ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމަށްޓަކައި އެންމެ ފުރަތަމަ ބޭނުންވި ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގި މައްސަލައިގައި ދައުވާ ނުކުރަން ކުރިން ނިންމި ނިންމުން ބަދަލު ނުކުރާނެ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުން އޭސީސީ އަށް މިއަދު ނިންމައިފި އެވެ.

ވެންޓިލޭޓަރުތައް ގެންނަން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އެގްޒެކިއުޓާސްް ޖެނެރަލް ޓްރޭޑިން ކުންފުންޏާ ހަވާލުކޮށް، އެޑްވާންސްކޮށް ފައިސާ ދެއްކުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައްސަލަ ޕީޖީ އަށް ފޮނުވުމުން ޕީޖީން ނިންމީ އެކަމުގައި ދައުވާ ކުރެވޭ ވަރުގެ ހެއްކެއް ނެތް ކަމަށެވެ. އެހެންވެ އޭސީސީން ވަނީ އެ ނިންމުން މުރާޖައާ ކުރުމަށް ޕީޖީގައި އެދިފަ އެވެ.

ނަމަވެސް އެ މައްސަލަ އަލުން މުރާޖާ ކުރުމަށް ފަހު ކުރިން ނިންމި ނިންމުން ބަދަލު ނުކުރަން ޕީޖީން ނިންމާފައިވާކަން އޭސީސީންް ކަށަވަރުކޮށްދިނެވެ. އެކަމަކު އެހެން ނިންމީ ކީއްވެގެން ކަމެއް އޭސީސީން އަދި ނުބުނެ އެވެ.

އޭސީސީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ވެންޓިލޭޓަރުގެ މައްސަލާގައި އެއްވެސް ބަޔަކަށް ދައުވާ ނުކުރަން މީގެ ކުރިން ނިންމި ނިންމުން ބަދަލު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ޕީޖީން މިއަދު އެ ކޮމިޝަނަށް އަންގާފައިވާ ކަމަށެވެ.

"އެ މައްސަލާގައި އަލުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ގޮތެއް ނިންމާނަން،" އޮފިޝަލް ވިދާޅުވި އެވެ.

ވެންޓިލޭޓަރުގެ މައްސަލަައިގައި ދައުވާ ނުކުރަން ނިންމި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެސް ވަނީ ހުށަހަޅައިފަ އެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޕީޖީ ހުސެއިން ޝަމީމް ކުރިން ވިދާޅުވެފައި ވަނީ ވެންޓިލޭޓަރުގެ މައްސަލައާ ގުޅިގެން އިތުރު މައުލޫމާތުތަކެއް ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަލާގައި ވަރަށް އަވަހަށް ގޮތެއް ނިންމަވާނެ ކަމަށް ވެސް އޭރު ޕީޖީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި، އަލަށް ލިބުނު މައުލޫމާތުތަކާ އެކު ވެސް ގޮންޖެހުންތަކެއް އެބަހުއްޓެވެ. އެހެންވެ، ބޭނުންވާ މިންވަރަށް އެ މައުލޫމާތުތައް ގުޅުވައިލެވޭނީ ކޮން މިންވަރަކަށްތޯ ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައި ވެ އެވެ. ނަމަވެސް އާންމުކޮށް ހުޅުވާލައިގެން ބާއްވާ މަޖިލީހުގެ ކޮމިޓީއެއްގައި އެއިން އެއްވެސް މައުލޫމާތެއްގެ ތަފްސީލު ހާމަކުރައްވަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.