އަންނަ މަހުގެ 10 ގައި ބާއްވާ އުރީދޫ "ފަން ރަން"ގައި މި ފަހަރު އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަބީޖީތު ސާވަންތުގެ ޝޯއެއް ބާއްވަން ނިންމައިފި އެވެ.
ފުރަތަމަ އިންޑިއަން އައިޑޮލް ކާމިޔާބުކުރި އަބީޖީތުގެ ޕާފޯމަންސް އޮންނާނީ "ފަން ރަން" ބާއްވާ ދުވަހުގެ ރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި 8:00 އިން ފެށިގެން އޮންނަ ހާއްސަ މިއުޒިކް ޝޯގަ އެވެ.
އުރީދޫން މިއަދު ބުނީ އިންޑިއާގެ މިއުޒިކީ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ އެއް ހުނަރުވެރިޔާ ރާއްޖެ ގެނައުމަށް ހަމަޖެހުމަކީ މި އަހަރުގެ "ފަން ރަން"ގެ އުފާފާޅުކުރުންތަކަށް ލިބުނު ވަރަށް ފޯރިގަދަ ކުރިއެރުމެއް ކަމަށެވެ. މިއީ ލައިވް މިއުޒިކާއި މުނިފޫހިފިލުވުމާއި އުފާވެރިކަމުން ފުރިގެންވާ އަދި ހަނދާނުން ފޮހެވިގެން ނުދާނެ ފަދަ ރެއަކަށް ވާނެކަން ޔަގީން ކަމަށް އުރީދޫން ބުންޏެވެ.
އަބިޖީތަށް ގިނަ ބައެއްގެ ލޯބި ލިބުނީ 2005 ވަނަ އަހަރު ބޭއްވި އިންޑިއަން އައިޑަލްގެ ފުރަތަމަ ސީޒަން ކާމިޔާބުކޮށް، އޭނާގެ ހިތްގައިމު އަޑާއި ހުށަހެޅުންތަކުން އެތައް މިލިއަން ބައެއްގެ ހިތްތައް ފަތަހަކުރުމަށް ފަހުގަ އެވެ.
އޭނާގެ ފުރަތަމަ އަލްބަމް ކަމަށްވާ "އާޕްކާ އަބިޖީތު ސާވަންތު" އާއި އޭގައި ހިމެނޭ އިންތިހާއަށް މަޝްހޫރުވި ލަވަ "މޮހައްބަތޭން ލުޓާއުންގާ"ގެ ސަބަބުން އިންޑިއާގެ މިއުޒިކް އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ފަންނާނަކަށް އޭނާ ވި އެވެ.
ވިއްސަކަށް އަހަރަށް ވުރެ ދިގު މިއުޒިކީ ކެރިއަރުގައި، ރެކޯޑިން އާޓިސްޓެއްގެ ގޮތުންނާއި ބޮލީވުޑްގެ ފިލްމުތަކަށް ލަވަ ކިޔައިދޭ ފަންނާނެއްގެ ގޮތުން އަދި ލައިވް ޝޯތައް ހުށަހަޅައިދޭ ފަންނާނެއްގެ ގޮތުން އަބިޖީތު ވަނީ ފާހަގަކޮށްލެވޭ ބޮޑެތި ކާމިޔާބީތަކެއް ހޯދައިފަ އެވެ.
އޭނާގެ މަގުބޫލު އަލްބަމްތަކުގެ ތެރޭގައި "ޖުނޫން" އާއި "ފަރީދާ" ހިމެނޭއިރު، އޭނާ ލަވަކިޔައިދީފައިވާ ބޮލީވުޑްގެ ފިލްމުތަކުގެ ތެރޭގައި "އާޝިގް ބަނާޔާ އާޕްނޭ" އާއި "ތީސް މާރު ޚާން" ކަހަލަ ފިލްމުތައް ހިމެނެ އެވެ.
