭލިއާގެ މެލްބަންގެ ޑީކަން ޔުނިވާސިޓީން ޕީއެޗްޑީ ހާސިލްކުރައްވައިފަ އެވެ. އަދި މިހާރު އެއީ މާލޭގައި މިއަދު ހުޅުވި ސިންގަޕޫރުގެ ފްރެންޗައިސް ސްކޫލް، މައިންޑް ޗޭމްޕްސް އިންޓަނޭޝަނަލްގެ ރާއްޖޭގެ ގޮފީގެ މެނޭޖިން ޑިރެކްޓަރު ވެސްމެ އެވެ.