އޭއެފްސީ ކަޕް ކޮލިފިކޭޝަންގައި ވާދަކުރަން އިންޑިއާގެ ބެންގަލޫރު އެފްސީގެ ކުޅުންތެރިން ރާއްޖެ އައުމުގެ ހުއްދަ ދިނުމަކީ ވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ހެދި ގޯހެއް ކަމަށާއި އެތަނުން ގޯހަކަށް ފަހު ގޯހެއް ހަދަމުން ދާ ކަމަށް ވިދާޅުވެ، ރާއްޖޭގެ މަޝްހޫރު ނާރުގެ ޑޮކްޓަރު އަލީ ނިޔާފް ނުރުހުން ފާޅުކުރައްވައިފި އެވެ.
ކޮވިޑް-19 އާ ގުޅިގެން އޭއެފްސީން އެކުލަވާލާފައިވާ ޕްރޮޓޮކޯލްގެ ދަށުން މެޗަށް ނުވަތަ ޕްރެކްޓިހަށް ދާން ނޫން ގޮތަކަށް ޓީމުތަކުގެ ކުޅުންތެރިން ބޭރަށް ނުކުތުން މަނާ ނަމަވެސް އިންޑިއާ ޓީމުގެ ބައެއް ކުޅުންތެރިން އިއްޔެ ވަނީ ހޮޓަލުން ބޭރަށް ނުކުމެ، މަގުމަތީގައި އުޅެފަ އެވެ.
ކޮވިޑް-19 އެންމެ ބާރަށް ފެތުރި އަދި ކޮންމެ ދުވަހަކު ގިނަ ބަޔަކު މަރުވަމުންދާ އިންޑިއާއިން ޓޫރިސްޓުންނާއި އާއްމުން ވެސް ރާއްޖެ އައުން މިހާރު ވަނީ މަނާކޮށްފަ އެވެ. އެކަމަކު އިންޑިއާގެ ޓީމުން ރާއްޖެ އައީ އެޗްޕީއޭގެ ހާއްސަ ހުއްދައެއްގެ ދަށުންނެވެ. އަދި އިންޑިއާގެ ޓީމުން ރާއްޖެ އައިސް، ޕްރޮކޮޓޯލްތަކާ ހިލާފުވެ މަގުމައްޗަށް ނުކުތުމުން ނިޔާފް ނުރުހުން ފާޅުކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހާއްސަ ހުއްދަ ވެސް މިހާރު ދިނުން ހުއްޓާލަން ވެއްޖެ އެވެ. އަދި އެއީ ސައިންޓިފިކަލީ ގަބޫލުކުރެވޭ ކަމެއްތޯ ވެސް އޭނާ އެއްސެވި އެވެ.
"[މިކަމަށް] އެއްވެސް އުޒުރެއް ނެތް،" ޑރ. ނިޔާފް ވިދާޅުވި އެވެ.
އިންޑިއާގެ ކުޅުންތެރިން މާލޭގައި މަގު މައްޗަށް ނުކުތް މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. އަދި ކުޅުންތެރިންގެ މި އަމަލަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފް ވަނީ އެ ޓީމުން ވަގުތުން ވަގުތަށް ރާއްޖޭން ދިޔުމަށް ގޮވާލައްވައިފަ އެވެ.
މަހްލޫފް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައްކާތެރިކަމުގެ އުސޫލުތައް ބެންގަލޫރުގެ ކުޅުންތެރިން މުގުރާލުމުން މެޗު ކުރިއަށް ނުގެންދެވޭނެ ކަމަށް އެފްއޭއެމަށް އަންގާފައި ވާނެ ކަމަށެވެ. އަދި ބެންގަލޫރު ޓީމު ފުރުވާލުމުގެ ކަންކަން ހަމަޖެއްސުމަށް ވެސް މަހްލޫފް ވަނީ އަންގަވައިފަ އެވެ. މިނިސްޓަރު ވިދާޅުވެފައި ވަނީ އޭއެފްސީ ކަޕް ފަސް ކުރުމަށް ވެސް އޭއެފްސީއާ އެކު އެފްއޭއެމް މެދުވެރިކޮށް ވާހަކަ ދައްކަވާނެ ކަމަށެވެ.
ރާއްޖޭގެ ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައި، އިންޑިއާގެ ޓީމެއް ރާއްޖެ ގެނައުމާ މެދު ކުރިން ވެސް ގިނަ ބަޔަކު ދެކޮޅު ހެދި އެވެ. އެކަމަކު އޭރު މަހްލޫފް ވިދާޅުވީ ކޮވިޑް ފެތުރޭތީ އެހެން ދާއިރާތަކުން އަޅާފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށް ވުރެ، ރާއްޖޭގައި ބާއްވާ އެ މުބާރާތަށް އަޅާ ފިޔަވަޅުތައް މާ ބޮޑަށް ރަނގަޅު ވާނެ ކަމަށެވެ.
އަދި ޓީމު ގެނައުމާ ދެކޮޅަށް، "ކުޅިވަރު ނޭނގޭ މީހުންގެ ފަރާތުން ނެގެޓިވް ކޮމެންޓްތަކެއް ލިބުނު" ކަމަށާއި ކުޅިވަރާއި ފުޓްބޯޅަ އެނގޭ މީހުންނަށް އޭއެފްސީ ކަޕް ރާއްޖޭގައި ބޭއްވުމުގެ މުހިންމުކަން އެނގޭނެ ކަމަށް ވެސް ވިދާޅުވި އެވެ.