މާލޭގައި ރޭ ހިނގި މާރަމާރީތަކާ ގުޅިގެން ފަސް މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މާލޭގައި ރޭ ހަތަރު ސަރަހައްދެއްގައި ގްރޫޕް މާރަމާރީ ހިންގި އެވެ. އެ މާރަމާރީތަކުގައި ގިނަ ބަޔަކަށް އަނިޔާވެ އައިޖީއެމްއެޗާއި އޭޑީކޭގައި އަންނަނީ އެ މީހުންނަށް ފަރުވާ ދެމުންނެވެ.
ރޭ ފުރަތަމަ މާރަމާރީ ހިނގީ ކިންގް ސަލްމާން މިސްކިތް ކައިރީ އޮންނަ ފުޓްސަލް ދަނޑު ކައިރީގަ އެވެ. އެއަށް ފަހު 9:15 ހާއިރު އާސަރީ ހިނގުމުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދިން ކަމަށާއި އަނިޔާވި އުމުރުން 36 އަހަރުގެ މީހަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އޭގެ އިތުރުން 11:30 ހާއިރު ވިލިމާލެ ފެރީ ޓާމިނަލް ކައިރީ ދެ ގްރޫޕެއްގެ ދެމެދު މާރާމާރީ ހިންގާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މާރަމާރީގައި ތިން މީހަކަށް އަނިޔާވެ ދެ މީހަކަށް އައިޖީއެމްއެޗްގައި އަދި އެކަކަށް އޭޑީކޭގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އެ މާރަމާރީއާ ގުޅިގެން ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ތިން ކުޑަކުދިން ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
ރޭ 1:32 ގައި ވެސް ގ. މުތީ ގޯޅީގައި މީހަކަށް އަނިޔާވެ ވެއްޓިފައިވާ ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މިހާތަނަށް އެނގިފައިވާ ގޮތުގައި އޭނާއަށް އަނިޔާވެފައި ވަނީ ބަޔަކު މީހުން މާރަމާރީ ހިންގައިގެން ކަމަށާއި އެ މީހާގެ ބޯފަޅައިގެން ދިޔުމުގެ ސަބަބުން އޭނާއަށް ވެސް އައިޖީއެމްއެޗްގައި ފަރުވާ ދިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މައްސަލާގައި މާރަމާރީ ހިންގި މީހުން ދުއްވި ކަމަށް ބެލެވޭ ސައިކަލުތަކެއް ޓޯ ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންނެވެ.
މިކަމާ ގުޅޭ ގޮތުން އައިޖީއެމްއެޗްގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މާރަމާރީގައި އަނިޔާވެގެން އައިޖީއެމްއެޗްގައި މިވަގުތު ތިން މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށެވެ. އޭގެ ތެރެއިން އެކަކު ހާލު ދެރަވެ، އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށާއި ދެ މީހަކު ވޯޑަށް ބަދަލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއަކު ހުރީ ސާޖިކަލް ވޯޑުގައި. އަނެކަކު ޕްރައިވެޓް ވޯޑަކަށް ވަނީ ބަދަލުކޮށްފައި. ތިން ވަނަ މީހާއަށް އައިސީޔޫއިން ފަރުވާ އެބަދޭ،" އައިޖީއެމްއެޗްގެ އޮފިޝަލް ވިދާޅުވި އެވެ.
މާލޭގައި ހިނގި މި މާރާމާރީތައް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.