ފިޝަރީޒް މިނިސްޓަރުގެ މަގާމްގައި ހުންނެވި ޒަހާ ވަހީދު އެ މަގާމުން ވަކިކުރީ ނޫން ކަމަށާއި އޭނާ މިއަދު މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ފިޝަރީޒް މިނިސްޓަރުގެ މަގާމަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު ކަމުގައި ހުންނެވި ޑރ. ހުސެއިން ރަޝީދު ހަސަން އައްޔަން ކުރައްވައިފަ އެވެ.
ކެބިނެޓަށް މިއަދު ގެނައި ބަދަލުތަކާ ގުޅޭ ގޮތުން "މިހާރު" އިން ސުވާލު ކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ފިޝަރީޒް މިނިސްޓަރުގެ މަގާމުން މިއަދު ހެނދުނުގެ ވަގުތެއްގައި ޒަހާ އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
ކުރިން އަޑުތައް ފެތުރިފައިވާ ގޮތަށް، އޭނާ އަށް ރައީސް އޮފީހުގެ މިނިސްޓަރު ކަން ނުވަތަ އެހެން މަގާމެއް ދެއްވާފައިވޭތޯ ދެންނެވުމުން މަބްރޫކް ވިދާޅުވި ގޮތުގައި ހުށަހެޅި ގޮތަށް "ޒަހާ ވަކި ގޮތެއް ނިންމެވިހެނެއް އަދި ހީނުވެ" އެވެ. އެކަމާ ގުޅޭ ތަފްސީލު ފަހުން ދެއްވާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
ފިޝަރީޒް މިނިސްޓަރުގެ މަގާމްގައި ޒަހާ ހުންނެވިއިރު، މަހުގެ އަގާއި މަސް ނުކުރޭ މައްސަލަ އަދި މިޔަރުގެ މަސްވެރިކަމާ ބެހޭ ގިނަ މައްސަލަތަކާ ގުޅިގެން ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވެ އެވެ.
އެ މައްސަލަތަކާ ގުޅިގެން އެކި ފަހަރުގެ މަތިން ޒަހާގެ އިތުބާރު ނެތް މައްސަލައެއް ރައްޔިތުންގެ މަޖިލީހުން ފާސް ކުރަން އުޅޭ ކަމުގެ އަޑު ވެސް ގަދަވި އެވެ.