ރައީސް އިބްރާހިމް މުހަންމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހަންމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ކޮވިޑް ވެކްސިން ޖައްސަވައިފި އެވެ.

ދައުލަތުގެ ތިން ބާރުގެ އެންމެ އިސް ބޭފުޅުން ވެކްސިން ޖެއްސެވީ ކޮވިޑް ވެކްސިން ރާއްޖޭގައި ޖަހަން ފެށުމަށް މިހާރު ސޯޝަލް ސެންޓަރުގައި ކުރިއަށްދާ ހަފުލާގަ އެވެ. އެ ބޭފުޅުންގެ އިތުރުން ދައުލަތުގެ އިސް އެހެން ބައެއް ބޭފުޅުން ވެސް ކޮވިޑް ވެކްސިން ޖައްސަވަމުން އެބަ ގެންދަވަ އެވެ. އޭގެ ތެރޭގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވެސް ހިމެނިވަޑައިގަންނަވަ އެވެ.

މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު ވެކްސިން ޖައްސަވަނީ
މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު ވެކްސިން ޖައްސަވަނީ

ރާއްޖެ އަށް ވެކްސިން ހަދިޔާކުރި އިންޑިއާގެ ފަރާތުން ރާއްޖޭގައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވެސް ވެކްސިން ޖެއްސެވި އެވެ.

މާލޭގެ އިތުރުން ހދ. ކުޅުދުއްފުއްޓާއި އައްޑު އަތޮޅުގައި ވެސް މިއަދު ވަނީ ކޮވިޑް ވެކްސިން ދިނުމުގެ ޕްްރޮގްރާމް ފަށައިފަ އެވެ. ހުރިހާ ސަރަހައްދެއްގައި މިއަދު ވެކްސިން ދޭނީ ފްރޮންޓްލަައިންގެ މުވައްޒަފުންނަށް އެކަންޏެވެ.

ރާއްޖޭގައި ޖަހަނީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓްގައި ހަދާ އޮކްސްފޯޑް ވެކްސިނެވެ. އިންޑިޔާ އިން ވަނީ މީގެ އެއްލައްކަ ޑޯޒް ހަދިޔާ ކޮށްފަ އެވެ. އަދި ސިންގަޕޫރުގެ އެސްޓްރަޒެނެކާ ކުންފުނިން އިތުރު ހަތް ލައްކަ ޑޯޒް ވެކްސިން ގަންނަން ސަރުކާރުން ވަނީ އެ ކުންފުންޏާ އެކު އެއްބަސްވުމެއް ހަދައިފަ އެވެ.