ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން އަންނަ ހޯމަ ދުވަހު މެދުކަނޑާލި ނަމަވެސް، ވަކި ސަބަބުތަކެއް މެދުވެރިވެގެން ވެކްސިން ނުޖެހި ތިބި މީހުންނަށް ވެކްސިން ދޭނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނެފި އެވެ.
މިހާރު ވަނީ މާލެ ސަރަހައްދުގައި ކޮވިޑު ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން އަންނަ ހޯމަ ދުވަހަށް ފަހު ހުއްޓާލަން ނިންމައިފަ އެވެ. އެއާ އެކު، ވެކްސިން ޖެހުމަށް ސެންޓަރުތަކަށް ދާ މީހުން އިތުރުވެ މިއަދު އާދަޔާ ހިލާފަށް ގިނައިން މީހުން ދިޔަ އެވެ.
އެޗްއީއޯސީން ބުނީ އަންނަ ހޯމަ ދުވަހަށް ފަހު ވެސް، އުމުރުން ދުވަސްވީ މީހުންނާއި ބަލިތަކުގައި އުޅޭ މީހުން، ކޮވިޑަށް ޕޮޒިޓިވްވެ މިހާރު އެކަހެރިވެފައިވާ މީހުން، ކޮންޓެކްޓަށްވެ ކަރަންޓީނުގައި ތިބި މީހުން، ރާއްޖެއިން ބޭރުން ދަތުރުކުރުމަށް ފަހު ކަރަންޓީނުގައި ތިބި މީހުންނާއި މާލެއިން ދަތުރުކުރުމަށްފަހު ކަރަންޓީނުގައި ތިބި މީހުން އަދި ބައްޔެއް ނުވަތަ ސިއްހީ ހާލަތެއްގެ ސަބަބުން ވެކްސިން ޖެހުން ލަސްކުރަން ޖެހުނު މީހުންނަށް ވެކްސިން ޖަހައިދޭނެ ކަމަށެވެ.
ރާއްޖޭގައި މިހާތަނަށް 175،456 މީހުންނަށް ކޮވިޑު ވެކްސިން ދީފައި ވެ އެވެ. އެއީ ހަލުއިކަމާއެކު ކޮވިޑު ފެތުރެމުންދާ މާލެ ސަރަހައްދުން 99،821 މީހުން އަދި ރަށްރަށުން 75،635 މީހުންނެވެ.
ރ. އުނގޫފާރު ހޮސްޕިޓަލްގެ އާ އިމާރާތް އެޅުމަށް މިދިޔަ ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ ވެކްސިންގެ ދެ ވަނަ ޑޯޒް ފައްޓަން ޖެހޭ ކަމަށާއި ބަލީގެ ރައްކާތެރިކަން ލިބުމުގެ ބައި ފުރިހަމަވެގެންދާނީ އޭރުން ކަމަށެވެ.
ރާއްޖޭގައި ބޭނުންކުރަމުން އަންނަ ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހަން ނިންމާފައިވަނީ ފުރަތަމަ ޑޯޒަށްފަހު އަށް ހަފުތާ ފަހުންނެވެ. އެގޮތުން، އެންމެ ފުރަތަމަ ވެކްސިން ޖެހި މީހުންގެ ދެ ވަނަ ޑޯޒް ޖަހަން މި މަހުގެ ފަހުކޮޅު ފަށާނެ އެވެ.