އެކްޓަރު ރަންވީރު ސިންގްއާ އެކު ފިލްމެއް ކުޅެން ލިބުމަކީ ހުވަފެނެއް ހަގީގަތަކަށްވުން ކަމަށާއި ޑައިރެކްޓަރު ރޯހިތު ޝެޓީ އެ ފުރުސަތު ފަހިކޮށްދިނުމަކީ ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމެއް ކަމަށް ބަތަލާ ޖެކްލިން ފެނަންޑޭޒް ބުނެފި އެވެ.
މިހާރު ޝޫޓިން ކުރިއަށްދާ "ސާކަސް" އަކީ ރަންވީރާ އަކީ ޖެކްލިން އާއި ޕޫޖާ ހެގްޅޭގެ އިތުރުން ވަރުން ޝަރުމާ މުހިއްމު ރޯލުތަކުން ފެންނާނެ ފިލްމެކެވެ. މި ފިލްމުން ފުރުސަތު ލިބުމުން އުފަލުން ހުރިި ޖެކްލިން ބުނީ ރަންވީރަކީ އޭނާ އަށް އަބަދު ވެސް ވަރަށް ކަމުދާ އެކްޓަރެއް ކަމަށެވެ.
ބަތަލާ ދީޕިކާ ޕަދްކޯންގެ ފިރިމީހާ ބޮލީވުޑަށް ނުކުތީ ޖެކްލިން އަށް ވުރެ އެއް އަހަރު ފަހުން 2010 ގެ "ބޭންޑް ބާޖާ ބާރާތު" އިންނެވެ.
ޖެކްލިންގެ އަލަތު ފިލްމަކީ 2009ގެ "އަލައްދިން" އެވެ.
ސްރީ ލަންކާގެ ބަތަލާ ބުނީ ރަންވީރާ އެކު ފިލްމެއް ކުޅެން ލިބޭނެ ދުވަހަކަށް އިންތިޒާކުރަމުން އަންނަނިކޮށް ރޯހިތުގެ "ސާކަސް" އިން ފުރުސަތު ލިބުމުން އެކަން ފުރަތަމަ ގަބޫލުކުރަން ވެސް ދަތިވި ކަމަށެވެ. މި ފިލްމަކީ ރޯހިތާ އެކު ޖެކްލިން މަސައްކަތްކުރާ ފުރަތަމަ ފިލްމު ވެސް މެ އެވެ.
"ރަންވީރާ އެކު ސާކަސް ކުޅެން ލިބުމަކީ ކެރިއަރުގައި އެންމެ އުފާވި އެއް ދުވަސް. ސަބަބަކީ މިއީ ހުވަފެނެއް ހަގީތަކަށްވުން،" ރޭސް 3" އާއި "ކިކް" އަދި "ޑިޝޫމް" އަދި "ޖުޅުވާ 2" ފަދަ ކާމިޔާބު ފިލްމުތައް ކުޅެފައިވާ ބަތަލާ ބުންޏެވެ.
އޭނާ ކިޔައިދިން ގޮތުގައި "ސާކަސް" ގެ މަސައްކަތް ދަނީ ވަރަށް މަޖާކޮށެވެ.
"ރަންވީރަކީ ވަރަށް ސަކަރާތް ބޮޑު، މަޖާ އެކްޓަރެއްކަމުން އަހަންނާއި އޭނަ ވަރަށް ޓިއުންވޭ. އެހެންވެ ސެޓްގައި ވަރަށް ބޮޑަށް ސަކަރާތް ޖެހުން އޮވޭ،" ޖެކްލިން ބުންޏެވެ. "އެކަމަކު އެއީ ޝޫޓިން ކުރިއަށް ނުދާ ވަގުތު. ޝޫޓިން ފެށުމާއެކީ ރަންވީރު ސީރިއަސްވެ، މަސައްކަތަށް އެއްކޮށް ފޯކަސް ދޭނެ. އެހެންވީމަ ކެމެރާ ރޯލްވާ ހިސާބުން ދެން ފެންނާނީ މުޅިން ތަފާތު ރަންވީރެއް."
އޭނާ ބުނީ ރަންވީރަކީ އެކުގައި މަސައްކަތްކުރަން ވެސް ވަރަށް ފަސޭހަ އަދި ވަރަށް އެކްޓިން ރަނގަޅުކުރަން އެހީ ވެސް ވެދޭ އެކްޓަރެއް ކަމަށެވެ.
"ސާކަސް" އަކީ 2018 ގެ "ސިމްބާ" އަށް ފަހު، ރަންވީރާ އެކު ރޯހިތު ހަދާ ދެވަނަ ފިލްމެވެ.
ވިލިއަމް ޝޭކްސްޕިއާގެ "ދަ ކޮމެޑީ އޮރް އެރާސް" އަށް އަސްލަކަށް ބަލައިގެން ހަދާ ފިލްމު ރިލީޒްކުރާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެ އެވެ.