އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާގެ ބޮޑު ބައެއް ޖަމާކުރި އެސްއޯއެފް ކުންފުނިން ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ގެ ޗަމްޕާ ބްރަދާސް ކުންފުންޏަށް ދޫކޮށްފައިވާ 3.5 މިލިއަން ޑޮލަރު (54 މިލިއަން ރުފިޔާ) ގެ މައްސަލާގައި މަނީ ލޯންޑަރިންގެ ތުހުމަތުކޮށް، ޖަވާބުދާރީވާން އެސެޓް ރިކަވަރީ ކޮމިޝަނުން އަންގާފައިވާކަން އެނގިއްޖެ އެވެ.

އެސްއޯއެފުން ސަރުކާރުގެ ކުންފުނިތައް ވެސް ހިމެނޭ ގޮތުން، ރާއްޖޭގެ އެންމެ ބޮޑެތި ކުންފުނިތަކަށް ޑޮލަރުގެ މުއާމަލާތު ކޮށްފައި ވާއިރު އެއީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށް އަންނަނީ ބުނަމުންނެވެ.

އެނގިފައިވާ ގޮތުން ޗަމްޕާ ބްރަދާސް އިން ޖަވާބުދާރީވާން އަންގާފައިވަނީ 2014 ވަނަ އަހަރާއި 2015 ވަނަ އަހަރާ ދެމެދު ކޮށްފައިވާ މުއާމަލާތުތަކަކާ ގުޅިގެންނެވެ. މައްސަލަ ތަހުގީގުކުރާ، ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނުން ކޮށްފައިވާ ތުހުމަތުގައި ބުނެފައިވަނީ އެ ފައިސާ ޗަމްޕާ ބްރަދާސްގެ އެކައުންޓްތަކަށް ޖަމާކޮށްފައިވަނީ ފައިސާގެ އަސްލު އޮޅުވާލައި، އެ ފައިސާއާ ގުޅޭ ހައްގުތައް ސިއްރު ކުރަންކަން ތަހުގީގަށް ފާހަގަކުރެވޭ ކަމަށެވެ.

މިއީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ކުށަކަށް ވާތީ އެކަމުގައި ޖަވާބުދާރީވާނެ ފަރާތެއް ކުންފުނިން ކަނޑައަޅައި އެކަން މިދިޔަ މާޗު 15 ކުރިން ކޮމިޝަން އަންގަން ވަނީ ބުނެފަ އެވެ. ނަމަވެސް އެނގިފައިވާ ގޮތުން މި ތުހުމަތާ ގުޅިގެން އަދި ތަހުގީގަށް ސުވާލެއް ނުކުރެ އެވެ.

އެސްއޯއެފްގެ ފައިސާ ޖަމާވި ކުންފުނިތަކުގެ ތެރެއިން ބައެއް ކުންފުނިތަކަށް އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ތަހުގީގަށް ބޭނުންވާ މައުލޫމާތު ދޭން އަންގައިފަ އެވެ. މި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ، އޭދަފުށީ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހްމަދު ސަލީމްގެ ރެޑްވޭވް ކުންފުންޏަށް ވެސް ވަނީ ޖަވާބުދާރީވާން އަންގައި ތަހުގީގަށް ހާޒިރުކޮށްފަ އެވެ.

އެމްއެމްޕީއާރްސީން ވިއްކި ރަށްތަކާއި ފަޅުތަކުން ލިބުނު ފައިސާގެ ބޮޑު ބައެއް އެސްއޯއެފާއި އެހެން ބައެއް ކުންފުނިތަކުގެ އެކައުންޓަށް ޖަމާކޮށް ހިންގި ޚިޔާނާތުގެ ތެރެއިން މަންފާވި ފަރާތްތަކުގެ ގޮތުގައި ކޮމިޝަނުން އެކުލަވައިލި ލިސްޓެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މިދިޔަ ހަފުތާގައި ވަނީ އާންމުކޮށްފަ އެވެ. އޭގައި ސަރުކާރާއި ކުންފުނިތަކާއި ކޮމިޝަންތަކުގެ އިސް މީހުންނާއި ވިޔަފާރި ކުންފުނިތައް ވެސް ހިމެނެ އެވެ. ކޮމިޝަނުން ބުނެފައިވަނީ އެ ލިސްޓުގައިވާ އެންމެންނަކީ ޚިޔާނާތުގެ ބައިވެރިން ކަމަށް ބަލައިގެން ނުވާނެ ކަމަށާއި ތަހުގީގުކޮށް އިތުރަށް ބަލަންޖެހޭ ކަމަށެވެ.