ސަރުކާރުު ހިއްސާވާ ކުންފުންޏެއްގެ އިސްވެރިއަކު ނުވަތަ ވަޒީރަކު ރުއްސައިގެން ރަށްރަށަށް ތަރައްގީ ގެންނަ ޒަމާން މާޒީވެ ގޮސްފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
ނ. އަތޮޅު އަދި އެ ރަށު ކައުންސިލް ހަރަކާތްތެރިވާނެ ގޮތުގެ މަޝްވަރާ ބައްދަލުވުން ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ނަޝީދު ވިދާޅުވީ، އަތޮޅެއްގެ ރައްޔިތުން ހަމަ އިސްކޮށް ތެދުވެ، އަމިއްލަ ދިރިއުޅުމުގެ ކަންކަން އަމިއްލަ އަށް ނިންމުމަށް ތެދުވާ މަންޒަރު ފެނުމަކީ ހިތްހަމަޖެހުން ގެނުވާ ކަމެއް ކަމަށެވެ.
އެމްޑީޕީން އިންދި "ކުޑަ އޮށެއްގެ ސިއްރުން ބޮޑު ގަހެއް" ހެދުމުން އަންނަ ކަމަށާއި އެއީ ގިނަ ބަޔަކު ފަަހަތުގައި ތިބެގެން ކުރި މަސައްކަތެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. އެގޮތުން އަމިއްލަ އަށް ހަލާލު މަސައްކަތުން ހަމަ އިސްކޮޅަށް ރައްޔިތުން ތެދުވުމަށް އަބަދުވެސް ވަކާލާތު ކުރައްވަމުން ގެންދިޔަ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވިގޮތުގައި، މާޒީވި ތަނުގައި ރަށްރަށުގެ ރައްޔިތުން ކަމެއް ކުރަން ބޭނުންވެއްޖެ ނަމަ ޖެހެނީ، މާލެ އައިސް ވަޒީރެއްގެ ގޭދޮށުގައި މަޑުކޮށްގެން ތިބުމަށެވެ. އެތަނުގައި ހުރެގެން ލިބުނު އެއްޗެއް ހިފައިގެން އަނބުރާ ދާން ޖެހުނަސް މިއަދު އެކަން މާޒީވެ ގޮސްފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ތިމަންނާއެއް ނެތީމާ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރާއެކު ކޮފީއަކަށް އަރައި އޭނާ ހިތްހަމަޖައްސާލައިގެން، ވަޒީރަކު ބޭފުޅަކު ރުއްސައިގެނޭ ތިމަންނާ ރަށުގެ ކަންކަން ފުރިހަމަވާނީ. ނޫން އެ ޒަމާން ނިމިއްޖެ،" ނަޝީދު ވިދާޅުވި އެވެ.
ރާއްޖޭގައި ކަން ހިނގަމުން އަންނަ ގޮތަށް ބަދަލުތަކެއް އަންނަމުންދާ ކަމަށާއި އެގޮތުން މީގެ 12 އަހަރު ކުރިން، އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރާ މިހާރު ހާލަތު ބަދަލުވެފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ރާއްޖޭގެ މިސްރާބު ހުރީ "އަނެއް ދިވެހިރާއްޖެ" އަށެވެ. "އަނެއް ދިވެހިރާއްޖެ" އަށް ދެވޭ މަންޒަރު ފެނުމަކީ ލިބިވަޑައިގަންނަވާ ހިތްހަމަޖެހުމެއް ކަމަށް ވެސް ވިދާޅުވި އެވެ.
"ބައެއްގެ ހަޔާތުގައި ބޮޑު ބަދަލެއް އަންނަ ތަނެއް ގިނަ މީހުންނަކަށް ނުފެންނާނެ. އެހެން ނަމަވެސް ދިވެހިރާއްޖެ ދަތުރުކުރަނީ ހައި ސްޕީޑްގައި. އެ ސްޕީޑުގައި އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އެދޭ ބަދަލު ހޯދޭނެ،" ނަޝީދު ވިދާޅުވެ އެވެ.
އެ މަނިކުފާނު ވިދާޅުވީ ބާރުތައް ވަކިކޮށް، ސިޔާސީ ހަރަކާތްތައް ސުލްހަވެރިކަމާ އެކު ހިންގަން ފެށުމުން ގައުމުތައް ޖަހަނީ "ޖަމްޕް" ކަމަށެވެ. އެގޮތަށް ގައުމުތައް ކުރިއަށް ދާއިރު އެ މަގުން ދާން ރާއްޖެ އަށް ދިމާވެފައިވާ މައްސަލައަކީ ކޮބައިތޯ ސުވާލު އުފެއްދެވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ރާއްޖެ ތަޅުލެވިފައި ވަނީ "ޔުނިޓަރީ" ދައުލަތުގެ ވާހަކައިގެ ތެރޭގަ އެވެ.
"މި މައްސަލަ ނިއުޅިގެންދާ މިންވަރަކަށް އެބަ ފެނޭ ކޮން ތަނަކަށް ކަން ހުއްޓުނީ. އަޅުގަނޑަށް މިހާރު މާބޮޑަށް ޔަގީން ކުރެވޭ ޔުނިޓަރީ ދައުލަތުގެ ވާހަކައިގައޭ މިތިބީ ތަޅުލެވިފައި. ގާނޫނު އަސާސީގައި އޮތް ޔުނިޓަރީ ދައުލަތެކޭ އަޅައި، އަދި ރައީސް މައުމޫނުގެ ބާރުފުޅުތައް އަމިއްލަފުޅަށް ހިފަހައްޓުވަން ވެގެން އެ ބޭފުޅާގެ އާރާބާރުގައި އުފެދިގެން އައި ގާނޫނުއަސާސީއެއް. އަނެއްކާ ވެސް ސިފަވެގެން ދިޔައީ މާ މާތް ރަސްކަމެއްގެ ގޮތުގައި،" ނަޝީދު ވިދާޅުވެ އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ރައްޔިތުންނާ ހަމައަށް ބާރުތައް ގެނެވޭނެ ގޮތަކަށް ބާރުތައް އަތުލާން ޖެހެ އެވެ. އެއީ ނުކުރެވޭނެ ކަމެއް ނޫން ކަމަށާއި މިހާރު ވެސް ކުރަމުން އަންނަ މަސައްކަތަކީ ރައްޔިތުންނާ ހަމައަށް ބާރުތައް ފޯރުވައިދިނުން ކަމަށް ނަޝީދު ވިދާޅުވި އެވެ.