ޗައިނާގެ މަޝްހޫރު ފޯނު ކުންފުނި ޝޯމީން އިލެކްޓްރިކް ވެހިކަލް އުފެއްދުމުގެ ވިޔަފާރީގެ ތެރެއަށް ވަންނަން ނިންމައިފި އެވެެ.

ސްމާޓްފޯނުގެ ވިޔަފާރީގެ ތެރޭގައި އުޅޭ އެންމެ ނުފޫޒު ގަދަ ކުންފުނިތަކުގެ ތެރޭގައި ގުނައިލެވޭ ޝޯމީން އަންގާރަ ދުވަހު ބުނިގޮތުގައި އަލަށް ނުކުންނަ ވިޔަފާރި އަށް އެ ކުންފުނިން ކުރިއަށް އޮތް 10 އަހަރަށް 10 ބިލިއަން ޑޮލަރު އިންވެސްޓްކުރާނެ އެވެ. ޝޯމީން އިލެކްޓްރިކް ވެހިކަލްގެ ވިޔަފާރި އަށް ނުކުންނަން ނިންމި އިރު ޗައިނާ އަކީ މިހާރު ވެސް ދުނިޔޭގައި އިލެކްޓްރިކް ވެހިކަލް (އީވީ) ގެ އެންމެ ބޮޑު މާކެޓެވެ.

އެ ދާއިރާ ތަރައްގީކޮށް ފުޅާކުރުމަކީ ޗައިނާގެ ސަރުކާރުން ވެސް ކުންފުނިތަކަށް ވަރަށް ބޮޑަށް ހިތްވަރުދޭ ކަމެކެވެ. ސަބަބަކީ މިއީ ތިމާވެށީގެ މައްސަލަތަކާ ދެކޮޅަށް ކުރެވޭ މަސައްކަތަކަށްވުމެވެ.

ޝޯމީން އިލެކްޓިކް ވެހިކަލްތައް އުފެއްދުމުގެ ވާދަވެރި ވިޔަފާރީގެ ތެރެއަށް ނުކުންނަން ނިންމި އިރު، ފޯނު ނެރޭ މަޝްހޫރު ކުންފުނިތަކުގެ ތެރެއިން އެމެރިކާގެ އެޕަލް އާއި ޗައިނާގެ ވާވޭ އަކީ ވެސް މިހާރު މި ރޭހަށް ނުކުންނަން ފޫގަޅާފައިވާ ކުންފުނިތަކެކެވެ. ރިޕޯޓްތައް ބުނާގޮތުން އެޕަލްގެ އަމާޒަކީ 2024 ނުވަތަ 2025 ގައި އެ ކުންފުނީގެ ފުރަތަމަ ކާރު ނެރުމެވެ.

ޝޯމީގެ އާ ވިޔަފާރި ކުރިއަށް ގެންދާނީ އެކަމަށް ހާއްސަކޮށްގެން އުފައްދާ ސަބްސިޑަރީއެއްގެ ދަށުންނެވެ. އޭގެ އިސްވެރިއަކަށް ހުންނަވާނީ ޝޯމީގެ އެއް ބާނީ އަދި ކުންފުނީގެ ސީއީއޯގެ މަގާމުގައި ހުންނެވި ލީ ޖުން އެވެ.

އިލެކްޓްރިކް ވެހިކަލްގެ ވިޔަފާރި އަށް ފުރަތަމަ އިންވެސްޓްކުރަން ހަމަޖެހިފައި ވަނީ 1.5 ބިލިއަން ޑޮލަރެވެ.

ލީ ވިދާޅުވި ގޮތުގައި ޝޯމީން އާ ކަމެއްގެ ތެރެއަށް ވަންނަން ނިންމީ ކުންފުނީގެ ޕާޓްނަރުންނާ އެކު ކުރެވުނު ވަރަށް ގިނަ މަޝްވަރާތަކަކަށް ފަހު އެވެ.

"އަދި ޝޯމީގެ ތެރެއަށް މި އިތުރުވާ ބަޔަކީ އަހަރެންގެ ކެރިއަރުގައި ކުރިމަތިލާ އެންމެ ފަހު ބޮޑު ވިޔަފާރި." ލީ ވިދާޅުވި އެވެ.

ޝޯމީގެ ސީއީއޯ.
ޝޯމީގެ ސީއީއޯ.

އިލެކްޓްރިކް ވެހިކަލް އުފައްދަން ނިންމި ނަމަވެސް ނެރޭނެ އުފެއްދުންތަކާއި ނެރޭނެ އިރަކާ ބެހޭ ތަފުސީލުތަކެއް އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް ރިޕޯޓްތައް ބުނާގޮތުން ޝޯމީގެ އަމާޒަކީ މަތީފަންތީގެ އަގުބޮޑު މޮޑެލްތަކާ އެކު އަގުހެޔޮ މޮޑެލްތަކެއް ވެސް ބާޒާރަށް ނެރުމެވެ.

ވުޖޫދަށް އައިތާ މި މަހުގެ 6 އަށް 11 އަހަރު ފުރޭ ޝޯމީ އަކީ އަގު 38 ބިލިއަނަށް ވުރެ ބޮޑެވެ. ކުންފުނީގެ މުވައްޒަފުންގެ އަދަދު 22،000 އަށް ވުރެ ގިނަ އެވެ.