މި މަހު 27 ގައި ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާއިރު ހުރިހާ ސްކޫލަކަށް ޓީޗަރުންނާއި ދަރިވަރުންގެ ފޮތްތައް ހަމަވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.

ދިރާސީ އަހަރުގެ ކިޔެވުން ފަށާއިރު ވެސް ދަރިވަރުންނަަށް ފޮތްތައް ހަމަޔަށް ފޯރުކޮށް ނުދެވުމަކީ އަބަދުވެސް ބެލެނިވެރިންގެ އޮންނަ ޝަކުވާއެކެވެ. ނަމަވެސް މިނިސްޓަރު "މިހާރު" އަށް ވިދާޅުވީ ދަރިވަރުންނަށް ބޭނުންވާ ފޮތްތައް، ކިޔެވުން ފެށުމުގެ ކުރިން ހަމަކުރުމަށް ފޮތްތައް އަތޮޅުތަކަށާއި މާލެ ސަރައްދުގެ ސްކޫލުތަކަށް ފޮނުވުމުގެ މަސައްކަތް ދުރާލައި ފަށާފައިވާ ކަމަށެވެ.

މީގެ ކުރިން މިނިސްޓްރީން ފޮތްތައް ދޫކުރަމުން ދިޔައީ ކުރީގެ އަރަބިއްޔާ އިމާރާތުގައި ނަމަވެސް މިހާރު އެ އިމާރާތް ތަޅާލަން ފަށާފައިވާތީ މާލެ ސަރަހައްދު ސްކޫލުތަކަށް ފޮތްތައް ދޫކުރަނީ އަމީނިއްޔާ ސްކޫލުގަ އެވެ.

މިނިސްޓަރު ވަނީ ހުރިހާ ސްކޫލުތަކެއްގެ ދަރިވަރުންނަށް ވެސް ފޮތްތަކާއި ޓީޗަރުން ހަމަވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

ދިރާސީ އަހަރުގެ ކިޔެވުން ނިންމައި، ދަރިވަރުން ޗުއްޓީއަށް ދިޔައީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ.