ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ސީއީއޯގެ މަގާމުން މުހައްމަދު ހަބީބު މިއަދު ވަކިކޮށްފި އެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އުފައްދާފައިވާ އެޖެންސީ ހިންގަން މި އަހަރުގެ ޖެނުއަރީ 18 ގައި އައްޔަންކުރި ހަބީބު ވަކިކުރީ އެ އެޖެންސީގެ ހިންގާ ބޯޑުންނެވެ. އެއީ، ޕްރޮބޭޝަންގެ މުއްދަތުގައި ހަބީބު ކުރެއްވި މަސައްކަތުގެ އިވެލުއޭޝަނުން ރަނގަޅު ނަތީޖާއެއް ނެރެދެވިފައި ނުވާތީ ކަމަށް ވެސް އެނގިފައި ވެ އެވެ.
އެހެންވެ، ސީއީއޯއެއް ހަމަޖެހެންދެން އެ އެޖެންސީގެ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ އެންޑީއޭގެ ޒިންމާދުވެރިޔާ އައިޝަތު ވަހީދާއަށެވެ.
ސީއީއޯގެ މަގާމުން ހަބީބު ވަކިކުރިއިރު، މި މަހުގެ ފަސް ވަނަ ދުވަހު ރައީސް އޮފީހުން ވަނީ އެންޑީއޭގެ ހިންގުން ޖެންޑާ މިނިސްޓްރީގެ ދަށުން ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދީ މުޖުތަމައަށް ނެރުމުގެ މަސައްކަތްތައް ހަވާލުކޮށްފައިވާ އެންޑީއޭ އަށް ސީއީއޯއެއް ވެސް އައްޔަންކުރީ، ކުރިން އެ މަގާމުގައި ހުންނެވި ހަސަން ޝަހީލް އިސްތިއުފާ ދެއްވިތާ ހަތަރު މަސް ފަހުންނެވެ. އެކަމަކު، ހަތަރު މަސް ފަހުން އަނެއްކާ ވެސް އެ މަގާމު މި ހުސްވީ އެވެ.
ޝަހީލް ސެޕްޓެމްބަރު 27، 2020 ގައި މަގާމުން އިސްތިއުފާ ދެއްވީ މަސްތުވާތަކެތި ބޭނުންކުރާ މީހުން މެދުވެރިކޮށް، ބަޔަކު އަޑީގައި ތިބެގެން އަބުރު ކަތިލައި އިންޒާރު ދެމުންދާ ކަމުގެ ތުހުމަތު ކުރައްވަ އެވެ.
"މިހާރު" އަށް އެންޑީއޭއިން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވީ އެ އިދާރާ ދުވަހުން ދުވަހަށް ހިންގުމަށް ބޯޑުގެ ޕްރެޝަރު ވަރަށް ބޮޑު ކަމަށެވެ. އެކަށީގެންވާ ވަސީލަތްތައް ނެތުމުން "ކުޅެވެނީ ހަމައެކަނި ޑިފެންސަށް" އެކަނި ކަމަށް ވިދާޅުވި އެވެ.
"ތަންކޮޅެއްގައި ރޯވީމާ އެ ތަންކޮޅު ނިއްވާލާފައި، އަނެއް ތަންކޮޅުގައި ރޯވީމާ އެތަން ނިއްވާލާފައި، އެ ގޮތަށް މި މަސައްކަތް ކުރެވެނީ،" އޭނާ ވިދާޅުވި އެވެ.