ފަރުވާގެ ނިޒާމު ހަރުދަނާކޮށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ކަންކަން އިސްލާހު ކުރަން ގޮވާލައި އެ އެޖެންސީ ކުރިމަތީގައި މިއަދު މުޒާހަރާކޮށްފި އެވެ.
ގާނޫނާ އެއްގޮތަށް މިދިޔަ ނުވަ އަހަރު ކަންތައް ނުކުރި ސަބަބު ބަލައި ފިޔަވަޅު އެޅުމަށް ގޮވާލައި ހައެއްކަ މީހުން މިއަދުގެ ހަރަކާތުގައި ބައިވެރިވި އެވެ. އެކަމަކު އެ ސަރަހައްދު ބަލަހައްޓަން ތިބި ގިނަ އަދަދެއްގެ ފުލުހުން ވަނީ ފަހުން އެ މީހުން ފޮނުވާލައިފަ އެވެ.
މަސްތުވާތަކެއްޗާ ގުޅޭ އެކި ޝުއޫރު ފާޅުކޮށްފައި ހުރި ބޯޑުތަކާއި ޕޯސްޓަރުތައް ވެސް އެ ސަރަހައްދުގައި ބެހި އެވެ. އޭގައި ވެސް އެންމެ ބޮޑު ކަންބޮޑުވުމަކަށް ފާހަގަކޮށްފައިވަނީ ފަރުވާގެ ނިޒާމު ބޮއްސުންލާފައި ވުމެވެ.
އެންޑީއޭ އިސްލާހުކުރަން ގޮވާލައި މުޒާހަރާކުރަން ހުރި އެކަކަކީ، މަސްތުވާތަކެތި މައްސަލައެއްގައި މީގެ އެތައް އަހަރެއް ކުރިން 25 އަހަރަށް ޖަލަށް ލުމަށް ހުކުމްކުރި މަޝްހޫރު ލަވަކިޔުންތެރިޔާ އީސާ އަބްދުﷲ އެވެ. އޭނާ ބުނިގޮތުގައި، މީގެ ނުވަ އަހަރަު ކުރިން އުފެއްދި އެޖެންސީއާ ގުޅޭ ގިނަ ކަންބޮޑުވުންތަކެއް ހިއްސާކޮށްފައިވާ ކަމަށެވެ.
ނަމަވެސް އެތަނަށް އެއްވެސް ކުރިއެރުމެއް ނުލިބި ކަންކަން ބޮއްސުންލައިގެން ގޮސްފައިވާ ކަމަށް އޭނާ ބުންޏެވެ.
ހިންމަފުށީ ރިހިބިލިޓޭޝަން ސެންޓަރުގައި އަހަރެއް ވަންދެން މަސައްކަތް ކުރުމުން އެތަނުގެ ތެރޭގެ ހުރިހާ ކަމެއް އެނގިފައިވާ ކަމަށް ވެސް ބުންޏެވެ.
ގާނޫނުގައި އަންހެނުންނަށާއި ކުޑަކުދިންނަށް ހާއްސަ ޑިޓޮކްސް ސެންޓަރާއި ރިމާންޑު ސެންޓަރެއް ހުންނަންޖެހޭ ކަމަށް ބަޔާންކުރިއަސް ނުވަ އަހަރު ވެގެންދިޔައިރު ވެސް އެ ސެންޓަރު ގާއިމްނުކުރެވި ދަނީ ދިގުލައިގެންނެވެ. އެ ކަންތައްތަކާ މެދު ވެސް އެ މީހުން ވަނީ އަޑުއުފުލައިފަ އެވެ.