ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނާވަތު ކޮވިޑް-19 އަށް ޕޮޒިޓިވްވި ވާހަކަ މިދިޔަ ހޮނިހިރު ދުވަހު އިންސްޓަގްރާމްގައި އާންމުކުރި ޕޯސްޓް އިންސްޓަގްރާމުން ޑިލީޓްކޮށްފި އެވެ.

އެ ވާހަކަ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށް އޭނާ ބުނީ ޕޯސްޓް ޑިލީޓްކޮށްލި ކަމަށް ގަބޫލުކުރެވެނީ "ކޮވިޑް ބަލި ތަޅައި ތިރިކޮށްލާނެ" ކަމަށް ބުނެފައިވާތީ ކަމަށެވެ. އޭނާ ބުނީ އިންސްޓަގްރާމްގެ އެ ފިޔަވަޅާ އެކު ދެން މާ ގިނަ ދުވަހަކު އެ ޕްލެޓްފޯމްގައި ވެސް ނުހުރެވޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

ކަންގަނާ ޓްވިޓާގެ އުސޫލުތަކާ ތަކުރާރުކޮށް ހިލާފުވާތީ މީގެ ހަފުތާއެއްހާ ދުވަސް ކުރިން ޓްވިޓާ އިން ބޭރުކޮށްލައިފަ އެވެ.

އަމިއްލަ ފޮޓޯއަކާ އެކު، ކޮވިޑް ޖެހުނު ވާހަކަ ހާމަކުރި އިންސްޓަގްރާމް ޕޯސްޓްގައި ކަންގަނާ ކޮވިޑް ސިފަކޮށްފައި ވަނީ އާދައިގެ ހުމެއްގެ ގޮތުގަ އެވެ. އަދި އެ ބަލީގެ ވާހަކަ ބޮޑުކޮށްލީ "މީޑިއާ އިން" ކަމަށާއި "އެކަމާ ހުރެ މީހުން ކަންބޮޑުވަނީ" ކަމަށް ބުނެފައިވެ އެވެ.

ކަންގަނާގެ އިންސްޓަ ޕޯސްޓް.
ކަންގަނާގެ އިންސްޓަ ޕޯސްޓް.

"އެހެން ބާރެއްގެ މައްޗަށް އަމިއްލަ ނަފުސު ދޫކޮށްނުލާތީ. ބިރުގަންނާނެ ކަމެއް ނެތް. ބިރުގަންނަ ކަމަށް ވަންޏާ އެކަމެއް [ބައްޔެއް] ތިމާ މާ ބޮޑަށް ބަލިކޮށްލާނެ،" ކަންގަނާގެ ޕޯސްޓްގައިވެ އެވެ. "[ޔަގީނުން ވެސް] އަހަރެން ކޮވިޑާ ހަނގުރާމަކޮށް ބަލިކޮށްލާނަން."

ފޭސްބުކްގެ ދަށުން ހިންގާ އިންސްޓަގްރާމުން ކަންގަނާގެ ޕޯސްޓް ޑިލީޓްކުރި އިރު، ހަމަ އެ ޕޯސްޓް އޭނާ ފޭސްބުކްގައި ވެސް ހިއްސާކުރި އެވެ. އަދި އެ ޕޯސްޓް ވެސް މިހާރު ކަންގަނާގެ ޕޭޖަކު ނެތެވެ.