މި މަހުގެ ކުރީކޮޅު އިއުލާންކުރި ޑައިރެކްޓަރު އިންދަރު ކުމާރުގެ އާ ފިލްމު "ތޭންކް ގޯޑް" ގެ ޝޫޓިން ފަށައިފި އެވެ.

ޓީ ސީރީޒުން ޕްރޮޑިއުސްކުރާ މި ރޮމޭންޓިކް ކޮމެޑީގެ ލީޑް ތަރިންނަކީ އަޖޭ ދޭވްގަން އާއި ރަކުލް ޕްރީތު ސިންގްގެ އިތުރުން ސިދާތު މަލްއުތުރާ އެވެ. "ތޭންކް ގޯޑް" ގެ މަސައްކަތް އަޖޭ އާއި ރަކުލް ފެށީ، އަޖޭ ޑައިރެކްޓްކުރާ ތިން ވަނަ ފިލްމު "މޭޑޭ" ގެ ފުރަތަމަ ޝޫޓިން ޝެޑިއުލް ވެސް ދެ ތަރިން ދާދި ފަހުން ނިންމައިލިކަން އިއުލާންކޮށްފައި ވަނިކޮށެވެ.

އަޖޭ އާއި ރަކުލް އެންމެ ފުރަތަމަ އެކީގައި ކުޅުނީ 2018 ގެ "ދޭ ދޭ ޕިޔާރު ދޭ" އެވެ. ރަކުލް ވަނީ ސިދާތާ އެކު "މަރުޖާވާ" އާއި "އައްޔާރީ" ގައި މަސައްކަތްކޮށްފަ އެވެ.

މި ފިލްމަކީ ރަކުލް އާއި ސިދާތު، އިންދަރާ އެކު މަސައްކަތްކުރާ ފުރަތަމަ ފިލްމަށް ވިޔަސް އަޖޭ އަކީ އިންދަރާ އެކު "ޓޯޓަލް ދަމާލް" އާއި "އިޝްގް" ގައި މަސައްކަތްކޮށްފައިވާ ތަރިއެކެވެ.

"އިންޑިއާ ލޮކްޑައުން" ގެ ޕޯސްޓަރު

ކާމިޔާބު ފިލްމުތަކެއް ގެނެސްދީގެން ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ޑައިރެކްޓަރު މަދޫރް ބަންޑާރް މި މަހު އިއުލާންކުރި އޭނާގެ އާ ފިލްމު "އިންޑިއާ ލޮކްޑައުން" ގެ ކާސްޓް އިއުލާންކޮށް، ފިލްމުގެ ފަސްޓްލުކް ޕޯސްޓަރު ދައްކާލައިފި އެވެ.

މީގެ ކާސްޓްގައި ހިމެނެނީ ޕްރަތީކް ބައްބަރާއި ޝްވޭތާ ބާސޫ ޕްރަސާދާއި ސާއީ ތަމްހާންކަރާއި އަހާނާ ކުމްރާ އާއި ޕްރަކާޝް ބެލަވާޅީގެ އިތުރުން ޒަރީން ޝިހާބެވެ.

"އިންޑިއާ ލޮކްޑައުން" ގެ ޝޫޓިން ފަށާނީ އަންނަ ހަފުތާގެ ތެރޭގަ އެވެ.

"ފެޝަން" އާއި "ޗާންދުނީ ބާ" އަދި "ހިރޮއިން" ފަދަ ފިލްމުތައް ގެނެސްދިން މަދޫރުގެ އެންމެ ފަހުގެ ފިލްމަކީ 2017 ގެ "އިންދޫ ސަރުކާރު" އެވެ.

"އާރްއާރްއާރް" ނިމުމާ ދިމާއަށް

ދެހާސް އަށާރައިގެ ފަހުކޮޅު ޝޫޓިން ފެށި ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" ގެ ޝޫޓިންގެ އެންމެ ފަހުގެ މަންޒަތަކުގެ މަސައްކަތް ފަށައިފި އެވެ.

ފިލްމުގެ ކްލައިމެކްސްގެ ޝޫޓިން ކުރިއަށް ގެންދާކަން އޭގެ ޓީމުން ކަށަވަރުކޮށް ދީފައިވާ އިރު، ބެލެވޭ ގޮތުން މި މަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމައިލާނެ އެވެ.

"ބާހްބަލީ" ގެ ދެ ފިލްމަށް ފަހު ރާޖަމޯލީގެ ގެނެސްދޭ "އާރްއާރްއާރް" ގެ ކާސްޓުންނަކީ ރާމް ޗަރަން އާއި އެންޓީއާރް ޖޫނިއާ އާއި އަޖޭ އާއި އާލިއާ ބަޓްގެ އިތުރުން ޝްރިޔާ ސަރަން އެވެ.

މި ފިލްމު ސިނަމާތަކަށް ގެންނާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. "އާރްއާރްއާރް" އަކީ މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމެވެ.

ޕުލްކިތާ އެކު އީޒަބެލް

"ފުކްރޭ" އާއި "ސަނަމް ރޭ" ފަދަ ފިލްމުތައް ކުޅެފައިވާ އެކްޓަރު ޕުލްކިޓް ސަމްރާޓްގެ އާ ފިލްމު "ސަސްވަގަތަމް ޚުޝާމަދީދް" ގެ ބަތަލާގެ ރޯލަށް ކެޓްރީނާ ކެއިފްގެ ކޮއްކޮ އީޒަބެލް ސޮއިކޮށްފި އެވެ.

ސޯޝަލް ކޮމެޑީއެއްގެ ގޮތުގައި ހަދާ އެ ފިލްމުފެ ޝޫޓިން ވެސް ފަށާފައި އިރު، ސެޓުން ނަގާފައިވާ ފޮޓޯތަކެއް ވެސް އާންމުކޮށްފައިވެ އެވެ. ވަރަށް ފަހުން ވީޑިއޯ ލަވައަކުން ވެސް ފެނުނު އީޒަބެލް އަކީ ސަލްމާން ޚާންގެ ޅިޔަނު އާޔޫޝް ޝަރުމާގެ "ކްވާތާ" ގެ ވެސް ބަތަލާ އެވެ.

އޭނާ އެންމެ ފުރަތަމަ ސޮއިކުރި ހިންދީ ފިލްމަކީ "ޓައިމް ޓު ޑާންސް" އެވެ. ސޫރަޖް ޕަންޗޯލީ ބަތަލުގެ ރޯލު ކުޅޭ އެ ފިލްމުގެ ޝޫޓިން 2017 ގައި ފެށި ނަމަވެސް ފަހުން އޭގެ އެއްވެސް އަޑެއްބަޑެއް ނީވެ އެވެ.

"ސަސްވަގަތަމް ޚުޝާމަދީދް" ގައި އީޒަބެލް ކުޅެނީ އާގްރާ އަށް ނިސްބަތްވާ ނޫރު ކިޔާ ކުއްޖެއްގެ ރޯލެވެ. ޕުލްކިތަކީ ދިއްލީ އަށް ނިސްބަތްވާ އަމަން އެވެ.

މަނީޝް ކިޝޯރްގެ ސްކްރީންޕްލޭއަކަށް ހަދާ މި ފިލްމުގެ ޑައިރެކްޓަރަކީ ދީރަޖް ކުމާރެވެ.