ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ލައިވްކުރަން އެންމެފަހުން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނާއި ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތް ލައިވްކުރަން ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގަންނަވަމުންދާތާ ދުވަސްތަކެއްވެއްޖެ އެވެ.
ކްރިމިނަލް ކޯޓުން މިއަދު ބުނީ އެ މައްސަލަތަކުގެ އަޑުއެހުންތައް އެ ކޯޓުގެ ޔޫޓިއުބް މެދުވެރިކޮށް ލައިވްކޮށް ދައްކާނެ ކަމަށެވެ. މާދަމާ މެންދުރު ފަހު 1:00 އަށް ޝަރީއަތް ތާވަލްކޮށްފައި ވާއިރު އެ ޝަރީއަތް ލައިވްކުރާނެ އެވެ.
އެ މައްސަލަތަކުގެ އިބްތިދާއީ މަރުހަލާ ނިމި، ޝަރީއަތުގެ މަރުހަލާ ފެށުމާއެކު އަޑުއެހުންތައް ލައިވްކުރާނެ ކަން ކުރިން ވެސް ކޯޓުން އޮތީ އިއުލާންކޮށްފަ އެވެ. އެ ދެ މައްސަލާގައި ވެސް އިބްތިދާއީ މަރުހަލާ ނިމުމާ ގާތަށް މިހާރު ވަނީ ގޮސްފަ އެވެ.
މީގެކުރިން ގއ. ވޮޑަމުލާ ކުއްޔަށް ދިން މުއާމަލާތާ ގުޅިގެން ޔާމީނަށް ކުރި ދައުވާގެ އަޑުއެހުންތައް ވެސް ކްރިމިނަލް ކޯޓުން ލައިވްކޮށް ދެއްކި އެވެ. އެ މައްސަލާގައި ޔާމީނަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން މިދިޔަ އަހަރު ވަނީ ބާތިލްކޮށްފަ އެވެ.