ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭ އިތުރު 186 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އާ ހަމައަށް 4،247 ސާމްޕަލް ކޮވިޑަށް ޓެސްޓުކުރި ކަމަށެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 152 މީހުންނެވެ. ރަށްރަށުން 23 މީހަކު ޕޮޒިޓިވްވެފައިވާ އިރު، ރިސޯޓުތަކުން 10 މީހުންނާއި ސަފާރީއަކުން އެކަކު ޕޮޒިޓިވްވި އެވެ.
ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 181 މީހަކަށް ފަރުވާދެމުން އަންނަ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ. މި ވަގުތު 2،567 މީހުން އަންނަނީ މި ބައްޔަށް ފަރުވާ ހޯދަމުންނެވެ.
މިހާތަނަށް 19،979 މީހުން މި ބައްޔަށް ޕޮޒިޓިވްވެފައިވާ އިރު، 17،343 މީހުން ވަނީ ރަނގަޅުވެފަ އެވެ. ކޮވިޑް ޖެހިގެން 62 މީހަކު މަރުވެފައިވެ އެވެ.
މީގެ އިތުރުން 5،923 މީހުންނަށް ކޮވިޑް ވެކްސިން ވެސް ވޭތުވެ ދިޔަ 24 ގަޑިއިރު ވަނީ ޖަހއިފަ އެވެ. މާލެ ސަރަހައްދުން 2،291 މީހުން ވެކްސިން ޖަހާފައިވާ އިރު ރަށްރަށުން 3،632 ވެކްސިން ޖަހާފައި ވެ އެވެ. ރަށްރަށުގައި ވެކްސިން ޖަހާ 169 ސެންޓަރު ވަނީ ގާއިމްކޮށްފަ އެވެ. މިހާތަނަށް 111،415 މީހުންނަށް ވެކްސިން ޖަހާފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.