މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމުގެ ކަންކަން ހަމަޖައްސާ ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އަށް ހަތަރު މަސް ފަހުން ސީއީއޯއެއް އިއްޔެ ހަމަޖައްސައިފި އެވެ.
އެ އެޖެންސީ ހިންގާ ޖެންޑާ މިނިސްޓްރީން ބުނީ، އެންޑީއޭގެ ސީއީއޯގެ މަގާމަށް މުހައްމަދު ހަބީބް ހަމަޖައްސާފައިވާ ކަމަށެވެ. އޭނާއަކީ އިންޓަނޭޝަނަލް ކޮލެޖް އޮފް ބިޒްނަސް އެންޑް ޓެކްނޮލޮޖީން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.
މަސްތުވާތަކެތެއްޗާ ބެހޭ ގާނޫނުގެ ދަށުން މީގެ ނުވަ އަހަރު ކުރިން އުފެއްދި އެންޑީއޭގެ ސީއީއޯއަކަށް އެންމެ ފަހުން ހުންނެވީ ހަސަން ޝަހީލެވެ. ނަމަވެސް މަސްތުވާތަކެތި ބޭނުންކުރާ މީހުން މެދުވެރިކޮށް، ބަޔަކު އަޑީގައި ތިބެގެން އަބުރު ކަތިލައި އިންޒާރު ދެމުންދާ ކަމުގެ ތުހުމަތުކޮށް އޭނާ ވަނީ ސެޕްޓެމްބަރު 27، 2020 ގައި މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
އެހެންވެ ސީއީއޯއެއް އައްޔަންކުރުމާ ހަމައަށް އެންޑީއޭ ހިންގުމުގައި އިސްކޮށް ހުންނެވީ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަލީ ޝަރީފެވެ.
ތިން ވަނަ ފަހަރަށް އިއުލާނުކޮށް އެންޑީއޭ އަށް ސީއީއޯއެއް ހަމަޖައްސާފައިވަނީ އެ އެޖެންސީ އާއި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ދޭ ފަރުވާ ބަދަލުކުރަން ގޮވާލައި ސޯޝަލް މީޑިއާގައި ވަރުގަދަ ކެމްޕެއިނެއް ކުރަމުންދާ ދަނޑިވަޅުގަ އެވެ. އެގޮތުން "ހޭންޑްސްޓުގެދާ" ނަމަކަށް ކިޔާ ޖަމިޔާއަކުން އަންނަނީ އެންޑީއޭ ރިފޯމްކުރަން ގޮވާލައި ޕެޓިޝަނެއް ތައްޔާރުކުރަމުންނެވެ.
ކޮންޓްރެކްޓް އުސޫލުން ތިން އަހަރަށް އައްޔަންކުރާ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ފަދަ ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ މާސްޓާސް ޑިގްރީއެއް ހާސިލްކޮށްފައިވުމާ އެކު ހިންގުމުގެ ދާއިރާގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ހިމެނެ އެވެ. މުސާރައިގެ ގޮތުގައި މަހަކު 18،000ރ. އާއެކު 1،000ރ. ގެ ފޯން އެލަވަންސް އަދި ލިވިން އެލަވަންސް އަށް 12،500ރ. އާއެކު ޖުމްލަ 31،500ރ. ލިބޭނެ އެވެ.
ހަބީބް ވަނީ ހިންގުމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވައި ޕޯސްޓް ގްރެޖުއޭޓް ފެންވަރަށް ކިޔަވައިދެއްވާ ލެކްޗަރާއެކެވެ. އޭނާ މަސައްކަތްކުރެއްވި ތަންތަނުގެ ތެރޭގައި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އާދި ދިރާގު ހިމެނެ އެވެ.