ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރުތަކެއް ގަންނަން 30 މިލިއަން ރުފިޔާ ދައްކައި، އެކަމަކު އެ އެއްޗެހި ނުލިބުނު މައްސަލައިގައި ނާޖާއިޒް ފައިދާ ހޯދައި ދިނުމުގެ ކުށުގެ ދައުވާ ނުކުރެވެންވީ ސަބަބެއް ނެތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު ގަންނަން ސަރުކާރުން ފައިސާ ދެއްކި އެވެ. ނަމަވެސް މިހާތަނަށް ލިބުނީ އެންމެ 10 ވެންޓިލޭޓަރެވެ. އަނެއް ބައި ލިބޭނެކަމުގެ ޔަގީންކަމެއް ސަރުކާރަކަށް ވެސް ނެތެވެ.

އެ މުއާމަލާތުގައި އެޑްވާންސްކޮށް ފައިސާ ދެއްކުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، އޭސީސީން ޕްރޮސެކިއުޓާ ޖެނަރަލް އޮފީހަށް މައްސަލަ ފޮނުވުމުން ޕީޖީ ހުސެއިން ޝަމީމް ނިންމެވީ ދައުވާކުރެވޭ ވަރުގެ ހެއްކެއް ނެތް ކަމަށެވެ.

އެ މައްސަލަ އަލުން ރިވިއު ކުރުމަށް ފަހު ވެސް ޕީޖީން ނިންމީ ކުރިން ހޯދާފައިވާ ހެއްކާއި ގަރީނާގެ މައްޗަށް ބަލައި ޖިނާއީ ކުށެއްގައި ސާބިތު ކޮށްދޭން ޖެހޭ އުންސުރުތައް ސާބިތުކޮށްދެވިދާނެ ކަމަށް ނުފެންނާތީ ދައުވާ ނުކުރުމަށެވެ.

އެ މައްސަލާގައި ސަރުކާރަށް ފާޑު ކިޔުން އަމާޒުވެފައި ވަނިކޮށް، އޭސީސީން މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، ދައުވާ ނުކުރެވޭނެ ކަމަށާއި ހެކި ނެތް ކަމަށް ވިދާޅުވެ ޕީޖީ ދައްކަވާ ވާހަކަތަކަށް ފާޑު ވިދާޅުވި އެވެ.

އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ ވެންޓިލޭޓަރުގެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ފޮނުވާފައި ވާނީ މަގާމްގެ ނުފޫޒް ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދައިދިން ކަމުގެ ކުށުގެ ދައުވާ ކުރުމަށް ކަމަށެވެ. އެކަން ސާބިތުކޮށްދިނުމަށް މަންފާ ލިބިފައި ހުރީ ކޮން ބަޔަކަށް ކަމާއި ފައިސާ ހުރި ތަނެއް އެނގެން މަޖުބޫރު ނޫން ކަމަށާއި ބަޔަކަށް ނާޖާއިޒް ފައިދާ ލިބޭ ފަދަ ގޮތަކަށް އަމަލު ކުރިކަން ސާބިތުވާ މިންވަރަށް މައްސަލަ ތަހުގީގުކޮށްފައިވާ ކަމަށް ޝިއުނާ ވިދާޅުވި އެވެ.

"މި މައްސަލައިގެ ޕްރައިމަރީ އެކްޓަށް ބަލާ ނަމަ ދައުވާ ކުރެވޭނެ މައްސަލައެއްކަން އަޅުގަނޑުމެން ގަބޫލު ކުރަން،" ޝިއުނާ ވިދާޅުވި އެވެ.

އޭސީސީގެ ނައިބު ރައީސް ފާތިމަތު އަނޫލާ ވިދާޅުވީ މަގާމްގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާއެއް އުފުލަން އޭސީސީން ފޮނުވީ އަލަށް ނޫން ކަމަށާއި އެފަދަ ގިނަ މައްސަލަތަކެއް މިހާރު ވެސް ޕީޖީ އޮފީހަށް ފޮނުވައި ކޯޓުގައި ވެސް ހިނގަމުންދާ ކަމަށެވެ.

