އާންމު ހާލަތެއްގައި ނޫސްވެރިން ކުރާ ސުވާލުތަކަށް ޖަވާބުދޭ އިރު ޖަވާބު ދޭ މީހާ ނުވަތަ މީހުން ރޯތަން ވަރަށް ނުފެންނާނެ އެވެ. ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުގެ އިންޓަވިއު "މިހާރު"ގެ ނޫސްވެރިން ފެށީ އާންމު ހާލަތެއްގަ އެވެ. އެކަމަކު ރަށެއްގެ ޕޮލިސް ސްޓޭޝަނެއްގެ ވެރިޔަކަށް ހުރި ފުލުހަކު އޭނާ އަރިހު ބުނި ވާހަކަ ކިޔައިދެއްވަން ފެއްޓެވުމާ އެކު، ކުއްލިއަކަށް ހުއްޓުން އަރައި، ކީރިތިކުރެއްވުނެވެ.
"ސޮރީ، ތަންކޮޅެއް އެމޯޝަނަލް ވެވުނު ދުވަހެއް އެއީ،" ތިރީހަކަށް ސިކުންތު ފަހުން ހަމީދަށް ވިދާޅުވެވުނެވެ. ދެން އަނެއްކާވެސް އޭނާއަށް، ވާހަކަ ކުރިއަށް ނުގެންދެވި، މަޑުކޮށްލެއްވުނީ އެވެ. ވާހަކަ އަލުން ފެއްޓެވުނީ ކަރުނަ ހިފެހެއްޓެވުމަށް މިނިޓަކަށް ވުރެ ގިނަ އިރު މަސައްކަތް ކުރެއްވި ފަހުންނެވެ.
ފުލުހުންގެ އަހަރީ ދުވަހާއި "ފުލުހުންގެ ހިދުމަތުގެ ގާނޫނު"އާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް ޕޮލިސް ކޮމިޝަނަރަށް ކީރިތިކުރެއްވުނު ވަގުތުކޮޅު އައީ މާލެ އާއި ރަށްރަށުގެ ފުލުހުންނަށް ލިބެން ހުރި ވަސީލަތްތަކުގެ ތަފާތު ވިދާޅުވުމުގެ ތެރޭގަ އެވެ.
ހަމީދު ހިއްސާކުރައްވަން އުޅުއްވީ އާ ގާނޫނުގެ ސަބަބުން ފުލުހުންގެ ހިދުމަތް ލާމަރުކަޒީވެ، މާލެ ފިޔަވައި މަދުވެގެން ފަސް ސަރަހައްދެއްގައި ރީޖަނަލް ކޮމާންޑް ގާއިމްވެ، މިހާރަށް ވުރެ ބޮޑަށް އަތޮޅުތެރެއަށް ފުލުހުން ފެތުރިގެން ދާނެ ވާހަކަ އެވެ. އެކަމަކު މިހާރު އަތޮޅު ތެރޭގައި ތިބޭ ފުލުހުންނަށް ލިބޭ ވަސީލަތްތަކާއި މާލޭގެ ފުލުހުން ބޭނުންކުރާ ވަސީލަތްތަކާ ވަރަށް ބޮޑު ތަފާތެއް ހުރެ އެވެ.
"ރ. އަތޮޅުގެ ރަށެއްގެ ޕޮލިސް ސްޓޭޝަނެއްގައި އިން އޮފިސަރަކު އަޅުގަނޑު ގާތު ބުނާ ވާހަކައަކީ މާލޭގައި ބޭނުންކުރާ ޓްރެފިކް ވެސްޓް، މާލެއަށް އާ ވެސްޓް ލިބުނީމާ، ކުރިން ބޭނުންކުރި ވެސްޓް ތިމަންނަމެންނަށް ހޯދައިދެއްވަން ވީ ނޫންހޭ،" ހަމީދު ވިދާޅުވި އެވެ. އެކަމަކު ދެން އޭނާއަށް ހަމަ ކުއްލިއަކަށް ހުއްޓުން އެރި އެވެ. ކީރިތިކުރެއްވުނެވެ. ކަރުނަ ފޮހެލެއްވި އެވެ.
