ފަލަސްތީނުގެ ދިދައެއް މިއަދު ލިބޭނީ ނަސީބު ހުރި މީހަކަށެވެ. އިޒްރޭލުން ފަލަސްތީނަށް ދޭ ހަމަލާތަކާ ދެކޮޅުހަދައި ފަލަސްތީނާ އެކުގައި ތިބިކަން ހާމަކުރުމަށް ބާއްވާ އިވެންޓަށް ދިދަ ހޯދަން ބޭނުންވާ މީހުން ކުއްލިއަކަށް ގިނަވީ އެވެ. ދިދަ ހިލޭ ބަހާ މީހުންނާއި ވިއްކާ މީހުން ވެސް އެބަ އުޅެ އެވެ.
މި ޒުވާނުން ނުކުމެ ދިދަތައް ބަހާލީ އެވެ.
ދިދަ ހޯދަނީ މިއަދު ހަވީރު 4:00 ގައި ކޮންމެ މީހަކު ވެސް އެ މީހަކު ހުރި ތަނަކުން ޝުއޫރު ފާޅުކުރާ ގޮތަށެވެ. ކޮންމެ ގެއަކުން ވެސް ފަލަސްތީނު ދިދަ އާއި ދިވެހި ދިދަ ހިފައިގެން ދޮރުމައްޗަށް ނުވަތަ ބެލްކަންޏަށް ނުކުތުމަށް ވަނީ އެދިފަ އެވެ.
މި ޒުވާނުން ވަނީ ރަސްފަންނާއި ހެންވޭރު އާޓިފިޝަލް ބީޗު އަދި ހުޅުމާލޭގައި ވެސް ދިދަ ބަހައިފަ އެވެ. އަދި ގޭގެއަށް ގޮސްގެން ވެސް ދިދަ ބެހި އެވެ.
"އަޅުގަނޑުމެން ބޭނުންވާ އިޒުރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް އަޅުގަނޑުމެން ދިވެހިންގެ ތެރެއިން ވެސް ގިނަ ބަޔަކު މިކަމާ އަޑުއުލުމަށް،" ދިދަ ބެހުމުގައި އުޅުނު ޒުވާނަކު ބުންޏެވެ.
މާލެ، ހުޅުމާލެ އަދި ހުޅުލެއާ ދެމެދު ދަތުރުކުރާ އެމްޕީއެލްގެ ބަސްތަކާއި ޓެކްސީތަކާއި އަދި އާންމުންގެ ސައިކަލުތަކާއި ގޭގެ ބޭރުގައި ވެސް ފަލަސްތީނުގައި ދިދަ މިއަދު ހަރުކޮށްފައި އެބަހުއްޓެވެ.
އިޒްރޭލާ ދެކޮޅަށް މުޅި ދުނިޔޭގައި ވެސް މިހާރު އަޑު އުފުލަމުން އަންނަނީ، އެއްގަމާއި ކަނޑާއި ވައިގެ މަގުން ވެސް ބަންދުކޮށްފައި އޮންނަތާ އެތައް އަހަރެއް ވެފައިވާ ގާޒާގައި ނިކަމެތި ހާލުގައި އުޅެމުންދާ އާންމުންނަށް ދޭން ފެށި ވަރުގަދަ ހަމަލާތަކާ ގުޅިގެންނެވެ.
ފަލަސްތީނުގެ އެތައް އާއިލާއެއް ގެއިން ނެރެ، ޔަހޫދީން ވަޒަންވެރިކުރުމުގެ މަސައްކަތްތަކެއް ފެށުމުން އުފެއްދުނު ހަމަނުޖެހުންތަކަށް ފަހު އިޒްރޭލު ފުލުހުން ވަނީ އަގްސާ ހަރަމްފުޅުމުގައި މުސްލިމުން ރޯދަ މަހުގެ 27 ވިލޭރޭ އަޅުކަމުގައި ތިއްބާ އެތަނަށް ވަދެގަނެ އެތައް ގެއްލުމެއް ދީފަ އެވެ. އޭގެ ފަހުން ފަލަސްތީނުގެ ޖަމާއަތްތަކުން ވެސް އިޒްރޭލަށް ރޮކެޓުން ހަމަލާ ދެމުން ދާއިރު އިޒްރޭލުން ދިފާއުގައި ކަމަށް ބުނެ ކޮންމެ ދުވަހަކު ދަނީ ބޮމުގެ އެތައް ހަމަލާއެއް ދެމުންނެވެ.
މި ހަމަލާތަކުގައި ފަލަސްތީނުގެ އެތައް ރައްޔިތުންނެއް ދަނީ ޝަހީދުވަމުންނެވެ.