އަންޑަވޯޓާ ފޮޓޯގްރަފާ، މުހައްމަދު ރިޒްހާންގެ ހިތް ފުރާލަދެނީ ކަނޑުއަޑީގެ ހިތްގައިމުކަމުންނެވެ؛ އޭނާގެ އިންސްޓަގްރާމު "ސޯލްޓް އެންޑް ސަނީ" ފުރާލައިފައި ވަނީ ކަނޑާއި ފަޅުގެ ކުލަގަދަ މަންޒަރުތަކާއި ދޮންވެލި ގޮނޑުދޮށްތަކުގެ އަލިގަދަ، ނަލަ ފޮޓޯތަކުންނެވެ. އުމުރުން 23 އަހަރުގެ ޒުވާނާ ހަމައެކަނި ޚާއްސަވަނީ އަންޑަވޯޓާ ފޮޓޯގްރަފީއަކަށް ނޫނެވެ. އޭނާއަކީ ޑްރޯން ޕައިލަޓެއް، ފުލްޓައިމް ރިސޯޓް ފޮޓޯގްރެފަރެއް އަދި ވީޑިއޯ ވެސް ހަދަ އެވެ. އެކަމަކު އޭނާގެ "ސޯލްޓް އެންޑް ސަނީ" ޚާއްސަކޮށްފައި ވަނީ، ރަސްމީ މަސައްކަތުގެ ބޭރުން އަމިއްލަ ހިތްހަމަޖެހުމަށް ނަގާ ރީތި ފޮޓޯތަކާއި ވީޑިއޯތަކަށެވެ.

ފޮޓޯ: މުހައްމަދު ރިޒްހާން
ފޮޓޯ: މުހައްމަދު ރިޒްހާން

ހޮބީއެއްގެ ގޮތުގައި ފޮޓޯ ނަގަމުން އައިސް، ފްރޮފެޝަނަލީ މިކަން ކުރަން ފެނިގެން، ރިސޯޓް ފޮޓޯގްރެފީގެ މަސައްކަތަށް ރިޒްހާން ނިކުތީ މީގެ ތިން އަހަރެއްހާ ދުވަސް ކުރިންނެވެ. އެއީ ޓިވެޓުން ފޮޓޯގްރެފީގެ ބޭސިކް ކޯހެއް ފުރިހަމަ ކުރިތަނާހެން ރައްޓެއްސަކު އޭނާއަށް ހޯދައިދިން ފުރުސަތަކުންނެވެ. އެންމެ ފުރަތަމަ އުޅުނީ މެސްމަޒައިޒިން މޯލްޑިވްސްގަ އެވެ. އަދި މިހާރު އޭނާ ރިސޯޓުތަކަށް ފޮޓޯ ނަގައިދެނީ އޯޝަންސްގެ ފަރާތުންނެވެ.

"ސޯލްޓް އަކީ އަންޑަވޯޓާގެ ހުރިހާ ޝޮޓްތަކެއް. ދެން ހުންނަނީ ބީޗު ޝޮޓްތަކާއި ޑްރޯން ޝޮޓްތައް. އެއީ ސަނީގެ ޕާޓް،" އެ ނަމުގެ ފަހަތުގައިވާ މާނަ ކިޔައިދިނެވެ.

"ނޯމަލީ ހަމަ ފްރެންޑްސްއާ އެކު ފްރީ ޑައިވިނަށް ގޮސް ނޫނީއްޔާމުން އައުޓިން ހަދާއިރުގައި ނަގާފައި ހުންނަ ފޮޓޯތައް ގިނައިން އަޅަނީ،" ރިޒްހާން ބުންޏެވެ.

ކުޑައިރުއްސުރެ މޫދަށް އޮންނަ ލޯތްބެއްގެ ބޮޑުކަމުން ކަނޑުއަޑިއަކީ ރިޒްހާނަށް ވަރަށް ޚާއްސަ ތަނެކެވެ. ހުސް ކަނޑުއަޑީގެ ފޮޓޯތައް ޕޯސްޓުކުރަން އޭނާ ބޭނުންވި ނަމަވެސް، މަސައްކަތުގެ އިތުރުން ކުރާ ކަމަކަށް ވީމަ، އެހާ ގިނަ ފޮޓޯ ނެގުން މާ ފަސޭހަ ކަމަކަށް ނުވި އެވެ. އެހެންވެ، އޭނާ ކުރި ކަމަކީ ކަނޑުއަޑީގެ އިތުރުން، އެއްގަމުގެ ހިތްގައިމުކަން ފެންނަ ދޮންވެލި ގޮނޑުދޮށްތައް ވެސް ހިމެނުމެވެ. އޭނާގެ މޮޅު ޑުރޯން ފޮޓޯތަކާ ވެސް އެކު އެވެ.

