ދިވެހިން ފަލަސްތީނާ އެކު ތިބިކަން އަންގައިދޭން މިއަދު މުޅި ރާއްޖޭގައި ފަލަސްތީނުގެ ދިދަތައް ވިހުރުވާލައިފި ޝުއޫރު ފާޅުކޮށްފި އެވެ. މާލޭގެ އިތުރުން ވަރަށް ގިނަ ރަށްރަށުން މި ހަރަކާތުގައި ބައިވެރިވެ، އިޒުރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް، އަޑުއުލާފައިވެ އެވެ.
ޒުވާނުންތަކެއްގެ އިސްނެގުމަށް ކުރިއަށް ގެންދިޔަ މި ހަރަކާތަށް ބޮޑު ތަރުހީބެއް ލިބި ވެރިންނާއި އާންމުން ވެސް ބައިވެރިވި އެވެ.
"އަހަރެމެން ގިނަ ކަންކަމާ ދެބަސްވިޔަސް، ހުރިހާ ދިވެހިން ވެސް އެއްބަސްވާ އެއް ކަމެއް އެބަ އޮތް. އެއީ ފަލަސްތީން މިނިވަންކުރަންޖެހޭ،" މާލޭގެ ގެއެއްގެ ދޮރުމައްޗަށް ފަލަސްތީނުގެ ދިދައެއް ހިފައިގެން ނުކުމެ ހުރި އުމުރުން ދުވަސްވީ މީހަކު ބުންޏެވެ.
ދިދައިގެ އިތުރުން ފަލަސްތީނުގެ ދިދައިގައި ހުންނަ ކުލަތަކުގެ ފުއްޕާހަމާއި ފޮތި ވެސް އެކި ގޭގެ އާއި މަގުތަކުގައި އެލުވައިފައި ހުއްޓެވެ.
އޭނާ ބުނި ގޮތަށް ފަލަސްތީނު މިނިވަންކުރުމަށް ގޮވާލާއި މި ހަރަކާތާ އެކު އަހަރެމެން ދިވެހިން އަނެއްކާ ވެސް މި ފެންނަނީ ވަރަށް އެއްބައިވަންތަ ބައެއްގެ ގޮތުގަ އެވެ. ކުޑައެއް ބޮޑެއް ނެތި، ހުރިހާ އެންމެންގެ ބައިވެރިވުމާ ވެސް އެކީގައި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަޑުއުފުލައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ މި ހަރަކާތުގައި ބައިވެރިވެވަޑައިގަތުމުގެ ގޮތުން، ރާއްޖޭގެ ރައްޔިތުން ފަލަސްތީނާ އެކު ތިބިކަމަށް ވިދާޅުވެ، އެ ގައުމު މިނިވަންކުރުމަށް ގޮވާލައި، ފަލަސްތީނުގެ ދިދައަކާ އެކު ޓުވީޓެއް ކުރައްވައިފަ އެވެ. އެމަނިކުފާނުގެ އިތުރުން ސަރުކާރު އިތުރު ވެރިންނާއި މިނިސްޓަރުންނާއި އަދި ރައްޔިތުންގެ މަޖިލިސް މެމްބަރުން ވެސް ވަނީ ފަލަސްތީނުގެ ދިދައާ އެކު ގޭގައި ތިއްބަވައިގެން ނަންގަވާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ޕޯސްޓްކުރައްވައިފަ އެވެ.
"ފަލަސްތީނުގެ ރައްޔިތުންނާ އެކު ތިބިކަން އަންގައިދިނުމަށްޓަކައި މި ގޭގެ ބެލްކަނީގައި އެލުވާފައިވާ އެ ގައުމުގެ ދިދަ އަކީ އަހަރެންގެ އަމިއްލަ އަތުން ފެހި ދިދައެއް،" މީހަކު ކުރި ޓުވީޓެއްގައި ބުނެފައިވެ އެވެ.
ފަލަސްތީނުގެ ދިދަ އަމިއްލަ އަތުން ފަހައިގެންނާއި ގަނެގެން ވެސް މީހުން ބޭނުންކުރި އެވެ. އެތައް ބަޔަކު މަގުތަކަށް ނުކުމެ ދިދަތައް ހިލޭ ބަހައިލި އެވެ. ސޯޝަލް މީޑިއާ އިންފްލުއެންސާ އަދި މޮޑެލް ކައިޒީން ވެސް ވަނީ ފަލަސްތީނުގެ 3،000 ދިދަ ހިލޭ ބަހައިފަ އެވެ. އަދި ބައެއް ފަރާތްތަކުން ފަލަސްތީނުގެ ދިދަ ވިއްކައިގެން، ލިބޭ ފައިސާ އެ ގައުމުގެ ރައްޔިތުންނަށް އެހީވުމަށް ހަދިޔާކުރަން ވެސް ވަނީ ނިންމައިފަ އެވެ.
އެމްއެންޑީއެފްގެ ބަންޑާރަކޮށީގެ އާ އިމާރާތުގައި ހުންނަ ބޮޑު ސްކްރީން ވެސް ވަނީ ފަލަސްތީނުގެ ދިދައަކުން މިއަދު ދިއްލާލައިފަ އެވެ.
ކޮވިޑްގެ ހާލަތު ގޯސްވެފައި އޮތް ރާއްޖޭގައި ސިއްޚީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ކޮވިޑްގެ ރޭންޑަމް ސާމްޕްލިން ނަގަން މަގުތަކުގައި ތިބި މީހުންގެ ޕީޕީއީގައި ވެސް ފަލަސްތީނުގެ ދިދަ ކުރަހައި އެ ގައުމު މިނިވަންކުރުމަށް ގޮވާލައިފައިވެ އެވެ. ގޭގައި ތިބެގެން މި ހަރަކާތް ކުރިއަށް ގެންދަން ނިންމީ ވެސް ކޮވިޑްގެ ހާލަތު ރާއްޖޭގައި ގޯސްވެފައި އޮތުމުންނެވެ. އެކަމަކު މިކަމަށް ލިބުނީ ހީވެސް ނުކުރާ ވަރުގެ ބޮޑު ތަރުހީބެކެވެ.
އިޒްރޭލާ ދެކޮޅަށް މުޅި ދުނިޔޭގައި ވެސް މިހާރު އަޑު އުފުލަމުން އަންނަނީ، މިދިޔަ ރޯދަ މަހުގެ ފަހު 10 އަކުން ފެށިގެން އިޒުރޭލުން އެ ގައުމަށް ދެމުން އަންނަ ހަމަލާތަކުގައި އެތައް މީހަކު ޝަހީދުވެ، ޒަހަމްވެ އަދި ހާލުގައި ޖެހެމުންދާތީ އެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް ދިވެހިންގެ ހިތުގައި އޮތް ލޯތްބާއި ކުލުނު މިއަދު ފެނިއްޖެ އެވެ. ދިވެހިން މި ތިބީ ފަލަސްތީނާއެކު އެވެ. ފަލަސްތީނު މިނިވަންވާނެ ދުވަހެއްގެ އުއްމީދުގަ އެވެ.