މާލޭގެ ފިހާރަތަކުގެ މުދާ ޑެލިވަރީކޮށްދިނުމަށް ވޮލަންޓިއަކުރި މީހުންނާ އެކު ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފް މަސައްކަތަށް ނުކުންނަވައިފި އެވެ.
ކޮރޯނާވައިރަހަށް މާލޭން ބަޔަކު ޕޮޒިޓިވް ވުމާ އެކު މާލެ ލޮކްޑައުންކުރުމުން ހިދުމަތްތައް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. އެގޮތުން މާލޭގެ ފިހާރަތަކަށް ދިމާވެފައިވާ ޑެލިވާ ކުރުމުގެ ދަތިކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން އެކަމުގައި އެހީވާން ބޭނުންވާ މީހުންނަށް އިއްޔެ ފުރުސަތު ހުޅުވާލުމުން 300 އަށް ވުރެ ގިނަ މީހުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް މިނިސްޓަރ މަހްލޫފް މިއަދު ވިދާޅުވި އެވެ. އަދި ވީ އެންމެ އަަވަހަކަށް މަސައްކަތް ފަށާނެ ކަމުގައި ވެސް ވިދާޅުވި އެވެ.
މިއަދު މި މަސައްކަތް ފައްޓަވައި މިނިސްޓަރު މަހްލޫފް ކުރައްވާފައިވާ ޓުވީޓުގައި ވިދާޅުވީ އެންމެ ފުރަތަމަ ފެއްޓެވީ އިހުސާން ފިހާރައިން ކަމަށެވެ. އަދި މިރޭ 8:30 ގައި ވީބީ މާޓަށް ވެސް ޑެލިވަރީ ޓީމު ދާނެ ކަމަށް ވިދާޅުވި އެވެ.
ޑެލިވަރީތަކުގައި އެހީބޭނުންވާ ފިހާރަތަކުން 7335426 އަށް ގުޅުމަށް ވެސް މަހްލޫފް ވަނީ އެދިވަޑައިގެންފަ އެވެ.
ޑެލިވަރީގެ މި މަސައްކަތުގައި މިނިސްޓަރު ވެސް ވަނީ އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފަ އެވެ.
ޔޫތު މިނިސްޓްރީގެ ވޮލަންޓިއަރުން މުދާ އުފުލައިދޭން މި ނުކުތީ ލޮކްޑައުންގައި ގޭގެޔަށް ބޭނުންވާ ތަކެތި ފިހާރަތަކުން ޑެލިވަކުރުމުގައި ލަސްވެ އުނދަގޫތަކާ ކުރިމަތިވެފައި ވަނިކޮށެވެ. އެސްޓީއޯ އަށް ވެސް އެތައް ހާސް އޯޑަރެއް ލިބި އެ ތަކެތި އުފުލައިގެން ސިފައިން ވެސް އަންނަނީ އެހީވަމުންނެވެ.