ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ ދަރިފުޅު ލައިބާ އަހުމަދު މަހްލޫފް (އެލީ)ގެ ލަވަތައް، އޭނާ އެންމެ ތުއްތު އިރުއްސުރެ ސޯޝަލް މީޑިއާއިން ފެނެ އެވެ. އެންމެ ފުރަތަމަ ބައްޕަ އެކު ލަވަ ކިޔަމުން އައިސް، ފަހުން ރާއްޖޭގެ މަޝްހޫރުު ބައެއް ލަވަކިޔުންތެރިންނާ އެކީގައި ވެސް އޭނާ ވަނީ ލަވަ ކިޔައިފަ އެވެ. މި ފަހަރު އޭނާ ލަވަ ކީ، އިންޑިއާގެ ފިލްމު އިންޑަސްޓްރީ، ބޮލީވުޑްގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ، ޖާވިދު އަލީ އާއެކުގަ އެވެ.

"ތުމް މިލޭ"، "އޭކް ދިން"، "ކަޖްރާ ރޭ،" އަދި "ތުހީ ހަގީގަތު" ފަދަ މަޝްހޫރު ހިންދީ ލަވަތައް ކިޔާފައިވާ ޖާވިދާ އެކު، އެލީ ކީ ލަވަ މިއަދު ވަނީ ރިލީސްކޮށްފަ އެވެ. ހިންދީ ބަހުން ކިޔާފައިވާ މި ލަވަ ތައްޔާރުކުރީ އިންޑިއާގެ މަޝްހޫރު ޒީ މިއުޒިކް ކޮމްޕެނީންނެވެ.

އެ ލަވައިގެ ވީޑިއޯ ވެސް ވަނީ ނެރެފަ އެވެ. ވީޑިއޯ ލަވައިގައި ޖާވިދު ފެނުނަސް އެލީ އެކްޓްކޮށްފައި ވަނީ އެހެން ފަންނާނަކާ އެކު އެވެ.

ޔޫތު މިނިސްޓަރު މަހުލޫފް ވިދާޅުވި ގޮތުގައި މިއީ ވޭތުވެ ދިޔަ ހަ މަހުގެ ބުރަ މަސައްކަތެވެ. އެންމެ ތިން އަހަރުއްސުރެ ހިންދީ ބަހުން ވާހަކަ ދައްކައި، އަދި ހިންދީ ލަވަތަކަށް ލޯބިކުރާ ދަރިފުޅުގެ މި ހުވަފެން ފުރިހަމަ ވީތީ، ބައްޕައެއްގެ ހައިސިއްޔަތުން އޭނާ ވަރަށް ފަހުރުވެރިވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

އެލީގެ މަންމަ އަދި ނައިބު ރައީސް ފައިސަލް ނަސީމްގެ ސެކްރެޓަރީ ނަޒްރާ ނަސީމް (ނަޒޫ) ވިދާޅުވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އިންޑިއާގައި ޝޫޓު ކުރި މިލަވަ އަކީ، އެންމެ ކުޑައިރުއްސުރެ މިއުޒިކަށް ޝައުގުވެރިކަން ހުންނަ ދަރިފުޅުގެ ހުނަރު ދައްކާލުމަށް ތައްޔާރުކުރި ލަވައެއް ކަމަށެވެ. ލަވައިގެ ވީޑިއޯ ތައްޔާރުކުރުމަށް ގިނަ ވަގުތު ހޭދަވި ކަމަށާއި އެކަމަކު، ދަރިފުޅުގެ ފުރަތަމަ ހިންދީ ލަވައާ މެދު ހިތްހަމަޖެހިވަޑައިގެންނަވާ ކަމަށް ވިދާޅުވި އެވެ.

އެލީ އޭނާގެ ފުރަތަމަ ހިންދީ ލަވައިގައި
އެލީ އޭނާގެ ފުރަތަމަ ހިންދީ ލަވައިގައި

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިއަކާ އެކު އެލީިގެ ލަވަ އާއްމުވުމާއެކު، ބައެއް މީހުންގެ ފާޑުކިޔުން ވެސް އަމާޒުވި އެވެ. އެ މީހުން ތުހުމަތު ކުރި ގޮތުގައި އެ ފަދަ ފުރުސަތެއް ހޯދޭނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެންނެވެ.

އެކަމަކު އެ ފާޑުކިޔުންތަކަށް ޖަވާބު ދެއްވަމުން މަހްލޫފް ވިދާޅުވީ އަމިއްލަ ކަމަކަށް ދައުލަތުގެ ފައިސާއެއް އަދި ނުފޫޒެއް ވެސް ބޭނުމެއް ނުކުރާނެ ކަމަށާއި އެއީ އަމިއްލައަށް ހޯއްދެވި ފުރުސަތެއް ކަމަށެވެ.

މަހްލޫފް ވަނީ އަނބިކަނބަލުން ނަޒްރާ ނަސީމާއެކު، 2014 ވަނަ އަހަރު އޮތް އައިފާ އެވޯޑްސްއަށް ވަޑައިގެން ބޮލީވުޑްގެ މަޝްހޫރު ގިނަ ފިލްމީތަރިންނާއި ލަވަކިޔުންތެރިންނާ ބައްދަލުކުރައްވައިފަ އެވެ. މަހްލޫފް ވިދާޅުވި ގޮތުގައި އޭރުއްސުރެ މުމްބާއީގައި ރަހުމަތްތެރިން ތިބެ އެވެ. އަދި ރާއްޖެ އަންނަ ފިލްމީތަރިންނާ ވެސް މަހްލޫފް ބައްދަލުކުރައްވައި، ފޮޓޯ ނަންގަވަ އެވެ.

"އެންމެންނަށް ވެސް ފުރުސަތު އެބައޮތް. އެކަމަކު މަސައްކަތް އަދި ހަރަދު ކުރަން ޖެހޭ. ނިންމާނީ ބެލެނިވެރިޔާ،" ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން މަހްލޫފް ވިދާޅުވި އެވެ.

އެލީ އޭނާގެ ފުރަތަމަ ހިންދީ ލަވައިގައި
އެލީ އޭނާގެ ފުރަތަމަ ހިންދީ ލަވައިގައި

ނަޒޫ ވިދާޅުވީ އޭނާގެ ދަރިފުޅަކީ އެންމެ ކުޑައިރުއްސުރެ ލަވަކިޔުމުގެ ހުނަރު ހުރި ކުއްޖެއް ކަމަށާއި އަދި އެ ހުނަރު ކުރިއެރުވުމަށް އާއިލާއިން މަސައްކަތް ކުރައްވާ ކަމަށެވެ. އެކަމަކު އެކަމާ، ދައުލަތުގައި އަދާކުރާ ވަޒީފާއާ ނުގުޅުވޭނެ ކަމަށާއި އެގޮތަށް ދުށުމަކީ އިންސާފެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ދައުލަތުން އަޅުގަނޑުމެންނަށް އިންޝުއަރެންސް ދޭގޮތަށް ދޭ އެއްޗެއް ނޫން އެއީ ހުނަރަކީ. އެލީގެ ހުނަރު ހުރީމައި އެ ފަދަ ފުރުސަތުތައް ލިބެނީ. އަދި އެކަމަށް އަޅުގަނޑުމެން ހަރަދުކޮށް، މަސައްކަތްކޮށްގެން،" ނަޒޫ ވިދާޅުވި އެވެ.