މި އަހަރު އިންޑިއާގެ ސިނަމާތަކަށް ގެންނަން އޮތް އެންމެ ބޮޑު ފިލްމު، ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" މި އަހަރު ރިލީޒްކުރުމާ ދޭތެރޭ ވެސް ސުވާލު އުފެއްދިއްޖެ އެވެ.

އޮކްޓޯބަރު މަހުގެ 13 ގައި ސިނަމާތަކަށް ގެންނާނެ ކަމަށް ބުނެ ފިލްމުގެ ލީޑް ތަރިންގެ ފަސްޓްލުކް ޕޯސްޓަރުތަކެއް ވެސް ދައްކާލާފައި ވަނިކޮށް، މީޑިއާތަކުން ބުނީ އެ ފިލްމު މި އަހަރު ސިނަމާތަކަށް އައުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށެވެ. ސަބަބަކީ ފިލްމުގެ ޝޫޓިން އަދިވެސް އެއްކޮށް ނުނިމި އޮތުމާއި އިންޑިއާގައި ކޮވިޑް-19 ގެ ހާލަތު މިހާރު އޮތް ގޮތުން ފިލްމުގެ ޝޫޓިން ދެން އަވަހަކަށް ކުރިއަށް ގެންދެވިދާނެ ކަމަށް ވެސް ނުބެލެވޭތީ އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނީ ރާޖަމޯލީގެ ޓީމުން ނިންމާފައި އޮތީ ފިލްމުގައި ބާކީ ހުރި މަންޒަރުތަކުގެ ޝޫޓިން ޖުލައި މަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ނަމަވެސް އިންޑިއާގައި ކޮވިޑްގެ ހާލަތު މިހާރު އޮތް ގޮތަށް ބަލާ އިރު، އެހާތަނަށް ވެސް ފިލްމުގެ ޝޫޓިން ފެށުމަކީ ނާދިރު ކަމެއް ކަމަށް ބުންޏެވެ.

އެހެންވެ "އާރްއާރްއާރް" ރިލީޒްކުރާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކަމަށް މީޑިއާތަކުން ބުނެ އެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ފިލްމުގެ ޓީމުން ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. "އާރްއާރްއާރް" އަކީ އެންމެ ފުރަތަމަ މިދިޔަ އަހަރު ގެނެސްދޭން ރޭވި ފިލްމެކެވެ. އެކަމަކު އެކަމަށް ހުރަސް އެޅުނީ ކޮވިޑާ ހެދި އެވެ.

އެ ފިލްމު އަންނަ އަހަރަށް ފަސްކުރުމަކީ ފިލްމު "މައިދާން" ގެ ޕްރޮޑިއުސަރު ބޯނީ ކަޕޫރަށް ލިބޭނެ ހިތްހަމަޖެހުމަކަށްވާނެ އެވެ. ސަބަބަކީ އޭނާގެ ފިލްމު ވަރަށް ދުރާލައި އޮކްޓޯބަރު 15 އަށް ތާވަލުކޮށްފައި ވަކިކޮށް ރާޖަމޯލީގެ ފިލްމު އެ މަހުގެ 13 އަށް ތާވަލުކުރުމުން އެކަމާ ބޯނީ ރުޅިގަދަވެ، ބަހުގެ ހަމަލާތައް ވެސް ފޮނުވާފައިވުމެވެ.

ފާހަގަކޮށްލެވޭ ކަމަކީ "މައިދާން" އާއި "އާރްއާރްއާރް" އަކީ ވެސް އަޖޭ ދޭވްގަން މުހިއްމު ރޯލްތަކެއް ކުޅެފައިވާ ފިލްމުތުތަކެއް ކަމެވެ.

"ބާހްބަލީ" ގެ ދެ ފިލްމަށް ފަހު ރާމަޖޯލީ ގެނެސްދޭ "އާރްއާރްއާރް" ގެ ލީޑް ތަރިންނަކީ ތެލެގޫ އެކްޓަރުން ކަމަށްވާ ރާމް ޗަރަން އާއި އެންޓީއާރް ޖޫނިއާ އެވެ. ބަތަލާ އަކީ ބޮލީވުޑްގެ އާލިއާ ބަޓެވެ.