މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުން ހިމެނޭ ގޮތަށް އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. ސުބްރަމަންޔަން ޖައިޝަންކަރު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

މި ދަތުރުގައި އިންޑިއާ ސަރުކާރުން ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫއުތަކެއް އިފްތިތާހުކުރައްވާނެ އެވެ.

ޑރ. ޖައިޝަންކަރަށް ވެލާނާ އިންޓަނޭޝަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

މި ދަތުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިހަށް ޑރ. ޖައިޝަންކަރު އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާނެ އެވެ. އޭގެ ފަހުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ބައްދަލުކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އަދި ނޭޝަނަލް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާ އެކު ބާއްވަވާ ޖޮއިންޓް މީޓިންނެއްގައި ވެސް، ޑރ. ޖައިޝަންކަރު ބައިވެރިވެވަޑައިގަންނަވާނެ އެވެ.

އެ ތިން މިނިސްޓްރީއާ ގުޅުން ހުރި ގިނަ ދާއިރާތަކަކުން އިންޑިއާ އިން އަންނަނީ ރާއްޖެއަށް އެހީތެރިވަމުންނެވެ. އޭގެ ތެރޭގައި ހިލޭ އެހީ އާއި ލޯނު ހިމެނެ އެވެ.

އިންޑިއާގެ ހާރިޖީ ވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށް ފަހު މިއީ ޑރ. ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ ދެ ވަނަ ދަތުރެވެ. އެންމެ ފުރަތަމަ އޭނާ ރާއްޖެ ވަޑައިގަތީ ސެޕްޓެމްބަރު، 2019 ގަ އެވެ.