ބަތަލާ ކަންގަނާ ރަނާވަތު މިހާރު ކުޅެމުން އަންނަ ފިލްމު "ދާކަޅް" ގެ ޑައިރެކްޓަރު ރަޒްނީޒް ގާއި (ރާޒީ) އަށް ތައުރީފުކޮށްފި އެވެ.
ފިލްމުގެ ޝޫޓިންގެ ހަވާސާ އިން ކުރިއަށް ގެންދާ ރިހާސަލްތަކުގެ ވީޑިއޯއެއް ޓްވިޓާގައި ހިއްސާކޮށް ހުނަރުވެރި ބަތަލާ ބުނީ މީގެ ކުރިން ރިހާސްތަކަށް އެހާ ބޮޑު ސަމާލުކަމެއްދޭ ޑައިރެކްޓަރަކާ ކުރިން ދިމާނުވާ ކަމަށެވެ.
އެކްޝަން ތުރިލާއެއްގެ ގޮތުގައި ހަދާ "ދާކަޅް" އަކީ ކަންގަނާގެ ވަރަށް ވަރުގަދަ އެކްޝަން މަންޒަރުތަކެއް ފެންނާނެ ފިލްމެކެވެ. މި ފިލްމު ވަރުގަދަވާނެ ކަމަށް އިޝާރާތްކޮށް އޭނާ ބުނީ ފިލްމުގެ އެންމެ އެކްޝަން މަންޒަރަކަށް ވެސް 25 ކްރޯޑް ރުޕީސް (3.43 މިލިއަން ޑޮލަރު) އަށް ވުރެ ބޮޑު ހޭދައެއްކޮށްފައިވާ ކަމަށެވެ.
"ދާކަޅް" ގެ ޝޫޓިން ކުރިއަށް ގެންދަނީ ބޯޕާލްގަ އެވެ. މި ފިލްމުގެ ކާސްޓްގައި އަރުޖުން ރާމްޕާލާއި ދިވްޔާ ދައްތާ ވެސް ހިމެނެ އެވެ. އަރުޖުން އަކީ ފިލްމުގެ ވިލަން އެވެ.
ކަންގަނާ ކުރިން ބުނެފައިވާ ގޮތުގައި މި ފިލްމަކީ ބޮލީވުޑްގެ ބަތަލާއެއްގެ ފުރަތަމަ "ފުލް-ފުލެޖް" އެކްޝަން ފިލްމެވެ. "ދާކަޅް" ގެ ޝޫޓިން ކަންގަނާ މިދިޔަ މަހުގެ ތެރޭގައި ފެށީ ވެސް އެކްޝަންތަކުގެ ޓްރޭނިންތަކެއް ހެދުމަށް ފަހު އެވެ.
ފިލްމު ސިނަމާތަކަށް އަންނާނީ މި އަހަރުގެ އޮކްޓޯބަރު 1 ގަ އެވެ.