ޗައިނާގައި އެންމެ މަގުބޫލު ފޯނުގެ މަގާމު ވާވޭ އަށް ގެއްލި އެ މަގާމު ފުރަތަމަ ފަހަރަށް އޮޕޯ އަށް ލިބިއްޖެ އެވެ.
ވާވޭ ފަދަ ވަރުގަދަ ބޮޑު ކުންފުންޏަކާ ވާދަކޮށް އެ މަގާމު ލިބުމަކީ އޮޕޯ އަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ. އޮޕޯ އަކީ އޮޕޯ މޮބައިލް ޓެލެކޮމިއުނިކޭޝަންސް ކޯޕަރޭޝަންސް ލިމިޓެޑްގެ އުފެއްދުމެކެވެ.
މާކެޓް ރިސާޗް ކުންފުނި ކައުންޓަޕޮއިންޓުން ބުނި ގޮތުގައި މިދިޔަ ޖެނުއަރީ މަހުން ފެށިގެން ޗައިނާގެ މާކެޓްގައި މިހާރު އެންމެ ހިނގާ ފޯނަކީ އޮޕޯ އެވެ. އަދި ބްރޭންޑުގެ ވިޔަފާރި އަށް އަހަރު ފެށުނު ފަހުން 21 ޕަސެންޓުގެ ކުރިއެރުމެއް އައިސްފައި ވާއިރު ވާވޭ އާއި ވީވޯ ފޯނުގެ ވިޔަފާރި އުޅެނީ 20 ޕަސެންޓްގަ އެވެ. އަދި އެމެރިކާގެ ކުންފުނި އެޕަލް އާއި ޝޯމީގެ ވިޔަފާރި ޗައިނާ މާކެޓްގައި އުޅެނީ 16 ޕަސެންޓްގަ އެވެ.
ކައުންޓަޕޮއިންޓުން ބުނި ގޮތުގައި ފާއިތުވި އަހަރު އޮޕޯގެ ވިޔަފާރި އަށް 26 ޕަސަންޓްގެ ކުރިއެރުމެއް އައިސްފައިވާ އިރު މިދިޔަ މަހުގެ ތެރޭގައި އެ ނިސްބަތް 33 ޕަސަންޓަށް އަރާފައިވެ އެވެ. މީގެ އެއް ސަބަބަކީ އޮޕޯ އިން ދާދި ފަހުން ލޯންޗްކުރި އޮޕޯ ރެނޯ 5 ސީރީޒްގެ ފޯނުތަކުގެ އަގުހެޔޮވުމެވެ. އެގޮތުން ރެނޯ 4 އަށް ވުރެ ވެސް ރެނޯ 5 ގެ އަގު ހެޔޮ އެވެ.
ޗައިނާގެ މާކެޓްގައި ވާވޭ ވެއްޓުނު އިރު އެ ކުންފުންޏަށް މި ފަހުން ބޮޑެތި ދަތިތަކާ ކުރިތިމަތިލާން ޖެހިފައިވެ އެވެ. އަނެއްކޮޅުން އެ ކުންފުނި މިހާރު ޕްރިމިއަމް މާކެޓަށް ފޯކަސްކުރުމާއި އެމެރިކާ ފަދަ ގައުމުތަކުން ކުރިމަތިވެފައިވާ ފިއްތުންތަކާ ހެދި، އެ މާކެޓްގައި ހިންދެމިލެވޭނެ ގޮތެއް ނެތުމުން، އެހެން ބްރޭންޑްތަކަށް އޭގެ ފައިދާ ކުރަން ފަށާފައިވާ ކަމަށް ވެސް ކައުންޓަޕޮއިންޓުން ބުންޏެވެ.
ހަމަމިއާ އެކު ވާވޭގެ ދަށުން ހިންގި ކުންފުނި އޮނާ މިދިޔަ އަހަރު ޝެންޒެން ޒިޒިން ނިއު ޓެކްނޮލޮޖީ އަށް ވިއްކައިލުމަކީ ވެސް ވާވޭގެ މާކެޓް ޝެއާ ދަށްވާން މެދުވެރިވި ސަބެބެކެވެ. ކައުންޓަޕޮއިންޓުން ބުނިގޮތުގައި ވާވޭގެ ކުރިމަތީގައި ހުރި މައްސަލަތަކާ އެކު މުޅި އަހަރު ވެސް ވާވޭގެ ވިޔަފާރި ދަށްވާނެ އެވެ.
އެ ކުންފުނި ފަހަތަށް ޖައްސާލައި އޮޕޯ ކުރިއަށް ޖެހިލި އިރު ބުރާސްފަތި ދުވަހު އޮޕޯގެ ފައިންޑް އެކްސް3 ޕްރޯ ލޯންޗްކުރާނެ އެވެ.