ކޮވިޑް-19 އާއްމުންގެ ތެރޭގައި ފެތުރުމާ ގުޅިގެން މާލެ ލޮކްޑައުންކޮށްފައިވާތީ ފިހާރަތަކުން އާއްމުންނަށް ބޭނުންވާ މުދާ ޑެލިވަރީކޮށްދޭން ވޮލަންޓިއަރުންގެ ގޮތުގައި ހަރަކާތްތެރިވާން 300 އަށް ވުރެން ގިނަ މީހުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
ޔޫތު މިިނިސްޓަރު އަހުމަދު މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވޮލަންޓިއަރުންގެ ގޮތުގައި ޑެލިވަރީކޮށްދޭން އެދިފައިވާ މީހުންގެ ރެކޯޑްތައް ސާފުކުރާނެ ކަމަށެވެ. އޭގެފަހުން، 7770779 ނަމްބަރުން ގުޅައި މައުލޫމާތު އޮޅުންފިލުވައިދޭނެ ކަމަށް ވިދާޅުވި އެވެ.
މަހްލޫފް ވިދާޅުވި ގޮތުގައި ވޮލަންޓިއަރުންގެ މަސައްކަތް ކުރިއަށް ގެންދާނީ، ކަމާގުޅޭ ފަރާތްތަކުގެ އިރުޝަދުގެ މަތިން ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެންނެވެ.
މިހާރު ހަމަޖައްސާފައި އޮތީ، ވޮލަންޓިއަރަކަށް ވާން ހުށަހެޅި އެންމެންގެ ކުށުގެ ރެކޯޑު ވެސް ސާފުކުރާށެވެ. އަދި، އެ މީހުންނަށް ފަސޭހަވަގުތަކުތަކުގައި އެކި ފިހާރަތަކަށް ބަހާލައި، ހިދުމަތް ކުރިއަށް ގެންދާ ގޮތަށް ހަމަޖައްސާށެވެ.
މާލެ އިން ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު ފެނި، މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ ކުއްލި ގޮތަކަށް ލޮކްޑައުން ކުރުމުން ޑެލިވަރީގެ ހިދުމަތްތައް ވެސް ދެމުން އަންނަނީ ސަރުކާރުން ހުއްދަ ދީފައިވާ ވަކި ފިހާރަތަކުންނެވެ. އެއްފަހަރާ ގިނަ ބަޔަކު އޯޑަރު ކުރަމުންދާތީ ޑެލިވަރީގައި ލަސްތަކެއް ދިމާވެ، އާއްމުންނަށް ވަނީ އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފަ އެވެ.