އިންޑިއާއަކީ ރާއްޖެއިން ކޮންމެ ވަގުތެއްގައި ވެސް ބަރޯސާވެވޭވެނެ ފަދަ ގައުމެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުދﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
ޝާހިދު މިހެން ވިދާޅުވީ އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު، މުނޫ މުހައްވަރު، ޝާހިދުގެ އަރިހަށް އިހުތިރާމުގެ ޒިޔާރާތެއް ކުރެއްވުމުން ދެ ބޭފުޅުންގެ މެދުގައި ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ.
ފޮރިން މިނިސްޓްރީގައި އޮތް މި ބައްދަލުކުރެއްވުމުގައި މި ދެ ބޭފުޅުން ވަނީ ރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮތް ދުވަސްވީ ގުޅުން އިތުރަށް ހަރުދަނާ ކުރުމާއި އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ގުޅިގެން ވެސް މަޝްވަރާކުރައްވައިފަ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ތިން އަހަރުގެ ތެރޭގައި އިންޑިއާ އާއި ރާއްޖޭގެ ގުޅުން އައިސްފައިވާ ހިސާބާ މެދު ހިތްހަމަޖެހިވަޑައިގެން ދެ ބޭފުޅުން ވެސް ވާހަކަ ދެއްކެވި އެވެ.
ޝާހިދުގެ ވާހަކައިގައި ވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ކޮވިޑްގެ ދަތި ހާލަތުގައި ވެދިން އެހީތެރިކަން ވަރަށް ބޮޑަށް ފާހަގަކުރައްވައި އިންޑިއާއަކީ އަބަދުވެސް ރާއްޖެއިން ބަރޯސާވެވޭނެ ފަދަ ގައުމެއްކަމަށް ވިދާޅުވެފަ އެވެ. އަދި ހައި ކޮމިޝަނަރު ވެސް ވަނީ ރާއްޖޭގެ ހޫނު މަރުހަބާ ފާހަގަކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަޝްވަރާކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްގެ މަގާމަށް ހޮވިވަޑައިގެން ފަހުން ޝާހިދު ދިރިއުޅުއްވަނީ ނިއު ޔޯކްގަ އެވެ. އެކަމަކު މިވަގުތު ރާއްޖެ ވަޑައިގެން އުޅުއްވަނީ މިދިޔަ ހުކުރު ދުވަހު، ޗައިނާގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގަތުުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވާ ރަސްމީ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަށެވެ.
ދުވަސްކޮޅެއް ވަންދެން ޝާހިދު ރާއްޖޭގައި މަޑުކުރައްވާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.