މަނީ ލޯންޑަރިންގެ ކުށުގައި ޖަލު ހުކުމެއް ތަންފީޒުކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ދިވެހި ސަރުކާރަށް ބާރުއަޅައިދޭން އަވަށްޓެރި ތިން ގައުމެއްގެ ވެރިންނަށް، އެ މަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު މިއަދު ގޮވާލައްވައިފި އެވެ.

ޔާމީންގެ ފުރަތަމަ ނައިބު ރައީސް އެހީއަށް އެދިވަޑައިގަތީ އިންޑިއާ އާއި ސްރީ ލަންކާގެ އިތުރުން ޕާކިސްތާނުގަ އެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ސްރީ ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާގެ އިތުރުން ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ޓެގު ކުރައްވައި ކުރެއްވި ޓުވީޓެއްގައި، ޔާމީން ދިގު މުއްދަތަކަށް ޖަލަށް ލާފައި ވަނީ އަސާސެއް ނެތް ތުހުމަތުތަކެއްގެ މައްޗަށް ކަމަށް ވިދާޅުވެފައިވެ އެވެ. ޝަރުއީ ދާއިރާގެ މިނިވަންކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތާ އެކު އިދިކޮޅު ސިޔާސީ ލީޑަރުން ތަކުރާރުކޮށް ހައްޔަރުކުރަމުންދާ ކަމަށް ވިދާޅުވެ ކަންބޮޑުވުންފާޅުކުރައްވާފައިވެ އެވެ.

ޖަމީލް ގޮވާލެއްވީ ރާއްޖެ ހަމަނުޖެހުމުގެ ތެރެއަށް ދިއުމުގެ ކުރިން ޔާމީން މިނިވަން ކުރުމުގައި ގައުމުތަކުން އެހީތެރިވެދިނުމަށެވެ. ޔާމީން މިނިވަންކުރަން ކުރާ މަސައްކަތުގައި ޕީޕީއެމާއި ޕީއެންސީގެ އިސް ބައެއް ބޭފުޅުން މީގެ ކުރިން ވަނީ އަވަށްޓެރި ގައުމުތަކުގެ ސަފީރުންނާ ވެސް ބައްދަލުކުރައްވައިފަ އެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށް ލީ ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަ އެކައުންޓަށް ދެ ފަހަރެއްގެ މަތިން ޖަމާވި ކަމަށް ބުނެ އެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި އެ ފައިސާ ބަހައްޓަން އެއްބަސްވެވަޑައިގަތުމަށް ފަހު އެސްކްރޯ އެކައުންޓަށް އެހެން ފައިސާތަކެއް ޖަމާކޮށް، އަދި އެސްއޯއެފް އިން ޖަމާކުރި ފައިސާ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓެއްގައި އިންވެސްޓްކޮށް، އެ ފައިސާގެ އަސްލު އޮޅުވާލީ ކަމަށް ދައުވާގައިވެ އެވެ.

އެ ހުކުމް ހައި ކޯޓުން ވެސް ވަނީ ދަމަހައްޓައިފަ އެވެ.

މި މައްސަލައިގެ އިތުރުން ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދެ ދައުވާއެއްކޮށް ޝަރީއަތް ވަނީ ފަށައިފަ އެވެ.

ޔާމީންގެ ޕާޓީ، ޕީޕީއެމާއި ޕީއެންސީން ތުހުމަތުކުރާ ގޮތުގައި އެމަނިކުފާނު ޖަލަށް ލީ ސިޔާސީ މަގްސަދެއްގަ އެވެ. އެމަނިކުފާނުގެ ވަކީލުން ވެސް ވިދާޅުވި ގޮތުގައި އަސާސީ ހައްގުތަކާއި މިނިވަންކަމާއި ހަމަހަމަކަމާއި އިންސާފު، އެއްވެސް ތަފާތުކުރުމެއް ނެތި ކޮންމެ ރައްޔިތަކަށް ގާނޫނުއަސާސީން ކަށަވަރުކޮށްދީފައި ވިޔަސް ޔާމީންގެ ހައްގުތައް ވެސް ދަނީ ނިގުޅައިގަންނަމުންނެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅުވައި ޔާމީން އެކަނި ޖަލަށް ލައިގެން އުޅުމަކީ ވެސް ސަރުކާރުން އެމަނިކުފާނާ ދޭތެރޭގައި ނުހައްގުން އަމަލުކުރަމުންދާ ކަމެއް ކަން ހާމަވާ ކަމަށް ވެސް ވަކީލުން ވިދާޅުވެ އެވެ.