އައްޑޫން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާރު 38 މީހަކު ބަލިން ރަނގަޅުވެފައިވާ އިރު، އިއްޔެ ނުވަ މީހަކު އަލަށް ޕޮޒިޓިވްވެފައިވާ ކަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އީއޯސީ) އިން އިއްޔެ ބުނެފި އެވެ.
އެތަނުން އާންމުކުރި އައްޑޫގެ ކޮވިޑާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، މިދިޔަ މަހުން ފެށިގެން ބަލިޖެހޭ މީހުން އިތުރުވި ފަހުން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 201 އެވެ. މިހާރު ކޮވިޑް ޕޮޒިޓިވް މީހުންގެ ޖުމުލަ އަކީ 163 އެވެ.
އައްޑޫގެ ކޭސްތައް ބެހިފައިވާ ގޮތަށް ބަލާ އިރު 92 ކޭހާ އެކު ބަލި މީހުން އެންމެ ގިނައީ ހިތަދޫގަ އެވެ. ދެން ހުޅުދޫން 14، ފޭދޫން 12، މީދޫން ނުވައެއް މަރަދޫން ހައެއް އަދި މަރަދޫފޭދޫން އެއް ކޭހެވެ. މީގެ އިތުރުން ރިސޯޓަކުން ޕޮޒިޓިވްވި އަދަދަކީ މިހާރު ދޭކެވެ.
އައްޑޫގައި ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން މިހާރު ފަރުވާދެނީ ދެ މީހަކަށެވެ. އޭގެ ތެރެއިން އުމުރުން ދުވަސްވީ މީހަކު އޮތީ ވެންޓިލޭޓަރުގައި ކަމަށް އީއޯސީ އިން ބުންޏެވެ.
ކޮވިޑާ ގުޅިގެން މި މަހުގެ 1 އިން ފެށިގެން އައްޑޫ މޮނިޓަރިންގެ ހާލަތުގައި އޮތް އިރު ޖުމުލަ 3،097 ސާމްޕަލް ނަގާފައިވެ އެވެ. އަދި ޑައިރެކްޓް ކޮންޓެކްޓުންގެ އަދަދަކީ 514 އެވެ.
އައްޑޫގެ ބައެއް އަވަށްތަކުން މިއަދު ރެންޑަމް ސާމްޕަލް ނަގަން ހަމަޖެހިފައިވާއިރު، މިހާތަނަށް ކޮވިޑަށް ޕޮޒިޓްވި މީހުންގެ ތެރެއިން ބައެއް މީހުންނަކީ ރޭންޑަމް ސާމްޕަލްތަކުް ޕޮޒިޓިވްވި މީހުންނެވެ. އެހެންވެ، ކޮމިނިއުޓީ ސްޕްރެޑެއް އޮތް ކަމަށް ގަބޫލު ކުރެވޭތީ އޭއޯސީ އިން ވަނީ ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް އާންމުން ވަރަށް ބޮޑަށް ބޯލެނބުމަށް އިލްތިމާސްކޮށްފަ އެވެ.
އައްޑޫގައި މިހާރު އަންނަނީ ހަވީރު 4:00 އިން ފަތިހު 4:00 އަށް ކާފިއު ވެސް ހިންގަމުންނެވެ.