ލޮލީގައި ޖަހާ ދަނޑިކޮޅުން މިހާތަނަށް ހެދި އެންމެ އުސް ޓަވަރުގެ ރެކޯޑް އެމެރިކާގެ 12 އަހަރުގެ ކުއްޖަކަށް ލިބިއްޖެ އެވެ.
އިލިއޯނިގެ ނެޕަވިލެޑަށް ނިސްބަތްވާ އެރިކް ކްލަބެލް ހެދި ޓަވަރުގެ އުސް މިނުގައި 6.157 މީޓަރު (20.20 ފޫޓް) ހުއްޓެވެ. އޭނާ ބުނި ގޮތުގައި އަބަދު ވެސް ތަފާތު ކަންކަން ކުރުމަކީ ބައްޕަ ކުރާ އެފަދަ މަސައްކަތްތައް ވެސް ފެންނާތީ ޝައުގުވެރިކަން އުފެދުނު ކަމެކެވެ. އެގޮތުން ގޭތެރެގައި އަބަދު ވެސް އަމިއްލަ އަށް އެކި އެކްސްޕެރިމަންޓްތައް ހަދާ ކަމަށް ބުންޏެވެ.
"ވަރަށް ގިނައިން ވީޑިއޯތަކުން ވެސް ފެނޭ މީސްމީހުން ހަދާފައި ހުންނަ ރެކޯޑްތައް. އެހެންވެ ހިތަށް އެރީ އަމިއްލަށް ވެސް އެކަހަލަ ކަމެއް ކުރަންވެއްޖޭ،" އެރިކް ބުންޏެވެ. "އެގޮތަށް އައި ހިޔާލެއްގެ ތެރެއިން ޕޮޕްސިކަލް އިން ސްޓްރަކްޗާއެއް ހަދަން ނިންމީ."
އޭނާ ބުނި ގޮތުގައި ޓަވަރު ހަދަން އެންމެ ފުރަތަމަ ފެށީ ވެސް އެއްބުރުން ރެކޯޑް ކަށަވަރުކުރެވޭނެކަމުގެ ޔަގީންކަމާއެކީގަ އެވެ. އަދި ކަންވީ ވެސް އެހެންނެވެ.
"ރެކޯޑް ހަދަން ހިތުލި ހިސާބުން ދެން ނިންމީ ކޮން ކަހަލަ ބައްޓަމަކަށްތޯ ސްޓްރަކްޗާ ހަދާނީ. އެގޮތުން އޭގެ ބޭސް ޕިރަމިޑް ބައްޓަމަށް ހަދާފައި ޓަވަރެއް [އެންޓަނާއެއް] ގޮތަށް މައްޗަށް ނެގީ،" އެރިކް ބުންޏެވެ. "މިކަމަށް ކުރެވުނު މަސައްކަތަކީ މިހާތަނަށް އެންމެ ގަޔާވެގެން ޝައުގުވެރިކަމާ އެކު ކުރެވުނު މަސައްކަތަށް ވާނެ."
އޭނާ ކިޔައިދިން ގޮތުގައި ކުރިއަށް އޮތް ތަނުގައި ވެސް ތަފާތު ރެކޯޑްތަކެއް ހަދަން މަސައްކަތްކުރާނެ އެވެ. އެގޮތުން ވަރަށް ތުއްތު އިރުއްސުރެ ބައްޕަ އެ ބާވަތުގެ އާދަޔާހިލާފު ކަންކަން ކުރާތަން ފެންނާތީ ޝައުގުވެރިކަން ބޮޑެވެ.
"ވަރަށް އުފާވި ދުނިޔޭގެ ރެކޯޑެއް ލިބުނީމަ. ޔަގީނުން ވެސް މިއީ ފަހުރުވެރި ހައްގު ކާމިޔާބީއެއް." އެރިކް ބުންޏެވެ.