ޗައިނާ އިން ޖައްވަށް ފޮނުވައިލި ރޮކެޓުގެ ބައެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވެއްޓިފައިވާ ކަމަށް ޗައިނާގެ ސްޓޭޓް މީޑިއާ އިން ރިޕޯޓްކުރި ނަމަވެސް އެ ބޯޓުގެ ބައިތައް މިހާތަނަށް ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ޗައިނާއިން ޖައްވަށް ފޮނުވާލި ރޮކެޓް، މިއަދުގެ ވަގުތެއްގައި ދުނިޔެ އަށް ވެއްޓޭނެ ކަމަށް ޗައިނާގެ މީޑިއާތަކުންް މާ ކުރިން އޮތީ ރިޕޯޓްކޮށްފަ އެވެ.

ރާއްޖެ އަށް ރޮކެޓް ވެއްޓުނީ ރާއްޖޭގެ ގަޑިން މިއަދު ހެނދުނު 7:24 ގައި ކަމަށް ޗައިނާ އިން މިއަދު ރިޕޯޓްކުރި އެވެ.

އެމްއެންޑީއެފުން ބުނީ މިހާތަނަށް އެ ރޮކެޓްގެ ބައެއް ފެނިފައި ނުވި ނަމަވެސް ސެންޓްރަލް އޭރިއާ ކޯސްޓްގާޑުގެ ސިފައިން މެދުރާއްޖެ ތެރޭގެ ކަނޑުގެ ސަރަހައްދު ބަލަމުން އަންނަ ކަމަށެވެ. މެދުރާއްޖެ ތެރޭގެ ކަނޑުގެ ސަރަހައްދު ބަލަމުންދަނީ ބޯޓު ވެއްޓުނީ އެ ސަރަހައްދަށް ކަމަށް ބެލެވޭތީ ކަމަށް ވެސް އެމްއެންޑީއެފުން ވެސް ބުންޏެވެ.

ޗައިނާގެ މީޑިއާތަކުން އިއްޔެ ރިޕޯޓްކުރި ގޮތުގައި "ލޯންގް މާޗް-5ބީ" ވެހިކަލްގެ ބޮޑު ބައެއް ދުނިޔެ އަށް ވެއްޓޭނެ ކަމަށާއި އޭގެ ބަރުދަނުގައި 18 ޓަނު ހުންނާނެ ކަމަށް ބެލެވޭ ކަމަށް ބުނެފައިވެ އެވެ. އެއީ މިއިން ޒަމާނަކު ދުނިޔެއަށް ނުވެއްޓޭވަރުގެ ބޮޑު ބައެކެވެ.

އެ ރޮކެޓްގެ ބޮޑު ބައެއް ދުނިޔޭގެ ސަތަހައިގެ ތެރޭގައި އޮތް އިރު އަނދާފައިވާ ކަމަށް ޗައިނާގެ ޖައްވީ އިދާރާ އިން ބުނެފައިވެ އެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން ވެސް ދުނިޔެ އަށް ރޮކެޓެއްގެ ބައިތަކެއް ވެއްޓުނެވެ. އެ ފަހަރު ރޮކެޓުގެ ބައިތައް ވެއްޓުނީ އެފްރިކާގެ އައިވަރީ ކޯސްޓަށެވެ.