އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ ކައުންސިލް މެމްބަރުން ކޮވިޑް-19 ވެކްސިން ޖަހަން ނިންމައި އެންމެން ވެސް ވެކްސިން ޖަހައި ރައްކާތެރިވާން އެ ކޯލިޝަނުން މިއަދު ގޮވާލައިފި އެވެ.
ރާއްޖޭގައި މި މަހުގެ ފުރަތަމަ ދުވަހު ވެކްސިން ޕްރޮގްރާމް ސަރުކާރުން ފެށިއިރު އިދިކޮޅު ދެ ޕާޓީގެ ހިތްހަމަނުޖެހުމާއި ފާޑުކިއުން އޮތީ އަމާޒުވެފަ އެވެ. އެއީ، އިންޑިއާ އިން ހަދިޔާކުރި، އޮކްސްފޯޑާއި އެސްޓްރާޒެނެކާގެ ކޮވިޝީލްޑް ވެކްސިން ބޭނުންކުރުމުގެ ހުއްދަ ޑަބްލިއުއެޗްއޯ އިން ނުދޭތީ ޖެހުން ރައްކާތެރި ނޫން ކަމަށް ބުނެ އެވެ.
ޑަބްލިއުއެޗްއޯގެ ހުއްދަ ލިބެންދެން މަޑުކޮށްގެން ނުތިބެ، އެ ވެކްސިން ރާއްޖޭގައި ދޭން ފެށީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ރައްކާތެރިކަން ކަށަވަރު ވެފައިވާ ކަމުގެ ޔަގީންކަމާ އެކުގަ އެވެ. ބަލިން އަރައިގަތުމުގެ ދާއިމީ ފަރުވާ އަކީ ވީހާވެސް ގިނަ ބަޔަކު ވެކްސިން ޖެހުން ކަމަށް ވާތީ އާއްމުންނަށް ބާރު އަޅަން ފުރަތަމަ ވެކްސިން ޖެއްސެވީ ސިއްހީ ދާއިރާ ހިމެނޭ ގޮތުން އެކި ދާއިރާތަކުގެ އިސް ސަފުގައި މަސައްކަތް ކުރާ މީހުންނެވެ.
ކޮވިޝީލްޑަށް ޑަބްލިއުއެޗްއޯ އިން ހުއްދަ ދިންތާ ދެ ދުވަސް ފަހުން ޕީޕީއެމުން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިމަޖެންސީ ޔޫސް ލިސްޓިންގައި ކޮވިޝީލްޑް ވެކްސިން ހިމެނުމާ ގުޅިގެން އެ ޖަމިއްޔާގެ ގޮވާލުމަށް އިޖާބަދީ ވެކްސިން ޖެހުމަށް ރައްޔިތުންނަށް އެ ކޯލިޝަނުން ހިތްވަރުދޭ ކަމަށެވެ. އެ ކޯލިޝަނުން ބާރުއަޅަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
އޮކްފޯޑް/އެސްޓްރަޒެނެކާގެ ވެކްސިނަށް ކުރިން ހުއްދަ ދީފައި ވިޔަސް ކޮވިޝީލްޑަކީ ވެސް ހަމަ މި ވެކްސިނެވެ. ޑަބްލިޔުއެޗްއޯ އިން މިއިން ކޮންމެ ވެކްސިނަކަށް ވަކިން ގޮތް ނިންމަނީ ވެކްސިން އުފައްދާ ފެސިލިޓީ ތަފާތުވާތީ އެވެ. ކޮވިޝީލްޑް އުފައްދަނީ ދުނިޔޭގެ އެންމެ ބޮޑު ވެކްސިން ކާރުހާނާ ކަމަށްވާ އިންޑިއާގެ ސީރަމް އިންސްޓްޓިއުޓްގަ އެވެ.
"ވެކްސިން ޖެހުމަށް މި ކޯލިޝަނުން ގޮވާލުމުގެ އިތުރުން ޑަބްލިއުއެޗްއޯ މެދުވެރިކޮށް ވެކްސިންގެ ސަލާމަތްތެރިކަން ކަށަވަރުވެފައިވާ ހިނދު އެކަމަށް ދެވޭ އިތުރު ހިތްވަރެއްގެ ގޮތުން މި ކޯލިޝަންގެ އިސްވެރިންނާއި ކައުންސިލް މެމްބަރުން ކުރިއަށް އޮތް ދުވަސްތަކުގައި ވެކްސިން ޖަހާނެ އެވެ،" އެ ބަޔާނުގައި ބުންޏެވެ.
ރާއްޖޭގައި މިހާރު ދެމުން އަންނަ ކޮވިޝީލްޑުގެ އިތުރުން ޗައިނާގެ ސިނޯފާމް އާއި ފައިޒާ ވެކްސިން ޖަހަން ނިންމާފައިވާ ކަން ސަރުކާރުން ހާމަކޮށްފައިވާތީ އެ ދެ ވެކްސިންގެ ވެސް ރައްކާތެރިކަން ކަށަވަރުކުރަން ވަނީ އިދިކޮޅުން ވަނީ ގޮވާލައިފަ އެވެ.
ވެކްސިން ޖަހަން ޕީޕީއެމުން ގޮވާލިއިރު ކޮވިޑް-19 އިން ދިފާއުވުމަށް ރާއްޖޭން ވެކްސިން ޖެހި މީހުންގެ އަދަދު ބައި ލައްކައަށް ވުރެން ވަނީ އިތުރުވެފަ އެވެ.
އިންޑިއާ އިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިން މިހާރު ދެމުން އަންނައިރު އެމްއެފްޑީއޭގެ ހުއްދަ ލިބުމާ އެކު ޗައިނާގެ ވެކްސިން ވެސް ޖަހަން ފަށާ ގޮތަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ނިންމައިފަ އެވެ.
ރާއްޖެ އަށް ދެ ފަހަރެއްގެ މަތިން، ސިނޯފާމްގެ 10،000 ޑޯޒު ވަނީ ލިބިފަ އެވެ. މީގެ އިތުރުން ކޮވިޑްގެ 100،000 ޑޯޒު ވެކްސިން ރާއްޖެއަށް ހަދިޔާކުރަން ޗައިނާ ސަރުކާރުން ވަނީ ނިންމައިފަ އެވެ. މިއީ ކޮން ބްރޭންޑެއް ކަމެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. ޗައިނާ އިން އާންމުކޮށް ހަދިޔާކުރަނީ ސިނޯފާމް އާއި ސިނޯވެކް ވެކްސިނެވެ.
ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ޑަބްލިއުއެޗްއޯ އިން ކުރިއަށްގެންދާ "ކޮވެކްސް" ޕްރޮގްރާމްގެ ތެރެއިން ރާއްޖެއަށް ގާތްގަނޑަކަށް 108،000 ޑޯޒްގެ ޔަގީންކަން ވަނީ ލިބިފަ އެވެ.