ހަމީދުގެ ވާހަކަ އިން ދޭހަވީ މިހާރު އޮތް ގޮތުން ރަށްރަށުގެ ފުލުހުންނަށް ހުރި ދަތިތައް ބޮޑުކަމެވެ. ބޭނުންވާ ވަސީލަތްތައް، އެކި ސަބަބުތަކާ ހެދި ނުފޮނުވޭ ކަމެވެ. އޭގެ ސަބަބުން މާލެ އާއި އެހެން ރަށްރަށުގެ ފުލުހުންގެ މެދުގައި ތަފާތުތަކެއް މިހާރު ހުރުމެވެ.
"އެ އޮފިސަރު އެގޮތަށް ބުނުމުން ވަރަށް ދެރަވި،" ދޮޅު މިނިޓެއްހާ އިރު ފަހުން އަލުން ވާހަކަ ފައްޓަވަމުން ހަމީދު ވިދާޅުވި އެވެ.
"އެކަން އެގޮތަށް ރިކުއެސްޓް އައި ސަބަބެއް ކަމަށް ދެކެނީ އެތައް ސަތޭކަ ކިލޯމީޓަރެއް މާލެއާ ދުރުގައި [ފުލުހުން] ތިބޭ އިރުގައި އަސްލުގައި އަޅުގަނޑުމެންގެ މުއައްސަސާގެ ތެރެއިން އިންތިޒާމްތައް ހުންނަ ގޮތުގެ ސަބަބުން އެ ވަސީލަތްތައް ފޯރުކޮށްދެވިފައި ނުވާތީ."
އެކަމަކު އާ ގާނޫނަށް އަމަލްކުރަން ފަށާތާ ހަ މަަސް ދުވަހުގެ ތެރޭގައި އަތޮޅުތެރޭގައި މަދުވެގެން ފަސް ރީޖަނަލް ކޮމާންޑް ގާއިމްކުރަން ޖެހެ އެވެ. ކޮމިޝަނަރުގެ ލަފައާ އެކު އެ ކޮމާންޑްތައް ގާއިމްކުރާ ސަރަހައްދުތައް ކަނޑައަޅައި އިއުލާންކުރައްވަން ޖެހިވަޑައިގަންނަވަނީ ހޯމް މިނިސްޓަރަށެވެ.
ހަމީދު ވިދާޅުވި ގޮތުގައި ރީޖަނަލް ކޮމާންޑް ސެންޓަރުތަކުގައި މިހާރު މާލެއިން ލިބެން ހުންނަ ހާއްސަ ބައެއް ވަސީލަތްތައް ގާއިމްކުރަން ޖެހެ އެވެ. އެގޮތުން އެ ސަރަހައްދެއްގައި އެންމެ ގިނަ މައްސަލަތައް ނުވަތަ ހުންނަ ކަންބޮޑުވުންތަކަށް ބިނާކޮށް ފުލުހުންގެ ހިދުމަތް ރާވަން ގާނޫނުން ބާރު އަޅަ އެވެ.
މިސާލަކަށް "ފޮރެންސިކް ހިދުމަތް ވެސް ހުންނަން ޖެހޭނެ ރީޖަނެއްގައި. މާލެއަށް ކޮންމެ ފަހަރަކު ވަކި ބާވަތެއްގެ ސާމްޕަލް ތަހުގީގުކުރަން އެ ފޮނުވުނު އިރަކުން ފޮނުވާފައި އެ ލަސްވާ ލަސްވުން،" ކުޑަކުރެވޭނެ ކަމަށް، ކޮމިޝަނަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ 103 ރަށެއްގައި މިހާރު ވެސް ފުލުހުން ހަރަކާތްތެރިވެ އެވެ. އެކަމަކު އެއީ ތިބޭ ބައެއްކަން ވެސް ބައެއް ކައުންސިލްތަކާއި ބައެއް ރަށްރަށުގެ ރައްޔިތުންނަށް "ނޭނގޭ ކަމުގެ ޝަކުވާ" ލިބިވަޑައިގަނެ އެވެ.
އެކަމަކު ފުލުހުންގެ ހިދުމަތް ލާމަރުކަޒުވުމުން އެ ޝަކުވާތަކަށް ވެސް ނިމުން އަންނާނެ ކަމަށް، ހަމީދު ގަބޫލުކުރައްވަ އެވެ.
އަޅުގަނޑުމެން ކަނޑައަޅާނަން "ފުލުހުންނާއި ކައުންސިލްތަކުން ބައްދަލުވާނީ ކިތައް ފަހަރުތޯ،" ހަމީދު ވިދާޅުވި އެވެ.