މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި ޖަލަށްލި މ. ލޮނުމިދިލިގޭ، އިބްރާހިމް ޝަފާޒް އަބްދުއްރައްޒާގް (ސަފާ) ރާއްޖެ އިން ބޭރަށް ފުރުވައިލި މައްސަލައިގައި ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ހާނިމްގެ މައްޗަށް ކުރާ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް ހައި ކޯޓުން މިއަދު ތާއީދުކޮށްފި އެވެ.

ސަފާ 18 އަހަރަށް ޖަލަށްލާފައި ވަނިކޮށް، ގައިދީން ބޭރަށް ފޮނުވުމުގެ އުސޫލުތަކާ ޚިލާފަށް ފެބްރުއަރީ، 2014 ގައި ސަފާ ސްރީ ލަންކާ އަށް ފޮނުވި މައްސަލައިގައި އޭރުގެ ޑެޕިއުޓީ މިނިސްޓަރު ހާނިމްގެ އިތުރުން އޭރުގެ ކޮމިޝަނަރު އޮފް ޕްރިޒަންސް މޫސާ އާޒިމްގެ މައްޗަށް ދައުލަތުން ވަނީ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާ ހޯދައި ދިނުމުގެ ދައުވާއެއް ކޮށްފަ އެވެ. އެ މައްސަލައިގެ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް ރިއާޔަތްކޮށް، ކްރިމިނަލް ކޯޓުން ނިންމާފައި އޮތީ އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އެ ނިންމުން ހާނިމްގެ ފަރާތުން އިސްތިއުނާފު ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނުގެ ދަށުން އެ ދައުވާ ހާނިމްގެ މައްޗަށް ކުރަން މިހާރު އަމަލުކުރާ ގާނޫނުލްއުގޫބާތު އޮތްގޮތުން ހުރަހެއް ނެތް ކަމަށެވެ. ގާނޫނުލްއުގޫބާތުގެ ދަށުން ލިބޭ ލުއި ހާނިމަށް ލިބިގެންވާ ކަމަށް ކްރިމިނަލް ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައި ނެތަސް، އެއީ ހާނިމްގެ ހައްގަށް އަސަރު ކުރާނެ ކަމެއް ނޫން ކަމަށާއި މައްސަލަ ނިމޭއިރު ހައްގުތައް ކަށަވަރުވުމުގެ ފުރުސަތު އެބައޮތް ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

އެހެންވެ، އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމި ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ހައި ކޯޓުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.

އެ މައްސަލަ ބެއްލެވީ އިސް ފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު މުހައްމަދު ފައިސަލްގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދެވެ. ރިޔާސަތު ބެލެހެއްޓެވީ އިސް ފަނޑިޔާރު ހާތިފެވެ.

ސަފާ، ލަންކާގައި ހުއްޓައި ފަހުން އޭނާ ރާއްޖެ ގެނެސް، އަނބުރާ ޖަލަށްލި އެވެ. އެކަމަކު އޭގެ ދުވަސްކޮޅެއް ފަހުން ހައި ކޯޓުން ވަނީ އޭނާގެ ޖަލު ހުކުމް ބާތިލްކޮށް، މިނިވަންކޮށްފަ އެވެ.