ގިނަ ބަޔަކު ބޭނުންކުރާ ވަޓްސްއެޕްގެ ޑެސްކްޓޮޕް ވާޝަނުގައި ވެސް ފޯން ކުރެވޭ ގޮތަށް ހަދައިފި އެވެ.
ފޭސްބުކްގެ ދަށުން ހިންގާ ޕްލެޓްފޯމުން ބުނީ ސްމާޓްފޯނުތަކުން ވަޓްސްއެޕް ބޭނުންކުރެވޭ ގޮތަށް މިހާރު ކޮމްޕިއުޓަތުގައި އޯޑިއޯ އަދި ވިޑިއޯ ކޯލްކުރެވޭނެ ކަމަށެވެ. ގާތް މީހުންނާ ވީހާ ވެސް ބޮޑަށް ކައިރިކޮށް ދިނުމުގެ ގޮތުން ކޯލްކުރެވޭ ފީޗާ އިތުރުކުރި އިރު އަދި ގްރޫޕް ކޯލެއް ނުކުރެވެ އެވެ. އެހެންވެ އަލަށް މި ގެނައީ ހަމައެކަނި "ވަން-ޓު-ވަން" ކޯލެވެ.
ނަމަވެސް ވަޓްސްއެޕްގެ ޑެސްކްޓޮޕް ވާޝަނުގެ ކޯލް ފީޗާ އަށް އާންމުންގެ ފަރާތުން ލިބޭ ފީޑްބެކަށް ބަލައި ކުރިއަށް އޮތް ތަނުގައި ގްރޫޕް ކޯލް ކުރެވޭ ގޮތް ވެސް ހަމަޖައްސާނެ ކަމަށް ބުންޏެވެ.
"މިހާރު ވަރަށް ގިނަ ބަޔަކު ކޯލްކުރަން މި ޕްލެޓްފޯމް ބޭނުންކުރާތީ އިތުރަށް އެކަން ފަސޭހަކޮށް ދިނުމުގެ ގޮތުން ޑެސްކްޓޮޕްގައި ވެސް ކޯލްކުރެވޭ ގޮތް ހެދީ." ވަޓްސްއެޕުން ބުންޏެވެ. "މިދިޔަ އަހަރުން ފެށިގެން ވަޓްސްއެޕް ކޯލް ބޭނުންކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި."
މިދިޔަ އަހަރު ވަނީ ވަޓްސްއެޕްގައި ގްރޫޕް ހަދައިލެވޭ އަދަދު 4 އިން 8 އަށް އިތުރު ވެސް ކޮށްފަ އެވެ.
ވަޓްސްއެޕްގެ ފޯން ވާޝަނެކޭ އެއްގޮތަށް ޑެސްކްޓޮޕް ވާޝަނަކީ ވެސް އެންޑް-ޓު-އެންޑް އެންކްރިޕްޓެޑް ވާޝަނެކެވެ.
މީގެ 12 އަހަރު ކުރިން ވުޖޫދަށް އައި ވަޓްސްއެޕް ބޭނުންކުރާ މީހުންގެ އަދަދު މިހާރު ދެ ބިލިއަނަށް ވުރެ ގިނަ އެވެ.