މީގެ އިތުރުން، އޭޝިއަން އައިޑަލް އިން ތިންވަނަ ހޯދައި، "ޖޯ ޖީތާ ވޯހީ ސުޕަސްޓާ"ގެ ދެވަނަ ހޯދައިގެން އޭނާ ވަނީ ބައިނަލްއަގުވާމީ މައިދާނުގައި ވެސް އޭނާގެ މަގުބޫލުކަން އިތުރަށް ވަރުގަދަކޮށްފަ އެވެ. އަދި 2024 ވަނަ އަހަރު، "ބިގް ބޮސް" މަރާޓީ ސީޒަން ފަހެއްގެ ދެވަނަ ހޯދައިގެން އޭނާ ވަނީ އަނެއްކާވެސް ބެލުންތެރިންގެ ހިތްތައް ފަތަހަކޮށްފަ އެވެ.
އުރީދޫން ބުނީ އިންޑިއަން އައިޑަލް ބަލަމުން އަދި ބޮލީވުޑްގެ ލަވަތައް އަޑުއަހަމުން ބޮޑުވި ގިނަ ދިވެހިންނަށް، އަބިޖީތުގެ ލައިވް ހުށަހެޅުންތައް ރާއްޖޭގައި ތަޖުރިބާކޮށްލަން ލިބޭ މި ފުރުސަތަކީ، ކުރީގެ އުފާވެރި ހަނދާންތައް އާވެ، ހާއްސަ ފޯރިއެއް ގެނުވާނެ ކަމެއް ކަމަށެވެ.
އޭނާގެ ދުވަހަކު ވެސް ފަނޑުވުމެއް ނެތް ރާގުތަކާއި ސްޓޭޖުމަތީގައި ދައްކުވައިދޭ ޖާދޫވީ ހުށަހެޅުންތަކާއި އެކި ޖީލުތަކުގެ މީހުންނާ ގުޅުން ބަދަހިކޮށްލުމުގެ ގާބިލުކަމުގެ ސަބަބުން، އޭނާއަކީ "ފަން ރަން" މިއުޒިކް ޝޯއަށް ލިބޭނެ ވަރަށް ފުރިހަމަ އިތުރުވުމެއް ކަމަށް އުރީދޫ ބުންޏެވެ.
ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި ދުވުމުގެ ގޮތުގައި މަޝްހޫރުވެފައިވާ އުރީދޫ "ފަން ރަން" މިހާރު ވަނީ ކުލަ އާއި ފޯމާއި މިއުޒިކާއި ދުޅަހެޔޮކަމާއި އަދި މުނިފޫހިފިލުވުމުގެ ތެރެއިން އެތައް ހާސް ބަޔަކު އެއްތަނަކަށް ޖަމާކޮށްދޭ، ރާއްޖޭގެ އެންމެ ފޯރިގަދަ އެއް އިޖުތިމާއީ ހަރަކާތަށް ބަދަލުވެފަ އެވެ.
އުރީދޫން ބުނި ގޮތުގައި، މި ފޯރިގަދަ ގުޅުމުގެ ސަބަބުން "ފަން ރަން"ގެ ޖޯޝާއި އިންޑިއާގެ މިއުޒިކީ ޖާދޫ އެއްތަންވެ، މުނިފޫހިފިލުވުމުގެ މި ތަޖުރިބާ މުޅިން އާ ހަރުފަތަކަށް ގެންގޮސްދޭނެ އެވެ.
ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ މަޝްހޫރު ފަންނާނުންނާ ގުޅިގެން، އެ ކުންފުނީގެ އެންމެ ބޮޑެތި އިޖުތިމާއީ ހަރަކާތްތަކުގެ ފެންވަރު މަތިކޮށް، ދުނިޔޭގެ ފެންވަރުގެ މުނިފޫހިފިލުވުން ދިވެހި ބެލުންތެރިންނާ ހަމައަށް ގެނެސްދީ، މުވާސަލާތީ ހިދުމަތްތަކުގެ އިތުރުން ވެސް ހަނދާނުން ފޮހެވިގެން ނުދާނެ ފަދަ ތަޖުރިބާތަކެއް ފަހިކޮށްދެމުން އަންނަ ކަމަށް އުރީދޫން ބުންޏެވެ.
އަބީޖީތު ވަނީ މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ރާއްޖޭގައި ޝޯ ދީފަ އެވެ. އެއީ 2016 ވަނަ އަހަރު ބޮޑު އީދުގައި ލ. ފޮނަދޫގަ އާއި 2021 ވަނަ އަހަރު ސަން ސިޔާމް އިރުފުށި ރިސޯޓުގަ އެވެ.