އެގޮތުން އޭސީސީން ސާބިތު ކޮށްދޭން ޖެހޭނީ ދައުލަތުގެ މުއައްޒަފަކު އޭނަގެ ރަސްމީ ހައިސިއްޔަތަކުން ކުރާ ކަމަކާ ގުޅިގެން އޭނަ އަމިއްލައަށް މަންފާއެއް ހޯދުން، ނުވަތަ އެހެން ފަރާތަކަށް ލިބެން ނުޖެހޭ މަންފާއެއް ހޯދައި ދީފައިވާ ކަން ކަމަށާއި އެކަން ސާފުވާ ވަރަށް ހެކިތައް ބަޔާންކޮށްފައިވާނެ ކަމަށް އަނޫލާ ވިދާޅުވި އެވެ.

މަންފާ ލިބެން ނުޖެހޭ ފަރާތަކަށް މަންފާ ލިބިއްޖެ. އެހެންވެ މި ކުށުގެ ދައުވާ ކޮށްދޭށޭ އަޅުގަނޑުމެން މި ބުނަނީ - އަނޫލާ

ވެންޓިލޭޓަރުގެ މައްސަލަގައި ދައުވާ ނުކުރެވޭނެ ކަމަށް ޕީޖީން އެންގުމުން އެ އޮފީހުން ފާހަގަކޮށްފައިވާ ވަކިވަކި ނުކުތާތަކަށް އޮކްޓޯބަރު 25، 2020 ގައި ޖަވާބު ދީފައިވާ ކަމަށް އަނޫލާ ވިދާޅުވި އެވެ. ނަމަވެސް މިއަދާ ހަމަޔަށް ވެސް އޭސީސީން ފާހަގަ ކުރި ކަންކަމަށް ޖަވާބު ދީފައި ނުވާ ކަމަށް ެވސް އަނޫލާ ވިދާޅުވި އެވެ.

"އޭރު ވެސް ޕީޖީގެ ވިސްނުން މި ހުރީ ކޭސް ޑިކްލައިން ކުރުމުގެ ވިސްނުން. ދައުވާ ކުރެވިދާނެތޯ ބެލުމުގެ [ވިސްނުން ހުރި ކަމެއް] އަޅުގަނޑަކަށް މާނައެއް ނުކުރެވުނު،" އަނޫލާ ވިދާޅުވި އެވެ.

ވެންޓިލޭޓަރު މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ބެލިއިރު ޝަމީމް ވަނީ އެ މައްސަލަގައި އާ މައުލޫމާތުތަކެއް އޭސީސީގެ ފަރާތުން ލިބިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް އަނޫލާ ވިދާޅުވި ގޮތުގައި ޕީޖީން އެ ބުނަނީ އާ މައުލޫމާތުތަކެއްގެ ވާހަކައެއް ނޫނެވެ.

އާ މައުލޫމާތުތައް ކަމަށް ޕީޖީ ވިދާޅުވަނީ ދައުލަތުގެ އެއްވެސް މުއައްޒަފަކަށް މާލީ މަންފާއެއް ލިބުނުތޯ ބަލަން ވެގެން ހެދި ފައިނޭންޝިއަލް އެނަލައިސް ކަމަށާއި ދައުވާ ކުރަން ފުރަތަމަ ފޮނުވުމުގެ ކުރިން ވެސް އެ އެނަލައިސް ހެދި ކަމަށް އަނޫލަ ވިދާޅުވި އެވެ. އަދި އެ މައުލޫމާތުތަކަކީ ޕީޖީ އޮފީހުންގެ ފަރާތްތަކާއެކީގައި ކުރިން ވެސް މަޝްވަރާ ކޮށްފައި ހުރި މައުލޫމާތުތައް ކަމަށް ވެސް އަނޫލާ ވިދާޅުވި އެވެ.