ވ. ފޮއްތެޔޮ ބޮޑުފުށީގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑާއި އެ އަތޮޅު އަންބާރާ ބޭރުން ޑިންގީއެއްގައި ފެނުނު މީހާ ސްރީ ލަންކާއަށް ފޮނުވާލަން މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެކަން ހަމަޖައްސަން ސްރީ ލަންކާގެ ހައި ކޮމިޝަނާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އޭގެ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ފަޅުރަށުގައި މަރުވެފައި އޮތް މީހާ ފެނުނީ އެ ރަށަށް ދަނޑި ކަނޑަން ގޮސް އުޅުނު ބަޔަކަށެވެ. ހަށިގަނޑު އޮތީ ރަށު ތެރޭގައި ކަމަށް ވާތީ، އެއީ އޮޔާ ލެއްގި ގަބުރެއް ކަމަކަށް ނުބެލެވެ އެވެ.

ފުލުހުން ބުނާ ގޮތުގައި އަނިޔާއެއްކޮށްފައި ހުރުން ކަހަލަ ޝައްކުކުރެވޭ އެއްވެސް ނިޝާނެއް އެ މީހާގެ ހަށިގަނޑުން ފެންނާކަށް ނެތެވެ. އެކަމަކު އެ މަރު ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފަައިވެ އެވެ.

ޑިންގީގައި އިން ހާލު ދެރަ މީހާ ވެސް ފެނުނީ ހަމަ އެ ދުވަހު އެވެ. ފަހުން އެނގުނު ގޮތުގައި މަރުވެފައި އޮއްވާ ފެނުނީ އެ ޑިންގީގައި ދަތުރުކުރި މީހެކެވެ. ނަމަވެސް ޑިންގީގައި އިންދައި ފެނުނު މީހާގެ ހާލު ދެރަކަމުން އޭރު އޭނާއާ ފުލުހުން ސުވާލުކޮށްފައެއް ނުވެ އެވެ. އަދި އޭގެ ފަހުން އެކަމާ ބެހޭ ގޮތުން އޭނާގެ ބަޔާނެއް ނެގި ކަމަކަށް ވެސް ފުލުހުން އަދި ނުބުނެ އެވެ.

އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި އެ ދެ މީހުން ރާއްޖެއާ ހަމައަށް އައީ މިދިއަ މަހު 30 ގައި ކަނޑަށް ނުކުމެ އުޅެނިކޮށް ބެހިގެންނެވެ.