ފޮޓޯ: މުހައްމަދު ރިޒްހާން
ފޮޓޯ: މުހައްމަދު ރިޒްހާން

"ރިސޯޓްގައި ނަގަނީ ވެޑިން ފޮޓޯތަކާއި ފެމެލީ ފޮޓޯތަކާއި ލައިފްސްޓައިލް، ދެން ރިސޯޓްގެ ހުރިހާ ސްޓައިލެއް،" ރިޒްހާން ބުންޏެވެ.

އެންމެ ރީތީ އަރި އަތޮޅު

ކަނޑުއަޑީގެ ފޮޓޯ ނަގަން ރިޒްހާނަށް އެންމެ ރީތި އެއް މަންޒިލަކީ އަރި އަތޮޅެވެ. ނުވަތަ އދ. އާއި އއ. އަތޮޅުގެ ކަނޑުގެ ސަރަހައްދެވެ. އެ ހިސާބު ޚާއްސަވާ ސަބަބުން ވެސް އޭނާ ކިޔައިދިނެވެ.

"އެހިސާބުން ވޭލް ޝާކް އެންޑް މަންތާސް، ވަރަށް ގިނައިން ފެނޭ. ދިގުރަށް އެއީ ޝެލޯ އޭރިއާއެއްގައި މަންތާ ބަލަން ބޭނުމިއްޏާ، ފޮޓޯ ނަގާ ވީޑިއޯ ނަގަން ވެސް އެންމެ ސަޅި އެއް ސްޕޮޓް،" އެ އަތޮޅު ޚާއްސަވާ ސަބަބަކީ އެއީ ކަމަށް ރިޒްހާން ބުންޏެވެ.

އެކަމަކު ރިޒްހާން ސިފަކުރި ގޮތުގައި ވޭލް ޝާކްގެ ފޮޓޯ ނެގުމަކީ ވަރަށް އުނދަގޫ ކަމެކެވެ.

"ހެސްކިޔައިފައި ދުވެފައި ވާޅުވާ ގަޑީގައި އިތުރަށް ދުވުން ކަހަލަ ކަމެއް އެއީ، އޭގެ [ވޭލް ޝާކްގެ] ފަހަތުން ޗޭޒްކޮށްފައި، އަނެއްކާ އަރާ ހަމަކޮށްފައި ޑައިވްކުރުން، އަރާ ހަމަވާއިރު އިންނާނީ ނޯމަލީ ވަރަށް ބޮޑަށް މީހާ ވީކްވެފައި. ދެން އަނެއްކާ ބްރެތު ހޯލްޑުކޮށްގެން އަޑިއަށް ގޮސްފައި، ބޭނުންވާ އޭންގަލްއަކުން ނަގަނީ،" އޭނާ ބުންޏެވެ.

ރިޒްހާންގެ ގިނަ ފޮޓޯތައް ނަގައިފައި ހުންނަނީ ގޯޕްރޯ އިންނެވެ. ކަނޑުއަޑީގެ ފޮޓޯ ނަގަން އޭނާ މިހާރު ބޭނުންކުރަނީ ގޯޕްރޯ ހީރޯ ސިކްސްއެކެވެ. ގޯޕްރޯ ފައިވް، ސިކްސް، އެއިޓް އަދި ނައިން އިން ވެސް އޭނާ ބޭނުންކުރެ އެވެ. އޭގެ އިތުރުން ކެނޮން ފައިވްޑީ އެމް ތުރީއަކުންނާއި ނިކޮން 8-800ޑީ އަކުން ވެސް ފޮޓޯނަގަ އެވެ.

ފޮޓޯ: މުހައްމަދު ރިޒްހާން
ފޮޓޯ: މުހައްމަދު ރިޒްހާން

ޑުރޯން ފޮޓޯ ނަގަން އޭނާ ވަރަށް ލޯބިން ގެންގުޅުނު ފެންޓަމް ޕްރޯ4 މިހާރު އޮތީ ހަލާކުވެފަ އެވެ.

އޭނާ މިހާރު އެންމެ ދާން ބޭނުންވަނީ ބ.އަތޮޅުގައި އޮންނަ ހަނިފަރު ބޭއަށެވެ. އެއީ މަންތާސް އާއި ވޭލް ޝާކްސް އުޅޭ ރާއްޖޭގެ އެންމެ މަޝްހޫރު އެއް ސަރަޚައްދެވެ.

ކަނޑުއަޑީގައި މީހުންގެ ފޮޓޯ ނަގަން ރިޒްހާނަށް އެންމެ ކަމުދާ ސަރަޚައްދަކީ އޭނާގެ އުފަން ރަށް، ލ.ކުނަހަންދޫއާ ކައިރީގައި އޮންނަ ބިލެއްގާ އެވެ. މިއީ ކުނަހަންދޫއާ ދިމާލުން އަތޮޅު ތެރޭގައި އޮންނަ ކަނޑުގެ ސަރަޚައްދެކެވެ.

