މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހދ. ކުޅުދުއްފުށީގައި ޒުވާނަކު ރަހީނުކުރި މައްސަލައާ ގުޅިގެން ދެ މީހަކު ރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ 24 އަހަރުގެ މީހަކާއި 25 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށެވެ.
މޫނު ނިވާކޮށްގެން ތިބި ބަޔަކު 29 އަހަރުގެ މީހަކު ކާރަކަށް އަރުވައިގެން ގެންގޮސް އަނިޔާކުރި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން، އެ ކާރު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
އެ ހާދިސާގައި އަނިޔާވި މީހާއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު އިތުރު ފަރުވާދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލުގަ އެވެ.
އޭނާގެ ބޮލުގައި ދަގަނޑަކުން ޖެހުމުގެ ސަބަބުން ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑި އަށް ލޭ އެޅިފައިވާއިރު އޭނާއަށް ފަރުވާދެމުން އަންނަނީ އައިސީޔޫގަ އެވެ. އޭނާގެ ހާލު އަދިވެސް ސީރިއަސް އެވެ.