ނޭޕީޓޯ (ފެބްރުއަރީ 10) - މިއަންމާގައި ބަޣާވާތް ކުރި ސިފައިން ޑިމޮކްރެޓިކް ލީޑަރު އަން ސަން ސޫކީގެ ނޭޝަނަލް ލީގު ފޯ ޑިމޮކްރެސީ (އެންއެލްޑީ) ގެ ހެޑްކުއާޓަރަށް މިއަދު ވަދެއްޖެ އެވެ.
އެންއެލްޑީގެ ފޭސްބުކުގައި ބުނެފައި ވަނީ ވެރިކަން ވައްޓާލި ސިފައިން ޕާޓީގެ އޮފީހަށް ވަދެ ގެއްލުންތައް ދީފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ދީފައެއް ނުވެ އެވެ.
ފެބްރުއަރީ 1 ވަނަ ދުވަހު ސިފައިން ބަޣާވާތް ކުރީ ނޮވެމްބަރު މަހު ބޭއްވި އިންތިޚާބުގެ ނަތީޖާއާ ދެކޮޅު ހެދުމަށް ފަހު އެވެ. އެ އިންތިޚާބުން 80 ޕަސެންޓް ކާމިޔާބުކުރީ އެންއެލްޑީ އެވެ.
ބަޣާވާތާ ދެކޮޅު ހެދުމުގެ ގޮތުން މިއަންމާގެ އެކި ސިޓީތަކުގެ މަގުތަކަށް ކޮންމެ ދުވަހަކު ވެސް އެތައް ހާސް ބަޔަކު ނުކުމެ އެވެ. މުޒާހަރާ އަށް ނުކުންނަ މީހުން ހުއްޓުވަން ބާރުގެ ބޭނުން ކުރާނެކަމުގެ އިންޒާރު ސިފައިން ދިން ނަމަވެސް މުޒާހަރާތަކަށް ހުއްޓުމެއް ނާދެ އެވެ. ރަބަރު ވަޒަން ބޭނުންކޮށް، އެންމެ ފަހުން މިއަދު ވަނީ އަސްލު ވަޒަން ސިފައިން ބޭނުންކޮށްފަ އެވެ. ހޮސްޕިޓަލެއްގެ އިމަޖެންސީގައި މަސައްކަތް ކުރާ ޑޮކްޓަރަކު ބުނީ 23 އަހަރާއި 19 އަހަރުގެ ދެ ޒުވާނުންގެ ގަޔަށް ވަޒަން އަރައިގެން ފަރުވާ ދޭން ޖެހުނު ކަމަށެވެ. އެ ދެ މީހުންގެ ހާލު ސީރިއަސް ކަމަށް ވެސް ޑޮކްޓަރު ބުންޏެވެ.