"އެތަނުގައި ބައެއް ދުވަސްވަރު ރާޅު ވެސް ނަގާނެ ރާޅާއެޅޭ ވަރަށް، ބާނީ ކުޑަ ދުވަސްވަރުތައް ވެސް އާދޭ. އެތަނުގެ މެދުގައި އޮންނާނީ ސޭންޑީ ބޮޓަމްއެއް، އެހާ ފުނެއް ނުވާނެ، ވަރަށް ސާފުކޮށް އޮންނާނީ. ލައިޓިން ވެސް ވަރަށް ރީތި ވާނެ، މުޅިތަނުގައި އެއްކޮށް ވައިޓް ސޭންޑް އޮންނާތީ،" އެތަން އެހާ ޚާއްސަ ވަނީ ކީއްވެކަން ކިޔައިދެމުން އޭނާ ބުންޏެވެ.

ފޮޓޯ: މުހައްމަދު ރިޒްހާން
ފޮޓޯ: މުހައްމަދު ރިޒްހާން

ކޮވިޑްގެ ސަބަބުން ރިސޯޓުތައް ބަންދުކުރުމުން، އޭނާ ރަށަށް ގޮސް އުޅުނު ދުވަސްވަރު ވެސް ވަރަށް ގިނައިން ރައްޓެހިންނާ އެކު އެތަނަށް ގޮސް ފޮޓޯތައް ނެގި އެވެ.

ފޮޓޯގްރެފާއަކަށް ނުވިނަމަ ވާނީ ރިސޯޓް ބޯއީއަކަށް

ފޮޓޯގްރެފާއަކަށް ވުމުގެ ކުރިން ރިޒްހާން އުޅުނީ ޓޫރިޒަމް ދާއިރާގެ ވަޒީފާއަކަށް ދިއުމަށެވެ. ހައުސް ކީޕިންގެ ދާއިރާއިން ކިޔަވަން ވެސް ކިޔެވި އެވެ.

"ސްކޫލް ނިންމައިފައި ވެސް ހިތަށް އެރީ ރޫމް ބޯއީ، އެ ކަހަލަ ޖޮބަކަށޭ ދާނީ،"

"ފޮޓޯގްރެފާއަކަށް ނުވި ނަމަ، ހީވަނީ ހައުސް ކީޕިންގެ ކޮންމެސް ހިސާބެއްގައި ހެން މިހާރު އުޅޭނީ،" އޭނާ ބުންޏެވެ.

ފޮޓޯ: މުހައްމަދު ރިޒްހާން
ފޮޓޯ: މުހައްމަދު ރިޒްހާން

އެކަމަކު ދޫކޮށްނުލެވޭ ވަރަށް މި މަސައްކަތަށް މިހާރު އޭނާގެ ހިތްޖެހިއްޖެ އެވެ.

"މިއީ ރަނގަޅު އޮޕޮޗިއުނިޓީސް ހޯދުން ވަރަށް އުނދަގޫ ދާއިރާއެއް. ޖޮބް ހޯދުމަކީ ވެސް ވަރަށް އުނދަގޫ ކަމެއް. ރައްޓެހިންގެ ސަޕޯޓް ލިބިގެން ފެށުނީ،" ފުރަތަމަ ފޮޓޯގްރެފީގެ މަސައްކަތް ފެށި ދުވަސްކޮޅުގެ އޭނާ ހަނދާން އާކުރި އެވެ.

ރިޒްހާންގެ ނަސީބުގައި މިހާތަނަށް ލައްވައިލި އެންމެ ސަޅި ފުރުސަތަކަށްވީ، މޫދު އަޑިން ނަގާ ކުނި ރިސައިކަލްކޮށްގެން، އޭގެން ތަފާތު އުފެއްދުންތައް ތައްޔާރުކުރާ ބޭރުގެ ބްރޭންޑެއް ކަމަށްވާ "ގޮޓް ބޭގް" ޕްރޮޑަކްޓުތައް ފޮޓޯނަގަން ލިބުމެވެ. ޖަރުމަނުގެ މި ބްރޭންޑް މަޝްހޫރުވެފައި ވަނީ ކަނޑުއަޑިން ނެގި ޕްލާސްޓިކު ކުނިން އެންމެ ފުރަތަމަ ދަބަހެއް އުފެއްދި ބައެއްގެ ގޮތުގަ އެވެ.

"ޕެޑީ އޮފިޝަލް ޕޭޖުގައި ވެސް އަހަރެންގެ އަންޑަވޯޓާ ފޮޓޯއެއް ޖެހި. ވޭލް ޝާކްގެ ފޮޓޯއެއް،" އެއީ ވެސް ވަރަށް އުފާވި ދުވަހެއް ކަމަށް ބުންޏެވެ.