މި އަހަރުގެ ފިތުރު އީދުގައި "ރާދޭ: އިންޑިއާސް މޯސްޓް ވޯންޓެޑް ބާއީ" ރިލީޒްކުރާނެކަން ސަލްމާން ޚާން ކަށަވަރުކޮށް ދީފި އެވެ.
މި ފިލްމަކީ ކުރިން މިދިޔަ އަހަރުގެ ފިތުރު އީދުގައި ރިލީޒްކުރަން ރޭވި ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމާ އެކު އެ ފުރުސަތު ގެއްލުނު ފިލްމެކެވެ. ރާދޭ މި އަހަރުގެ މެއި 13 ގައި ރިލީޒްކުރާނެކަން ސަލްމާން ކަށަވަރުކޮށް ދީފައި ވަނީ ކޮވިޑާ އެކު މި ފަހުން ގިނަ ފިލްމުތަކެއް ޑިޖިޓަލްކޮށް ރިލީޒްކުރާތީ ސިނަމާތައް ހިންގާ މީހުންނާއި އެގްޒިބިޓަރުން އެކަމާ ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.
އެ ވިޔަފާރީގައި އުޅޭ މީހުންގެ އެދުމަކީ ބޮޑެތި ފިލްމުތައް އަދި ވީހާ ވެސް ގިނަ ފިލްމުތަކެއް ކުރިއެކޭ އެއްގޮތަށް ސިނަމާތަކުގައި އަޅުވަން ފުރުސަތު ދިނުމެވެ. އެހެންވެ އެ މީހުންނަށް އެއްބާރުލުން ދިނުމުގެ ގޮތުން މި އަހަރުގެ ފިތުރު އީދުގައި "ރާދޭ" ސިނަމާތަކަށް ގެންނާނެކަން ސަލްމާން އާންމުކުރި ބަޔާނެއްގައި ބުންޏެވެ.
މި ފިލްމަކީ ސަލްމާން އެންމެ ފަހުން ފެނުނު "ދަބަންގް 3" ގެ ޑައިރެކްޓަރު ޕްރަބޫދޭވާ ހަދާފައިވާ ފިލްމެކެވެ.
"ރާދޭ" ގެ ކާސްޓުންގެ ތެރޭގައި ޑިޝާ ޕަޓާނީ އާއި ރަންދީޕް ހޫޑާ އާއި ޖެކީ ޝްރޮފާއި ގޯތަމް ގުލާޓީ ފަދަ ތަރިން ހިމެނެ އެވެ.
އަރުޖުން އަކީ "ދާކަޅް" ގެ ވިލަން
ކަންގަނާ ރަނާވަތު މިހާރު މަސައްކަތްކުރަމުން އަންނަ އެކްޝަން ފިލްމު "ދާކަޅް" ގެ ވިލަންގެ ގޮތުގައި އެކްޓަރު އަރުޖުން ރާމްޕާލް ފެންނާނެ ގޮތް ދައްކާލައިފި އެވެ.
އޭނާ ހިމަނައިގެން ގެނެސްދިން ފިލްމުގެ ޕޯސްޓަރާ އެކު ބުނެފައި ވަނީ އަރުޖުންގެ ކެރެކްޓާގެ ނަމަކީ ރުދުރަވީރް ކަމަށެވެ. މީގެ ކުރިން ވެސް އަރުޖުން ވިލަންއެއްގެ ރޯލު ކުޅެފައިވެ އެވެ. އެއީ ޝާހްރުކް ޚާންގެ 2011 ގެ ސުޕަހީރޯ ފިލްމު "ރާ.ވަން" ގަ އެވެ.
ރަޒްނީޝް (ރާޒީ) ގާއި ޑައިރެކްޓްކުރާ "ދާކަޅް" ގައި ކަންގަނާ ކުޅެނީ އަގްނީ ކިޔާ އޭޖެންޓެއްގެ ރޯލެވެ. މީގެ ކާސްޓްގައި ދިވްޔާ ދައްތާ ވެސް ހިމެނެ އެވެ.
މި ފިލްމު ސިނަމާތަކަށް ގެންނާނީ މި އަހަރުގެ އޮކްޓޯބަރު 1 ގަ އެވެ.
ތުޝާރުގެ އާ ފިލްމަކީ "މާރިޗް"
ބޮލީވުޑުން މިހާތަނަށް މާ ބޮޑު ކުރިއެރުމެއް ނުލިބުނު އެކްޓަރު ތުޝާރު ކަޕޫރް "މާރިޗް" ކިޔާ ފިލްމެއްގެ މަސައްކަތް ފަށައިފި އެވެ.
ކުރީގެ އެކްޓަރު ޖީތެންދުރާގެ ދަރިފުޅު އަދި ޕްރޮޑިއުސަރު އެކްތާ ކަޕޫރްގެ ކޮއްކޮގެ އާ ފިލްމުގެ ކާސްޓްގައި ނަސީރުއްދީން ޝާހް ވެސް ހިމެނެ އެވެ.
މި ތުރިލާގެ ޑައިރެކްޓަރަކީ އަލަށް ޑައިރެކްޝަނަށް ނުކުތް ދުރޫވް ލަތާރެވެ.
ތުޝާރު މިހާތަނަށް ކުޅުނު ފިލްމުތަކުގެ ތެރެއިން އޭނާގެ އެންމެ ފާހަގަކޮށްލެވޭ ރޯލަކީ ރޯހިތު ޝެޓީ ބޮޑު ކާސްޓަކާ އެކު ގެނެސްދޭ "ގޯލްމާލް" ސީރީޒްގައި ކުޅޭ މަންމަނު ކެރެކްޓާ އެވެ. "މާރިޗް" ގައި ތުޝާރް ކުޅެނީ ފުލުހެއްގެ ރޯލެވެ.
"ކުން ފަޔަކުން" ގެ ޝޫޓިން ނިންމާލައިފި
މިދިޔަ އަހަރުގެ ފަހުކޮޅު ޝޫޓިން ފެށި ތުރިލާ "ކުން ފަޔަކުން" ގެ ޝޫޓިން ނިންމާލައިފި އެވެ.
މީގެ ލީޑް ތަރިންނަކީ ހާޝްވަރުދަން ރާނޭ އާއި ސަންޖީދާ ޝެއިހެވެ. މި ދެ ތަރިން އެންމެ ފަހުން އެކީގައި ފެނިފައި ވަނީ ނޮވެމްބަރު މަހު ޒީ5 އިން ޕްރިމިއާކުރި ތުރިލާ "ތައިޝް" އިންނެވެ.
މިހާރު މަޑުމަޑުން ފިލްމުތަކުން ފެންނަން ފަށާފައިވާ ސަންޖީދާ އަކީ ޓީވީ ސިލްސިލާތަކުން މަޝްހޫރުކަން ހޯދި ބަތަލާއެކެވެ.
"ކުން ފަޔަކުން" އަކީ ކުޝަން ނަންދީގެ ޑައިރެކްޓްކުރާ ފިލްމެކެވެ. މި ފިލްމު ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.