ސްރީލަންކާގައި ދިރިއުޅެމުން އަންނަ ރާއްޖޭގެ 19 ދަރިވަރަކު އެސްއެސްސީ އިމްތިހާނު ފުރިހަމަކޮށްފި އެވެ.
އެ ދަރިވަރުންގެ އެސްއެސްސީ އިމްތިހާނު ކުރިއަށް ގެންގޮސްފައި ވަނީ އެ ގައުމުގައި ދިވެހި ސަރުކާރުން ހިންގަމުން އަންނަ މޯލްޑިވިއަން އެޑިޔުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރު (އެމްއީސީސީ) ނުވަތަ ސޯސަންވިލާގަ އެވެ.
އެ އިމްތިހާނުގައި ބައިވެރިވި 19 ދަރިވަރުންގެ ތެރެއިން 13 ދަރިވަރުންނަކީ ސޯސަންވިލާގެ ދަރިވަރުންނެވެ. އަނެއް ހަ ދަރިވަރުންނަކީ އަމިއްލަ ގޮތުން އިމްތިހާނުގައި ބައިވެރިވި ދަރިވަރުންނެވެ.
އެ ދަރިވަރުންގެ އިސްލާހު އިމްތިހާނު މިމަހުގެ ދޭއް އަދި ތިން ވަނަ ދުވަހު އޮތްއިރު ދިވެހި އިމްތިހާނު ބާއްވާފައި ވަނީ މިމަހުގެ އަށެއް އަދި ނުވަ ވަނަ ދުވަހު އެވެ. އެއީ ރާއްޖޭގައި ވެސް އިމްތިހާނު ބޭއްވި ތާރީހުތަކެވެ.
އެސްއެސްސީ އިމްތިހާނަށް ސޯސަންވިލާގެ ދަރިވަރުން ދުރާލައި ތައްޔާރުވަމުން އައިއިރު އެ ކުދިން އިމްތިހާނަށް ތައްޔާރުކުރުމަށް އިތުރު ކްލާސްތަކެއް ވެސް އެތަނުން ކުރިއަށް ގެންދިޔަ އެވެ.
ސޯސަންވިލާއަކީ ސްރީލަންކާގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް ދިވެހި، އިސްލާމް، ގުރުއާން ކިޔަވައި ދެމުން އަންނަ ތަނެކެވެ. އެތަނުގައި ނާސަރީން ފެށިގެން ގްރޭޑް ދިހައަކަށް ކިޔަވައި ދެމުން ގެންދެއެވެ. އެގޮތުން ކިޔަވައި ދެނީ ދިވެހި ޓީޗަރުންނެވެ.